ދިވެހިންނަކީ ކުރީއްސުރެ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް ހިތްހެޔޮކަމާއެކު މުޢާމަލާތް ކުރަމުންދިޔަ ބަޔެކެވެ. ވަކީންޚާއްޞަގޮތެއްގައި ދީނީޢިލްމުވެރިންނަށާއި ރަށާއި ޤައުމުގެވެރިންނަށް އިންތިހާއަށް އިޙްތިރާމާއި ޤަދަރުކުރުމާއެކު އެފަދަ ފަރާތްތަކާއި ވާހަކަ ދައްކާއިރު ރީތިބަހުން މުޢާމަލާތްކުރުމާއި އެފަރާތްތަކުން ދައްކާވާހަކައާއި އެއްގޮތަށް ޢަމަލުކުރުމާއި އެފަރާތްތަކަށް ކުޑަމީސްވެދާނެފަދަ އެއްވެސްވާހަކައެއް އަމުދުން ހަޑިހުތުރުކޮށް އެއްވެސް އެއްޗެއް ނުބުނުން އެއީ ކުރަމުންދިޔަ ކަމެކެވެ. ހަމައެހެންމެ ބޭރުން އަންނަމީހުންނަށާއި ކަންވޮށިގެންވާ މީހުންނަށާއި ދޮށީޢުމުރުގެ މީހުންނަށްވެސް އެހާމެބޮޑަށް އިޙުތިރާމްކުރި ބަޔެކެވެ. އަދި އަނެކާގެ އަބުރާއި ޢިއްޒަތަށް އިޙުތިރާމްކޮށް، ދޮގުތުހުމަތާއި އެނޫންވެސް އަނެކާކެ އަބުރު ގެއްލިދާނެފަދަ އެއްވެސް އެއްޗެއް ނުބުނެ އަދި އަނިޔާވެރިކަމާއި ފިތުނަފަސާދައަށް މަގުފަހިވެދާނެ ކަންކަން ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް ދެކުނު ބަޔަކެވެ.
ނަމަވެސް މިހާރު މިހުރިހާ ކަމެއްވަނީ އަނެއްކޮޅަށް ޖެހިފައެވެ. އެކަކު އަނެކަކަށް އިޙުތިރާމް ކުރުމެއް ރީތިބަހުން މުޢާމަލާތް ކުރުމެއް ނެތެވެ. ދޮގުވާހަކައިން ނުވަތަ ފިތުނަވެރި ވާހަކައިން އަނެކާގެ އަބުރަށް ވަކީން ޚާއްޞަކޮށް ވެރިންގެ އަބުރާއި އިއްޒަތަށް އަރައިގަތުމަކީ އާދަޔަކަށް ވެއްޖެއެވެ. މުޖުތަމަޢުގައި ފިތުނަޔާއި ހަމަނުޖެހުމާއި އަނިޔާވެރި ޢަމަލު ހިންގުމަކީ އާދައިގެ ކަމަކަށްވެ އިސްލާމްދީނަށާއި މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކުރުމަކީވެސް ޢާއްމުކަމަކަށް ވެއްޖެއެވެ. އިންސާނަކު މަރާލުމަކީ މެއްސެއް މެރުންފަދަ ކުޑަ ކަމަކަށްވެ މިކުޑަކުޑަ މުޖުތަމަޢުގައި ނުކުރާކަށް ނުބައިކަމެއް ނެތެވެ. އިންތިހާއަށް އަނިޔާވެރިވުމާއި އެކިއެކި ޖަރީމާ ހިމްގުންވަނީ ފެޝަނަކަށް ވެފައެވެ.
