"ފަލަސްތީނާއެކު ދިވެހިން" ޓެލަތޯނުގެ ފައިސާ ފޮނުވި ކަމުގެ ލިޔުންތައް އާއްމުކޮށްފި

"ފަލަސްތީނާއެކު ދިވެހިން" ޓެލަތޯނުގެ ފައިސާ ފޮނުވި ކަމުގެ ލިޔުންތައް އާއްމުކޮށްފި

"ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވާ، އޭގެ ތަފްސީލުތައް އާއްމުކޮށްފިއެެވެ.

ހާރިޖީ ވުޒާރާއިން ވަނީ މި ފައިސާ 20 އޮގަސްޓް 2024 ގައި ފޮނުވާފައިވާކަން ރޭ ކަށަވަރުކޮށްދީފައެވެ. އަދި ރާއްޖޭގެ މަރުކަޒީ ބޭންކުން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ 'ޑެބިޓު އެޑްވައިޒު' ގެ ކޮޕީއާއި "އަންރުވާ ފޯރ ޕަލަސްތީން" އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭޕީމޯގަން ބޭންކުން އިޝޫ ކޮށްފައިވާ ޓްރާންސެކްޝަން ތަފްސީލު ރޭ ސަރުކާރުން އާއްމުކޮށްފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން, ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޓެލެތޯނު ޕަބްލިކް ސާރވިސް މީޑިއާއިން 12 ޖޫން 2024 ގައި ތެލެތޯންއެއް ބޭއްވިއިރު، އެ ޓެލެތޯނުން ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ $1,248,826.56އެވެ. މި އަދަދު ވަނީ އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯވ މޯލްޑިވްސް އެލްއެލްޕީން ކޮންފަރމްކޮށްފައެވެ.

އެ ވުޒާރާއިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދާއި, އަބަދުވެސް, އަދި ވަކީން ހާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަގްވާމީ ގާނޫނާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ ހިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށިބަހުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"ދިވެހި ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ހަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު މަޝްވަރާކުރަމުން،". އެ ބަޔާނުގައި ވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *