ލޯކަލް ކައުންސިލް އިންތިޚާބާއި ތިނަދޫ

ލޯކަލް ކައުންސިލް އިންތިޚާބާއި ތިނަދޫ

އިތުރު އައު ދައުރެއް ފެށުމަށްޓަކައި އަނެއްކާވެސް އައު އިންތިޚާބެއް  ބޭއްވުމުގެ ތައްޔާރީ ތައް ވަމުންދަނީއެވެ. މިއީ ތިނަދޫގެ އެންމެ ގިނަ ބަޔަކު ވާދަކުރާ ލޯކަލް ކައުންސިލް އިންތިޚާބެވެ.  މިއަހަރު އޭޕްރީލް މަހުގައި އިންތިޚާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ އިރު ގިނަ ފަރާތްތައް ދަނީ އެކިކަހަލަ ވަސީލަތް ބޭނުންކޮށްގެން ކެމްޕޭން ކުރަމުންނެވެ.  ތަފާތު ތާރީޚް ތަކެއް މި އިންތިޚާބު ބޭއްވުމަށް ކަނޑައެޅުނު ނަމަވެސް ކޮވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ހާލަތުގެ ސަބަބަުން ފަސްކުރެވެމުންގޮސް  މިހާރުވަނީ އެންމެފަހުގެ ތާރީޚްވެސް އިޢުލާން ކުރެވިފައެވެ. 2021 ވަނައަހަރުގެ އޭޕްރީލް 10 ވާ ހޮނިހިރު ދުވަސް ކަނޑައެޅިފައެވެ. ކުރިމަތިލާފައިވާ ފަަރާތްތަކާމެދު ތިނަދޫގެ ބައެއްމީހުން ދަނީ އެކިކަހަލަ ޚިޔާލާއި ޝުޢޫރު ފާޅުކުރަމުންނެވެ.

ކައުންސިލް މެމްބަރު ކަމަކީ ސިޔާސީ މަގާމަކަށް ވާތީ އަބަދުވެސް ބެލެވިފައި އޮންނަނީ ތިމާ އުޅޭ ޕާޓީ ގެ މީހަކު ހޮވުމަށް މަސައްކަތް ކުރުން އެއީ އެންމެ ރަގަޅުގޮތް ކަމުގައެވެ. މީހާގެ ކޮލިޓީ އާއި ތަޢުލީމީ ޤާބިލް ކަމަށް މާބޮޑަށް އަހައްމިއްޔަތު ކަމެއް ދެވިފައިވާތީ ނުފެނެއެވެ. ތިނަދޫ ގައި މިހާތަނަށް ކައުންސިލަރުންގެ މަގާމް އަދާކުރި ގިނަ ފަރާތްތައް ވެފައިވަނީ ނާގާބިލް، ރަށުގެ ކުރިމަގަށް އެއްގޮތަކަށްވެސް ނުވިސްނާ، ހަމައެކަނި ވަޒީފާ އެއް އަދާކުރުމުގެ ބޭނުމުގައި މަގާމާއި ހަވާލުވެ ދައުރުފުރިހަމަ ކުރި ބައެއްގެ ގޮތުގައެވެ. ގިނަވަގުތު ހޮޓާ ރެސްޓޯރެންޓްގައި ހޭދަކުރި ބައެއްގެ ގޮތުގައެވެ. ނޫންނަމަ އޮފީހަށް ގޮސް ސޮއި ކޮށްލުމާއެކު އަމިއްލަ ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލް ވެ އުޅުނު ބަޔެއްގެ ގޮތުގައެވެ. އެއްވެސް ގޮތަކަށް ތިނަދޫއަށް އާއި މެދު ވިސްނުން ބަހައްޓައި ރަށް ތަރައްގީ ކުރުމަށް ތިނަދޫގައި ތިއްބެވި އިސް ރަށްވެހިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް މަސައްކަތް ކުރި ކައުންސިލް މެމްބަރަކު ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މަގާމާއި ޙަވާލުވުމުން ތިމާއަކީ ވަކި ޕާޓީ އަކުން ހޮވިފައި ހުރި މީހަކަށް ވާތީ ތިމަންނަ ގެ ދައުރުގައި ކަންކުރަންވާނީ ޕާޓީން އަންގާ ގޮތުގެ މަތިންކަމަށް ގަބޫލު ކުރެވި ތިނަދޫ ތަރައްޤީ ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކި ތިމާމެންގެ ޕާޓީގެ ވިސްނުމާއި ދެކޮޅު ކޮންމެ ބަޔަކު އެއީ ނެތް ބަޔަކު ކަމުގައި އެފަދަ ފަރާތްތަކުގެ އަަމަލު ތަކުން ދައްކައި އުޅުނު ކައުންސިލަރުން ވެސް ވަނީ ދައުރު ނިންމާފައެވެ.

