ދެ އަހަރު ތެރޭ މަސް ޕްރޮސެސިން ކެޕޭސިޓީ 300 ޓަނަށް ބަދަލުކުރަނީ

ދެ އަހަރު ތެރޭ މަސް ޕްރޮސެސިން ކެޕޭސިޓީ 300 ޓަނަށް ބަދަލުކުރަނީ

ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަސް ޕްރޮސެސިންގެ ކްޕޭސިޓީ 300 ޓަނަށް ބަދަލުވެގެންދާނެ ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން 5 ބިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރަންޖެހޭކަމަށާއި، އެފައިސާ މިހާރު ހޯދާފައިވާ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު މި މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭ ނިންމައި، އެތަންތަނުން ޚިދުމަތް ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްދާ ހުރި ކަމަށާއި، ފައިސާ ޗާޕުކޮށް، މާލީ އެއުނދަގުލާއި އެކުވެސް މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ.

" އަޅުގަނޑު ހިތަށްއަރާ ފައިސާ ޗާޕުކޮށްގެން ކޮން ބިލްތައްކެއްބާ މި ދެއްކީ. ކުދި ވިޔަފާރިތަކުގެ ބިލް ހުރި ބިލިއަނުން. 7000 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރި ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ. އެހެންވީމަ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކޮށްފަހުރި ކަންތައްތަކެއްމީ. ފައިސާ ޗާޕުކުރަމުން އައިސްވެސް ފައިސާ ޗާޕުކޮށްގެން ބިލްތަކަށް ފައިސާ ނުދައްކައި ހުރުންވެސްމީ ވަރަށް ސުވާލު އުފައްދާކަމެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބާޒާރުގައި ރާއްޖޭގެ މަހުގެ އެޑްވާންޓޭޖް ނަގާ ކަމަށާއި، ރާއްޖޭގެ މަހުގެ ކެޕޭސިޓީ އިތުރުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ދެއަހަރު 300 ޓަނަށް ބަދަލުވެގެންދާނެ ކަމަށެވެ.

" ކުރިއަށް އޮތް ދެއަހަރު މަހުގެ ކެޕޭސިޓީ 300 ޓަނަށް ބަދަލުވެއްޖެކަމަށްވަންޏާ ސަރުކާރުގެ އެހިރަ ކެޕޭސިޓީ ރާއްޖޭއަށް ބާނާ މަހުގެ %90 އަގު އެއްކުރެވޭނެ ކެޕޭސިޓީ އޭރުން ގާއިމްކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *