ހައުސިން މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވާރަމެންޓް މިނިސްޓްރީ ހުންނަ އިމާރާތްތަކުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީ ތެރޭގައި ޓިނުން ހަދާފައި ހުރި އިމާރާތުގައެވެ. އެ އިމާރާތުގައި އަލިފާން ރޯވުމަށްފަހު މިނިސްޓްރީގެ އިމާރާތަށްވެސް އަލިފާން ފެތުރިފައިވެއެވެ. އަދި ޓިނުން ހަދާފައި ހުރި އިމާރާތް މިހާރު އަނދަައި ހުލިވެ، ވަނީ ވެއްޓިފައެވެ.
އަލިފާނުގެ ހާދިސާ ހިނގައިދިޔަ އިމަރާތް ހިމެނޭ ސަރަހައްދުގައި، އަމީނީ މަގުގައި މީހުން ދިރިއުޅޭ ހުރިހާ ގެއެއް ފުލުހުންނާއި ސިފައިން ވަނީ އެވަގުތު ހުސްކޮށްފައެވެ.
ހައުސިން މިނިސްޓްރީގެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ފެތުރި، އެއިމާރާތުން އެންވާރަމެންޓް މިނިސްޓްރީއަށްވެސް ވަނީ ފޯރާފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގ ގައި އަލިފާން ރޯވެފައިވާކަމަށެވެ. އެކަމާ ގުޅިގެން އެއިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތް ތަކުން މީހުން ހުސްކޮށް، އެހެން އިމާރާތްތަކަށް އަލިފާން ފޯރިޔަނުދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓްރުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަން ގާއިމްކޮށްފައެވެ.