ތިނަދޫ ގައި މިފަހަރު ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ފައިނަގާފައިވާ ބައެއް ފަރާތްތަކީވެސް ކުރިން ދެންނެވުނު ފަދައިން އިދާރީހިންގުންތެރި ކަމާއި އެހާ ރައްޓެހި ފަރަާތްތަކެކޭ ދެންެނެވޭކަން ނެތެވެ. މަދު އަދަދަކަށް އެކަށީގެންވާ ނަތީޖާ ނެރެދެވޭނެ ފަރާތްތައްވެސް ނެތެކޭ ދެންނެވޭކަން ނެތެވެ. ނަމަވެސް ދަންނަވަން އޮތް ވާހަކަ އަކީ ތިނަދޫގެ ކުރި އެރުމަށް ތިނަދޫގެ ކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލަށް ނަމަވެސް މީހަކު ހޮވާނަމަ ބަލަންވީ ޕާޓީ އަށް އެންމެ އިޚްލާސްތެރި މީހާ ހޮވުމަކަށް ނޫނެވެ. ރަށުގެ ހާލަތު މިއަށްވުރެ ރަގަޅުކޮށްދެވޭނެ ތަޢުލީމީ ޤާބިލް މީހަކަށް ބެލުން މުހިއްމެވެ. އޭނާ މީގެ ކުރިން އަދާކުރި ވަޒީފާ ތަކުގައި އިޚްލާސތެރިކަން ހުރީ ކިހާ މިންވަރަކަށްތޯ ވެސް  ވަޒަންކޮށްލަން ވާނެއެވެ. އަދި އެމީހަކީ ގިނަ ބައަކު ތާއީދު ކުރާމީކަށް ވިޔަސް އުޅުމާއި ގުޅުން ކިހިނެތް ހުންނަ މީހެއްތޯވެސް ޔަގީން ކޮށްލުން މުހިއްމެވެ. ތިނަދޫ އަކީ ތަޢުލީމީ ރައްޔިތެއް ދިރިއުޅޭ، ހޭލުންތެރި މުޖުތަމައެކެވެ. މިފަދަ ރައްޔިތަކު އަބަދުވެސް މަސައްކަތް ކުރަންވާނީ ރަށުގެ ކައުންސިލަށް ހޮވޭ ކޮންމެ މެމްބަރކީ ވެސް ރައްޔަތުންނާއި ގުޅިގެން މައްސަލަތައް ހައްލުކުރަން ދަންނަ، ރަށުގެ ތަރައްޤީއަށް ބިނާކުރުވަނިވި ކަންތައް ތަކެއް ކޮށްދެވޭނެ ނަމޫނާ މެމްބަރުން ތަކެއް ހޮވުމަށެވެ. ތިނަދޫ ކުރިމަގު ބައްޓަންކުރުމަށްޓަކައި ހޮވަންވާނީ ކައުންސިލަރ ކަމަށް ހުރިހާ ގޮތަކުންވެސް ކުފޫ ހަމަވާ ފަރާތްތަކެކެވެ. ކޮންމެހެން ލީޑަރ އަންގަވާ ފަރާތްތަކެއް ނޫނެވެ. އެ ފުރުޞަތު މިހާރުމިވަނީ ތިނަދޫގެ އެންމެހާ ލޮބުވެތި ރައްޔަތުންގެ އަތްމަތީގައެވެ.

މި ލިޔުމަކީ "ޑުރޭގެ ޚިޔާލު ކޮލަމް" ގެ ނަމުގައި ޚައްޞާ މެހުމާނަކު ލިޔުއްވާފައިވާ ލިޔުމެކެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *