ތިނަދޫ ގެ މަންޒަރެއް

ހަވަރުތިނަދޫ އައްޝައިޚް މުދިމުޙުސައިންތަކުރުފާނު – ތިނަދޫގެ ޤުރުއާން ޢިލްމުގެ މައިތަނބު

ހަވަރުތިނަދޫ އައްޝައިޚް މުދިމުޙުސައިންތަކުރުފާނު – ތިނަދޫގެ ޤުރުއާން ޢިލްމުގެ މައިތަނބު

ހުވަދުއަތޮޅުގެ ފާހަގަކުރެވޭ ޢިލްމުވެރިންގެ ތެރެއިން ހަވަރުތިނަދޫ އައްޝައިޚް މުދިމުޙުސައިންތަކުރުފާނަކީ ހަވަރުތިނަދޫ ބޮޑުކައްތިކަލޭހާނު (ބޮޑުކަތީބުކަލޭގެފާނު)ގެ މުޙައްމަދު ކަތީބުކަލޭގެފާނުގެ، އަޙުމަދުކަލޭގެފާނު (މުދިމްބެ)ގެ ޙުސައިންތަކުރުފާނު (ހުސައިން އަޙްމަދުކަލޭގެފާނު) އެވެ. އައްޝައިޚް ހުސައިންތަކުރުފާނަކީ ހަވަރުތިނަދޫ އަށާއި ހުވަދުއަތޮޅަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހަވަރުތިނަދޫގެ މާމުދިމުކަމުގެ އިތުރަށް ހުވަދުއަތޮޅުގެ ބޮޑު ނައިބުކަން ވަރަށް ދިގު މުއްދަތަކަށް އަދާކުރެއްވިއެވެ. އެގޮތުން 55 އަހަރު ސަރުކާރަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވިއިރު އޭގެތެރެއިން 30 އަހަރު ހުވަދުއަތޮޅުގެ ބޮޑުނައިބުކަމުގެމަގާމު އަދާކުރައްވައި، 50 ވަރަކަށް އަހަރު ތިނަދޫހުކުރުމިސްކިތް ބެލެހެއްޓުމާއި މުދިންކަން އަދި މާމުދިންކަން ކުރައްވާފައިވެއެވެ.

އައްޝައިޚް ހުސައިންތަކުރުފާނު ތަޢުލީމު ޙާޞިލުކުރެއްވީ އައްޑުއަތޮޅުގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ އައްޝައިޚުލް ފަޤީހު އަލްޙާފިޡު އިބުރާހީމް ތަކުރުފާނު (އައިސާބީ ގެދަރު ދޮންބެއްޔާ)ގެ އަރިއަހުންނެވެ. އެއީ އައްޝައިޚް ޙުސައިން ޞަލާޙުއްދީނުއާ ދެބޭފުޅުން އެކުއެކީގައެވެ. ގާތްގަނޑަކަށް 8 އަހަރުދުވަހު މިދެބޭފުޅުން އައްޑުއަތޮޅު މީދޫގައި ތަޢުލީމު ޙާޞިލުކުރެއްވުމަށް ތިއްބެވިއެވެ. ތަޢްލީމު ޙާޞީލުކުރައްވާ ނިމިވަޑައިގެން، ޙުސައިން ޞަލާޙުއްދީނު މާލެވަޑައިގަތުމުން ދައުލަތުން އެމަނިކުފާނަށް ދެއްވީ، ރާއްޖޭގެ ފަނޑިޔާރުކަމުގެ މަޤާމެވެ. އަދި ހަމައެއާއެކު އައްޝައިޚް މުދިމުޙުސައިންތަކުރުފާނު ހުވަދުއަތޮޅު ހަވަރުތިނަދޫއަށް ވަޑައިގަތުމުން ދައުލަތުން އެމަނިކުފާނަށް ދެއްވީ ހުވަދުއަތޮޅުގެ ބޮޑުނައިބުކަމުގެ މަޤާމެވެ. އޭގެ ދުވަސްކޮޅެއްފަހުން އައްޝައިޚް މުދިމުޙުސައިންތަކުރުފާނުގެ ބައްޕަ، ހަވަރުތިނަދޫ މާމުދިމު އަޙުމަދުކަލޭގެފާނު ނިޔާވުމުން، އިތުރު މަޤާމެއްގެ ގޮތުގައި، ރަށުގެ ހުރިހާ މިސްކިތްތައް ބެލެހެއްޓުމާ އެމިސްކިތްތަކަށް މުދިމުން ލައްވައި ވަކިކުރެއްވުމުގެ ބާރު ދައުލަތުން ދެއްވާފައިވާ ހަވަރުތިނަދޫގެ މާމުދިމުކަން (އިސްމުދިމުކަން) 07 ޖޫން 1930ގައި އޭރުގެ ދިވެހިރާއްޖޭގެ ރަދުންގެ ފަތްކޮޅަކުން އައްޝައިޚް މުދިމުޙުސައިންތަކުރުފާނަށް ދެއްވިއެވެ. ތަޢުލީމު ޙާޞިލުކުރައްވާ ނިމިވަޑައިގެންނެވިއިރު ޢުމުރު ފުޅަކީ 30 އަހަރެވެ.

