ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިންތާ އެއް ދުވަސް ނުވަނީސް އެ އިސްލާހު ބާތިލުކޮށްފި އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމުގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރިއެވެ. ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އެޗްޕީއޭއާ ޓެގް ޓީމަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ކެންޕެއިން ކުރުމަށް ފަސޭހަކޮށްދީ އެޗްޕީއޭގެ ހަރުކަށި ގައިޑްލައިން ލުއި ކުރުމަށް މަޖިލީހުންވެސް ވަނީ އެދިފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކޮށް ގައިޑްލައިނަށް ލުއިދޭން ޖެހޭ ކަމަށް ކޮމެޓީގެ މުގައްރިރު ވަނީ ވިދާޅުވެފައެވެ. އެ ދުވަހު މައިމޫނާ އަބޫބަކުރު ވިދާޅުވީ އީސީން އެދުނު ގޮތަށް ހާއްސަ އިމްތިޔާޒުތަކެއް ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަަމަށެވެ. ނަމަވެސް މިހާރު ހަދައިފައިވާ ގައިޑް ލައިންތައް ހަދާފައިވަނީ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް ރޭ ކުއްލި ގޮތަކަށް އެޗްޕީއޭއިން ވަނީ ގައިޑްލައިން ލުއިކޮށް ކަރަންޓީނުވުމަކާ ނުލައި ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކަށް ދީފައެވެ.
ނަމަވެސް މިރޭ އެޗްޕީއޭއިން ބުނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެން ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ 12 ވަނަ މާއްދާއަށް ގެނައި އިސްލާހު އުވާލަން ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭގެ އުސޫލު އާންމު ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ އެއްވެސް ހަމައަކުން އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަން އެޗްޕީއޭގެ އުސޫލުން ހާމަވެއްޖެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.


One Response
ކަމެއްގޯސްކޮށް ކުރެވިއްޖެނަމަ ރަނގަޅުގޮތަކީ އަވަހަށް އެކަން އަނބުރާ އިހުއޮތްގޮތަށް ބަދަލުކުރުމެވެ.އެޗްޕިއޭއިން މިފަހަރު އަމަލުކޮށްފައިމިވަނީ އެގޮތަށްކަމަށް ބެލެވެއެވެ.