ކަންކަމާދޭތެރޭ ވިސްނާ ހަރުދަނާ ގިނަމީހުން ޤަބޫލުކުރާގޮތުގައި ދިވެހި މުޖުތަމަޢު މިހާރު މިދެކޭ އަބުރުކަތިލުމާއި ވެރިންނަށް އިޙުތިރާމް ނުކުރުމާއި ނަފްރަތާއި ފިތުނަފަސާދައިގެ އަޞްލަކީ ރައީސް މައުމޫންގެ ދިގުވެރިކަން ނިންމުމަށްޓަކައި މިހާރު އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އެއިރު ގަސްދުގައި ހިންގި ނުވަތަ ކުރި ކަންތައްތަކެވެ. ރައީސް މައުމޫނު އާއި އެއިރުގެ ވެރިންނާއިދިމާލަށް ގޮވަމުންދިޔަ ހަޑިހުތުރު އެއްޗެއްސާއި އެބޭފުޅުންގެ ބޮލުގައި ދޮގުތުހުމަތު އަޅުވައި ހައްދެއްނެތް މިންވަރަށް އަބުރު ކަތިލަމުން ދިޔުމާއި އެބޭފުޅުންނާއިމެދު ނަފްރަތު އުފެއްދުމަށް ކުރި މަސައްކަތެވެ. ސަރުކާރުން އަންގާ ކަންތައްތަކަށް ޢަމަލުކުރުމަކީ ކުރަންނުޖެހޭ ކަމެއްކަމަށް ރައްޔިތުންނަށް ވިސްނައިދިނުމާއި ހިލޭސާބަހަށް ރަށުގެ އެއްވެސްކަމެއް ކުރަން ނުޖެހޭނެކަމާއި އެކަންކަން ކުރަންޖެހޭނީ ސަރުކާރުން ލާރިދީގެން ކަމާއި ސަރުކާރުގެ ކަމަކާއި ދެކޮޅުހެދުމުގެ ގޮތުން ކޮންމެ ކަމެއްވެސް ރައްޔިތުންނަށް ކުރެވޭނެ ކަމާއި އެއީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމެވެ. ހަމައެހެންމެ ރައްޔިތުން ބޭނުންނަމަ ވަކިކަމެއް އިސްތިސްނާނުވެ ކޮންމެ ކަމެއްވެސް ކުރެވޭނެކަމާއި ބޭނުންހާ އެއްޗެއް ހިތަށްއެރިހާ އެއްޗެއް ރައްޔިތުންގެ ކަންކަމާއި ޙަވާލުވެގެންތިބި މީހުންނާއި ދިމާލަށް ގޮވުމުގެ "ޙައްޤު" ރައްޔިތުންނަށް ލިބިގެންވާ ކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުންކުރި މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ ސަބަބުން ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ވަކީން ޚައްޞަކޮށް ފަހު ދެތިންއަހަރު ތެރޭގައި ރައީސް މައުމޫނާއި ދައުލަތުގެ އެކިއެކި ފަރާތްތަކަށް ވަރަށްބޮޑު ތަކުލީފާއި ދުއްތުރާޖެހުނެވެ. އެގޮތުން ރައީސް މައުމޫން އަވަހާރަކޮށްލުމަށް ހއ.ހޯރަފުށިން ދެވުނު ޙަމަލާ އާއި އެކިއެކި ރަށްތަކަށް ރައީސް މައުމޫނު ވަޑައިގަތުމުން އެރަށްތަކުގެ ބައެއް މީހުންގެ ފަރާތުން ދިމާވި "ދެކޮޅު" ހެދުމުގެ ނޭއްގާނީ ޢަމަލުތަކާއި ބައެއް ވަޒީރުން ރަށްރަށަށް ވަޑައިގަތުމުން އެފަރާތްތަކަށް ދެއްކި "އަހުވަ" ފާހަގަކޮށްލަން ޖެހެއެވެ. ބައެއް ބޭފުޅުންގެ ހަށިކޮޅުގައި އަލިފާން ޖެއްސުމާއި ހަށިކޮޅާއި ދިމާލަށް ގަލާއި އެކިފާޑުގެ އެއްޗެހި އުކުމާއި ބައެއް ބޭފުޅުންގެ ގައިކޮޅަށް އަތްލުމާއި ކާރުކޮޅު ދުއްވިޔަނުދީ އެކިއެކި ކަންކަން ކުރުން ހިމެނެއެވެ. އަދި ރައީސް މައުމޫނަށް ތާއިދުކުރާ ރައްޔިތުންގެ މަޖްލިސް ނުވަތަ ރައްޔިތުންގެ ޚާއްޞަ މަޖްލިސް ބައެއް މެމްބަރުން އެކިއެކި ރަށްރަށަށް ވަޑައިގަތުމުން އެބޭފުޅުންނަށް އެތައް އަނިޔާއެއް ދިނުމާއި އެތައް ދުއްތުރާލެއް ކުރުމާއި ބައެއް ބޭފުޅުން މޫދަށް ވާއްޓާލުންފަދަ އަނިޔާދިނުން ހިމެނެއެވެ.