މުދިމުހުސައިންތަކުރުފާނު އައްޑޫއިން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ހަވަރުތިނަދޫއަށް ވަޑައިގެން އެންމެފުރަތަމަވެސް ފެށްޓެވީ ކީރިތިޤުރުއާނުގެ ޢިލްމާއި، ޢަރަބިބަހާއި، އިސްލާމްދީނުގެ ޢިލްމު މީސްތަކުންނަށް އުނގަންނަވައިދެއްވުމުގެ މަސައްކަތެވެ. އެގޮތުން ހަވަރުތިނަދޫގައި ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ޝައުގުވެރިކަން ހުރިމީހުން ބަލައިހޯދައި އެފަދަމީހުން މުދިމުހުސައިންތަކުރުފާނުގެ އަމިއްލަގެއަށް ގެންނަވައި އެމީހުންނަށް ކިޔަވައިދެއްވައި އެކަމަށް އެމީހުން ތަމްރީނުކުރެއްވުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކޮށްދެއްވާފައިވެއެވެ. އަދި ހުވަދުއަތޮޅުގެ އެކިރަށްތަކުގައިވެސް ކުދިންނަށް ޤުރުއާން އުނގަންނައިދޭނެބަޔަކު ތަމްރީނުކުރައްވައި އެރަށްރަށަށް ފޮނުއްވެވިއެވެ. އަތޮޅުގެ ރަށަކުން އެފަދަމީހަކު ނުލިބުނު ރަށްރަށަށް ހަވަރުތިނަދޫއިން މީހުން ތަމްރީނުކުރައްވައި އެރަށްރަށަށް ފޮނުއްވާފައިވެއެވެ. މިގޮތުން ފޮނުއްވި ބައެއްމީހުން އެރަށްރަށަށް ދިރިއުޅުން ބަދަލުކުރައްވާ ޤުރުއާނާއި، އިސްލާމްދީނުގެ ތަޢުލީމު ފެތުރުމުގައި މަސައްކަތްކުރައްވަމުން ގެންދެވިކަން ފާހަގަކުރެވެއެވެ. ހަވަރުތިނަދޫގައި މިގޮތަށް ތަމްރީނު ކުރެވުނު އެއްމެޚާއްޞަ ބޭފުޅުންނަކީ މަޝްހޫރު އަލްމަރުޙޫމު ކާސިމްފުތުބެ (ޤާސިމް ރަޝާދު)، ބަރާސިލު އަލްމަރުޙޫމު މުޙައްމަދު މާހިރު، މާހިރުގެބައްޕަ އަލްމަރުޙޫމު ޤާސިމްތަކުރުފާނު، އަލްމަރުޙޫމު ބޮޑެޙުސައިންބެއްޔާ (ޙުސައިންތަކުރުފާނު އެދުރުގެ / ތިނަދޫ) އަލްމަރުޙޫމު އަލެގޭބެއްޔާ (މުޙައްމަދު ޢަލީ) އަދި އަލްމަރުޙޫމު ދޮންއައިސާފާނުގެ މޫސާތަކުރުފާނު (މޫސާ ރާޝިދު) އެވެ. ހަވަރުތިނަދޫގައި ޤުރުއާން ކިޔަވައިދިނުމަށް ކުރެވޭ މި މަސައްކަތަކީ ހަވަރުތިނަދޫގައި އައްޝައިޚް މުދިމުޙުސައިންތަކުރުފާނާއި ހަމައިންފެށިގެން ސިލްސިލާގޮތެއްގައި މިއަދާހަމަޔަށްވެސް ހިނގަމުންދާ މަސައްކަތްތަކެއްކަންވެސް ފާހަގަކުރެވެއެވެ.

