ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އިބްރާހީމް ރަޝީދު (ކަރަންކާ ރަޝީދު) އަކީ ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ޤައުމީ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނަކީ، ޙިކުމަތްތެރި ހިންގުންތެރި ވެރިއެކެވެ. ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ.
އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ޤައުމީ ޚިދްމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.
އިބްރާހީމް ރަޝީދަކީ، ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭގެތެރޭގައި މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރު ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބު ކަމުގެ މަޤާމާއި، ވުޒާރަތުލް މަޢާރިފުގެ ނައިބު ކަމުގެ މަޤާމާއި، ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަމާއި، ވަޒީރުލްއަޢުޡަމްގެ ނައިބު ކަމުގެ މަޤާމާއި، މިނސްޓަރ އޮފް ހެލްތު ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަޤާމާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމު ހިމެނެއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ.
ޤައުމީ ޚިދްމަތްތަކަށް ބަލާއިރު، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ޤައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ، އިބްރާހީމް ރަޝީދެވެ.
1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ކުރެއްވި ޤައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތަޢްލީމުދޭން ފެށުމާއި، ގަވަރންމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ޞިއްޙީ މަރުކަޒު ހުޅުވުމާއި، އެއަރޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާޞަލާތުގެ ރޮނގުތަކުން އެދުވަސްވަރު ޤައުމަށް އައި ހުރިހާ ތަރައްޤީއަކާއި ކުރިއެރުމެއްގައި ޢަމަލީގޮތުން އެންމެ ޙިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދެވެ.
ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ދާއިރާތަކުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްެޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ ޢަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިންވެސް އިސްވެރިއެކެވެ.
އިބްރާހިމް ރަޝީދަށް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފް ދިވެހި ސަރުކާރުން އެރުވީ 2011 ވަނަ އަހަރ މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައެވެ. އެދުވަހު ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހު، އިބްރާހީމް ރަޝީދަށް ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ސަރުކާރުން އެރުވިކަމީ، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށާއި، އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކުގެ އަގު، މިއަދުގެ ސަރުކާރުން ވަޒަންކުރައްވައި އެމަނިކުފާނަށް ޙައްޤުވެގެންވާ ޝުކުރު ދަންނަވާކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
އާލާސްކަންފުޅާއި އުޅުއްވާތާ ދުވަސްތަކެއް ފަހުން އިބްރާހިމް ރަޝީދު އަވަހާރަވީ ޖަނަވަރީ މަހުގެ31 ވަނަ ދުވަހެވެ. އަވަހަރާވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ92 އަހަރެވެ.