މަސްވެރިން ބާނާމަސް ނުކިރުމުން މަސްތައް އަތޮޅުއޮފީސް ނުވަތަ ރަށުއޮފީސް ތެރެއަށް އެޅުމާއި ފުލުހުންނާއި ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ އެފަރާތްތަކަށް ޙަމަލަ ދިނުމާއި ދައުލަތުގެ އެކިތަންތަނަށް ގެއްލުންދިނުންފަދަ ޢަމަލުތައްވެސް ހިންގާފައިވެއެވެ.ހުކުރުދުވަހު މިސްކިތްތަކުގައި ސަރުކާރުން ބަހަމުންގެންދިޔަ ޚުޠުބާފަދަ މުހިއްމު ލިޔުންތަކުގެ ތެރެއަށް ސިޔާސީ އެކިއެކި ލިޔުންތައް ލައިގެން ރައްޔިތުންގެ ހިތްތަކުގައި ޤައުމުގެ ވެރިންނާއިމެދު ނަފްރަތު އުފެއްދުމާއި ސަރުކާރަށް ނިސްބަތްވާ ދީނީޢިލްމްވެރިންގެ ވާހަކަތަށް ނޭހުމަށް ރައްޔިތުންނަށް ވިސްނައި ދިނުމާއެކު އެމީހުންނަކީ ކާފަރުންކަމަށް ބުނެ އެމީހުން ގޮވައިގެން ކޯޓްތަކަށް ދިޔުމާއި ޤައުމީޓީމަށް ސާފްޗެމްޕިއަންކަން ލިބުމާއިގުޅިގެން އެކަމުގެ އުފަލުގައި ރަށްރަށަށް އެތަށި ގެންދިޔުމަށް ސަރުކާރުން ނިންމުމުން އެކަމަށް ފާޑުކިޔައި ތަށި ރަށްރަށަށް އެރުވިޔަނުދީ ޤައުމީ އެފަދަ އެތައްކަމަކަށް ހުރަސްއެޅުންފަދަ ކަންތައް ކޮށްފައިވެއެވެ.
މިހުރިހާ ކަމެއް އެއިރު ހިންގުމުން އެކަމަށް ތަރުހީބުދީ އަދި ހިތްވަރުދީ ފާޅުގައި ވާހަކަދައްކާހެދީ މިހާރު އެމްޑީޕީ އަށް ނިސްބަތްވާ ކުރިންދެންނެވި ފަރާތްތަކެވެ. ކުށްވެރި ޢަމަލުތައް ހިންގި ފަރާތްތަކުން އެކުރީ ކުރަންޖެހޭ ކަންކަން ކަމާއި އެއީ ހިތްވަރުގަދަ ބައެއް ކަމާއި އެއީ ޤައުމީ ބަޠަލުންފަދަ ބައެއްގެ ގޮތުގައި ސިފަ ކުރަމުން ގޮސްފައިވެއެވެ. ކުށްކުރި މީހުންނަށް ވަކީލުން ހަމަޖައްސައިދީ އެމީހުންގެ ދިފާޢުގައި ކޯޓް ތަކާއި އެނޫންވެސް ތަންތަނުގައި ވަކާލާތުކޮށް އެމީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ވެސް މިދެންނެވި ފަރާތްތައް އިސްވެތިބެގެން ކަމަށްވުމުން، އެފަރާތްތަކުން ވަނީ އެފަދަ ޢަމަލުތަކަކީ ކުރަންޖެހޭ އަދި ރަނގަޅު ކަންތައްތަކެއް ކަމަށް ރައްޔިތުންނަށް ޢަމަލީގޮތުންވެސް ބުނެދީފައެވެ. އެހެން އެކަން ހިނގަމުން ދިޔުމުގެ ސަބަބުން އެތަށް ޒުވާނުންނަކަށް އެއީ ރަނގަޅު އަދި ރީތިގޮތްކަމަށް ޤަބޫލުކުރެވި އެފަދަ އެތައް ޢަމަލެއް ކޮށްފައިވެއެވެ. އަދިހަމައެހެންމެ އެފަދަ ކަންކަމަކީ ރަނގަޅު އަދި ކުރަންޖެހޭ މުހިއްމުކަންކަން ރައްޔިތުންނަށް ޤަބޫލުކުރެވިގެން އިންތިޚާބުތަކުގައި އެފަރާތްތަކަށް ތާއީދުކޮށް އެމީހުންނަށް ވޯޓްދީފައިވެސް ވެއެވެ.