ހަމައެއާއެކު ހަވަރުތިނަދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާނެ މީހުންނާއި، އިމާމުވެ ހުކުރުނަމާދުކުރާނެމީހުން ތަމްރީނުކޮށްދެއްވުމުގެ މަސައްކަތަކީވެސް އެހާމެ ޝައުޤުވެރިކަމާއެކު އަމިއްލަ ގޭގައި އައްޝައިޚް މުދިމުޙުސައިންތަކުރުފާނު ކުރެއްވިކަމެކެވެ. މިގޮތުން ތަމްރީނުކޮށްދެއްވި މީހުންގެތެރޭގައި އަލްމަރުޙޫމު ކާސިމްފުތުބޭ (ޤާސިމް ރަޝާދު) އާއި، އަބޫބަކުރުކަތީބުކަލޭގެފާނު (އާބަކުރުބެއްޔާ)ގެ އަލްމަރުޙޫމު މޫސާތަކުރުފާނު (މޫސާ ރިފްޢަތު) އާއި، ދޮންއައިސާފާނުގެ މޫސާތަކުރުފާނު (އަލްމަރުޙޫމު މޫސާ ރާޝިދު) ގެއިތުރުން ކާސިމްފުތުބޭގެ އަލްމަރުޙޫމު ޙަސަން ޚަލީލު ހިމެނޭކަންފާހަގަކުރަމެވެ. ހަމައެހެންމެ، އައްޝައިޚް މުދިމުޙުސައިންތަކުރުފާނު ނެތް ޙާލަތެއްގައި އަތޮޅުގައި ނާއިބުކަން ކުރާނެބަޔަކު ތައްޔާރުކުރުމުގެގޮތުން، ހަވަރުތިނަދޫ ކުއްދީދިބޭގެ އިސްމާޢީލް ދީދީ (އަލްމަރުޙޫމު އިސްމާޢީލް ޒާހިރު) އަށް ކިޔަވައިދެއްވައި، އޭނާ އެކަމަށް ތައްޔާރުކުރެއްވެވިއެވެ. އަދި، އެހީތެރިންގެގޮތުގައި، ބޭތިއްބުމަށް ތިނަދޫ އިބިރިހިމަގެ ޙަސަންފުތު (އަލްމަރުޙޫމު ޙަސަން އިބްރާހީމް) އާއި، ފާތިންދައިތަގެ ޙަސަންފުތު (އަލްމަރުޙޫމު ޙަސަން ރުޝްދީ) މިދެބޭކަލުންނަށް ކިޔަވައިދެއްވައި އެގޮތަށް ތަމްރީނުކޮށްދެއްވާފައިވެއެވެ.

ހަވަރުތިނަދޫ އައްޝައިޚް މުދިމުޙުސައިންތަކުރުފާނުވަނީ ޙައްޖުގެ މަތިވެރިއަޅުކަންވެސް ފުރިހަމަކުރައްވާފައެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ފަލަސްޠީނަށް ވަޑައިގެން ބައިތުލް މަޤްދިސްއަށް ޒިޔާރަތްކުރެއްވުމާއެކު 9 މަސްދުވަސް ޤުދުސްގައި ހޭދަކުރައްވައިގެން އިތުރަށް ދީނީތަޢުލީމު ހޯއްދެވުމަށާއި އިސްލާމީ ތާރީޚާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ހޯއްދެވިއެވެ. އޭގެފަހުންވެސް އިތުރަށް ތަޢުލީމު ހޯއްދެވުމަށާއި ލިބިވަޑައިގެންފައިވާ ތަޢުލީމު އިތުރަށް ތާޒާކުރެއްވުމާއިއެކު މަޢުލޫމާތު މުއްސަނދި ކުރެއްވުމުގެގޮތުން ޔަމަނުކަރައިގެ ޙަޟްރަމައުތަށް ވަޑައިގެން އަހަރެއްހާދުވަހު ޙަޟްރަމައުތުގައި ހޭދަކުރައްވާފައިވެއެވެ. އަދި މިޞުރުގައި ކިޔަވަން ހުންނެވި މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް ޙާޖީޢަބްދުއްރަޙްމާނުއާއި ބައްދަލުކުރެއްވުމަށް އައްޝައިޚް ޙާޖީޢަބްދުއްރަޙުމާނުގެ ދަޢުވަތަކަށް މިޞުރަށް ވަޑައިގެން މިޞުރުގައި އެ ޢިލްމުވެރިޔާގެ އަރިހުގައި ޖާމިޢުލްއަޒުހަރުގެ ދަންނަބޭކަލުންނާއެކު 3 މަސްދުވަސް ހޭދަކުރައްވާފައިވާކަމަށްވެއެވެ. އެއީވެސް މަޢުލޫމާތު އިތުރަށް މުއްސަނދިކުރެއްވުމުގެ ބޭނުންފުޅުގައި ކުރެއްވިދަތުރުފުޅެކެވެ.

