ހުޅުމާލޭގެ 5،099 ފްލެޓަކުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ އެއްމަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުލި ނުދައްކާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ވެރިންނަށް ކުލި ދެއްކުމަށް އަންގާ ދެވޭ ޕޭމަންޓް އެޑްވައިސް ކޮންމެ 3 މަހަކުން އެ ކޯޕަރޭޝަނުން ދެމުންދާ ކަމަށެވެ. އަދި ގަވާއިދުން ކުލި ނުދެއްކި ނަމަވެސް މިހާތަނަށް ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ފްލެޓެއް އަތުލާފައި ނުވާނެ ކަމަށް ވެސް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ، ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ 28 އާއި ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެކޯޕަރޭޝަނަށް 728،193،616.18 ރުފިޔާ ލިބިފައި ނުވާ ކަމަށެވެ.
ހުޅުމާލޭގެ 5،099 ފްލެޓަކުން ކުލި ނުދައްކާއިރު، ހުޅުމާލޭގައި އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. މީގެ ތެރެއިން ކުލި ދައްކަމުން ގެންދާ ޔުނިޓްތަކުގެ ގޮތުގައި 8،318 ޔުނިޓް ފާހަގަ ކުރެވިފައިވާއިރު، ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 3،219 ޔުނިޓް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
ރައީސް މީގެކުރިން ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުން މަހުން މަހަށް ކުލި ދައްކާވާއިރު، ސަރުކާރުން ކުޑަ ކޮށްފައި ނުވާ ކަމަށާއި އެތަންތަނަށް 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 20 އިންސައްތަ އެ ފްލެޓްތަކުން ކުޑަވެގެން ދާނެ ކަމަށް އޭރު ވިދާޅުވިއެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ފްލެޓްތަކުގެ ކުލި ކުޑަކުރައްވާފައެވެ.