މިފަހުން ހިނގާފައިވާ މިފަދަ ކަމަކަށް ބަލާއިރު ރައީސް ޔާމީން ގެ ސަރުކާރުން އަބުރު ރައްކާތެރިކުރުމުގެ ގޮތުން އަބުރަށް އަރައިގެންފިނަމަ ޖިނާޢީ ދަޢުވާ އާއި ޖޫރިމާނާ ކުރެވޭގޮތަށް ބިލެއް ރައްޔިތުންގެ މަޖްލިސްއަށް ފޮނުވައިގެން އެބިލް ފާސްކުރަން އުޅުނުއިރުވެސް އަދި ފާސް ކުރުމުންވެސް އެމްޑީޕީ އިސްވެއޮވެ އެކަމަށް ވަރަށްބޮޑަށް ނުރުހުންތެރިކަން ފާޅުކޮށް އެތައް އިހުތިޖާޖެއް ކުރިއެވެ. އަދި ހުއްދަނަގައިގެން ވަކިތަނެއްގައި ނޫނީ މުޒާހަރާ ނުކުރެވޭގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ހެދުމުން އެކަމަށްވެސް ނުރުހުންފާޅުކޮށް ވަރަށްބޮޑަށް މުޒާހަރާކުރިއެވެ. އެފަރާތްތަކުން ބުނަމުންދިޔައީ ޤާނޫން އަސާސީން ލިބިދީފައިވާ ބަސްބުނުމުގެ ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މޫޒާހަރާކުރުމުގެ މިނިވަންކަން ހަނި ނުކުރެވޭނެކަމާއި އެއީ ރައްޔިތުންނަށް ލިބިގެންވާ ހުދޫދެއްނެތް ޙައްޤެއް ކަމަށެވެ.
ނަމަވެސް މިހާރު ފެންނަމުންދަނީ އެމްޑީޕީ ގެ މިދެންނެވި ފަރާތްތަކުގެ ރާގު ބަދަލުވެގެން ގޮސްފައިވާތަނެވެ. ކޮންމެ ކޮންމެ އެއްޗެއް ނުކިޔޭނެ ކަމާއި ކޮންމެ ކޮންމެތާކު މުޒާހަރާ ނުކުރެވޭނެ ކަމާއި ނަފްރަތުއުފެދި އަނިޔާވެރިވެދާނެ ފަދަ ވާހަކަތައް ނުދެއްކޭނެކަމަށް ވަރަށް އަޑަށްބާރުލާފަ ބުންމުންދާތަނެވެ. މިހާރު އެވެރިން އެހެންވާހަކަ ދައްކާއިރު ކުރިން އެފަރާތްތަކުން ކޮށްފައިވާ ކަންތައްތައް މާޟީއިން ފުހެވިގެން ހިގައްޖެކަމަށާއި އެކަން ދަންނާނެބަޔެއް ނުތިބޭނެކަމަށް ހީވާ ކަހަލައެވެ. ކޮންމެއަކަސް ބުނެވެންއޮތީ މި ޤައުމު އޮތްހާދުވަހަކު އެމްޑީޕީ ގެ އެފަރާތްތަކުން އެކުރި ނޭއްގާނީ ކަންތައްތައް އެމީހުންގެ ބޮލުން ނެއްޓިގެން ނުދާނެކަމަށާއި އެ ހުތުރާއި ބަދުނާމު އަބަދުވެސް ބޮލުގައި އަޅަންޖެހޭނެ ކަމަށެވެ. ރައްޔިތެއްގެ މެދުގައި އޮތް ރަނގަޅު އެތައް ސިފައެއް ނެތިކޮށްލާ ނުބައި ނުލަފާ ކަންތައްތަކެއް އެއީ ރީތި އަދި ރަނގަޅު ކަންތައްތަކެއް ގޮތުގައި ހެދުމުގެ ނުބައި ނަތީޖާ ތިމަތިމާމެން އުފުލަންޖެހޭނެ ކަމާއި އަދި މިހާރު ލޮލަށް ތިޔަވަންނަނީ އަމިއްލަޔަށް ތޫނުކުރި އިލޮށިކަމަށާއި އޭގެ ވޭނާއި ނުރައްކާ ތިމާމެން ތަޖުރިބާ ކުރަން މިހާރުޖެހިފައިވާ ޖެހުމަކީ އެމްޑީޕީ ގެ ބަޔަކު އަމިއްލަޔަށް ކުރި ކަމެއްކަމެވެ.
ނޯޓް: މިލިޔުމަކީ މިނޫހުގެ ކިޔުންތެރިއެއްގެ ފަރާތުން ނޫހުގައި ޝާއިޢުކޮށްދިނުމަށްއެދި ފޮނުވި ލިޔުމެކެވެ.