ހަވަރުތިނަދޫގައި ފުރަތަމަފަހަރަށް މަދަރުސާއެއް އުފެއްދުމަށް ޤަސްދުކުރައްވައި ޙާޖީ މުޙައްމަދުކަލޭގެފާނުގެ އަތޮޅުވެރިކަމުގައި، ޙާޖީމުޙައްމަދުކަލޭފާނަށް ހުށަހަޅުއްވައި އައްޝައިޚް މުދިމުޙުސައިންތަކުރުފާނާއި، އައްޝައިޚް ދެކުނުގޭދޮންމަނިކު (މުޙައްމަދު ފަހުމީ) އިސްކޮށް ތިއްބަވައިގެން މަސައްކަތްކުރަށްވައިގެން މަދަރުސަތުލް އަސްބާޙްގެ ނަމުގައި މަދަރުސާއެއް އުފެއްދެވިއެވެ. އެމަދަރުސާގައި ކިޔަވައިދެއްވީ ލިޔެކިޔުމާއި، ހިސާބު، ކީރިތިޤުރުއާނާއި، ޢަރަބިބަސް، އަދި ދީނީތަޢުލީމެވެ. އެދުވަސްވަރު ހަވަރުތިނަދޫގައިތިބި ތަނަވަސްކަމުގެ އަހުލުވެރިންގެތެރޭގައިހިމެނޭ، ކިޔެވުމުމަށް ޝައުޤުވެރިކަންހުރި ޒުވާނުންގެ ގިނަބަޔަކު މިމަދަރުސާއިން ތަޢުލީމު ޙާސިލުކުރެވިއެވެ. ހުވަދުއަތޮޅުގައި ހިރިހަމައިދިކަލޭގެފާނުގެ އަތޮޅުވެރިކަން ފެށުމާއެކު ހަވަރުތިނަދޫގައާއި، އަދި އަތޮޅުގައިތިބި، މުއްސަދިންގެ އެހީތެރިކަމާއެކެ ހިންގާ މަދަރުސާއަކަށް އެމަދަރުސާބަދަލުވެ، މަދަރުސަތުލް އަމީރު އިބްރާހީމުގެ ނަމުގައި އެމަދަރުސާ ހިންގަންފެށުމުންވެސް މުދައްރިސެއްގެގޮތުން ދިގު މުއްދަތަކަށް ހިލޭސާބަހަށް އައްޝައިޚް މުދިމުޙުސައިންތަކުރުފާނު އެމަދަރުސާއަށް ޚިދުމަތްކުރައްވާފައިވެއެވެ. އައްޝައިޚް މުދިމުޙުސައިންތަކުރުފާނު ތަޢުލީމަށްކޮށްދެއްވި ހުރިހާ މަސައްކަތްޕުޅު ތަކަކީވެސް ހިލޭސާބަހަށްކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކެކެވެ. ހުސައިންތަކުރުފާނުގެ މިޙިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ސަރުކާރުން ކަލޭގެފާނުކަމުގެ ލަޤަބު ޙުސައިންތަކުރުފާނަށް ދެއްވާފައެވެއެވެ.

ޙަކީމު ޙުސައިން ޢަފީފް އިންޑިއާއިން ބޭސްވެރިކަން ކިޔަވައިވިދާޅުވެގެން، ހަވަރުތިނަދޫއަށް ވަޑައިގަތުމާހަމައަށް، އައްޝައިޚް މުދިމުޙުސައިންތަކުރުފާނުވަނީ އޭނާގެ ޢަރަބިފޮތްތަކުގެ ބޭނުންކުރައްވައިގެން ހިލޭސާބަހަށް ބޭސްފަރުވާކުރުމުގެ މަސައްކަތްވެސް ހަވަރުތިނަދޫގައި ކޮށްދެއްވާފައެވެ. އާދަމްތަކުރުފާނު ރިވެލްފިޝް / ތިނަދޫ (ކުދެބެއްޔަގެކަލޯ) މަސްއައިނުތެރޭ ކަނޑަށްވެއްޓި، މިޔަރެއްގެ ޙަމަލާގައި ވަރަށްބޮޑަށް އަނިޔާވެ، ސީރިއަސް ޙާލަތެއްގައިވަނިކޮށް ބޭސްފަރުވާކޮށްދެއްވައި އޭނާއަށް ފަސޭހަކޮށްދެއްވި ދެއްވުމަކީ، ހަވަރުތިނަދޫގެ ގިނަބަޔަކު ވަރަށްބޮޑަށް އައްޝައިޚް މުދިމުޙުސައިންތަކުރުފާނުގެ ބޭސްވެރިކަމަށް ތަޢުރީފުކޮށް އެކަންބަލައިގަނެ އެހަނދާން ދަމަހައްޓާފައިވާ ވަރަށްމަޝްހޫރު ވާހަކައެކެވެ.

އައްޝައިޙު މުދިމުޙުސައިންތަކުރުފާނު ކައިވެނިބައްލަވައިގަތީ ހަވަރުތިނަދޫގެ ނަންހިނގާ މަޝްހޫރު ވެރިކަމުގެ ޢާއިލާއެއްކަމުގައިވާ، ބޮޑުކައްތިކަލޭހާނުގެ ޢާއިލާއިން، ކަތީބު މޫސާފުޅުގެ، ކަތީބު މުޙައްމަދުފުޅުގެ، ދޮންމަނިކެ (ޒުލޭޚާ) އާއެވެ. މިދެކަނބަލުންނަށް ލިބިވަޑައިގެންފައިވަނީ 7 ބޭފުޅުންނެވެ. އެއީ 2 ފިރިހެން ބޭފުޅުންނާއި 5 އަންހެން ބޭފުޅުންނެވެ. އެއީ 1. އާމިނާމަނިކެ (އާމިނަތު ޙުސައިން) 2. އަޙްމަދު ޞާބިރު (އަޙްމަދު މަނިކު) 3. މަރިޔަމްމަނިކެ (މަރިޔަމް ޙުސައިން) 4. ފާތުމާމަނިކެ (ފާތުމަތު ޙުސައިން) 5. އިބްރާހިމް ޝިހާބު (އިބްރާހިމްމަނިކު) 6. ކަތްދާމަނިކެ (ޚަދީދާ ޙުސައިން) އަދި 7. ޖަމީލާމަނިކެ (ޖަމީލާ ޙުސައިން) އެވެ. ދޮންމަނިކެ ނިޔާވުމުން ގިނަދުވަސްތަކަކަށްފަހު، އައްޝައިޚް މުދިމުޙުސައިންތަކުރުފާނު އެހެން ކައިވެންޏެއް ކުރެއްވިއެވެ. އެއީ ތިނަދޫކަލޯބެއްޔަގެ ޢަލިފުތުގެ ރެކެދިޔެ (ޞަބީޙާ ޢަލީ) އާއެވެ. މިކައިވެންޏަށް 3 ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ 1. މުޙައްމަދު ރަޝީދު 2. ފަރީދާ ޙުސައިން 3. ޝިޔާމާ ޙުސައިންއެވެ. މި ދެބަނޑަށް ލިބިވަޑައިގެންނެވި 10 ބޭފުޅުންގެތެރެއިން މިހާރު ދުނިޔޭގައިއިންނެވީ ހަމައެކަނި ފަރީދާ ޙުސައިންއެވެ.

އައްޝައިޚް މުދިމުޙުސައިންތަކުރުފާނު ދުނިޔެދޫކުރައްވާފައިވަނީ ހަވަރުތިނަދޫގައި އުފެދުނު ފުރަތަމަ ބަޢާވާތުގެ އަހަރެއްހާ ދުވަސްކުރިން 27 މާރޗް 1958 ވީބުރާސްފަތި ދުވަހު ޢުމުރުން 85 އަހަރުފުޅުގައެވެ. ފަސްދާނުލެވިފައިވަނީ ތިނަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި މިސްކިތުގެ އިރުއުތުރުފަރާތުގައި އޮތް ބިސްތާނުގެ އިރުމަތީކޮޅުގައެވެ. މާތްﷲ މަރުޙޫމް އައްޝައިޚް މުދިމުޙުސައިންތަކުރުފާނަށް ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި ހެޔޮރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *