ކީރިތި ގުރުއާން ހިތުދަސްކުރި 28 ހާފިޒަކަށް "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" އާއި އިނާމު މިއަދު ދީފިއެވެ.
މިއީ ކީރިތި ގުރުއާން ހިތު ދަސްކުރާ ހާފިޒުންގެ އަގު ސަރުކާރުން ވަޒަން ކުރުމުގެ ގޮތުން "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" ގެ ނަމުގައި މެޑަލްއެއް މި ފަހުން ދޭން ފެށި ފުރަތަމަ ފަހަރެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި 28 ހާފިޒަކަށް މި މެޑަލް ދެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.
މި މެޑަލް ދެއްވަން އެންމެ ފުރަތަމަ ފެށީ ޖޫން 22، 2014 ވަނަ ގައެވެ. އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ 2014 ވަނަ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު އެ މެޑަލް ހާސިލް ކުރެއްވީ ތިން ހާފިޒުންނެވެ.
ދެހާސް ވިހި ވަނަ އަހަރު އުސޫލުތަކަށް ބަދަލު ގެނެސް 85 އިންސައްތަ މާކްސް ލިބިގެން އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ކޮންމެ އަހަރަކުވެސް ޖޫމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް ދޭން ވަނީ ނިންމައިފައެވެ. އަދި ހަމައެއާއެކު ދެ ވަނަ އަދި ތިން ވަނަ ދަަރަޖައިގައި ފާސްވާ ހާފިޒުންނަށް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި މި މެޑަލް ދެއްވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
ނަމަވެސް މިއަހަރުން ފެށިގެން ކުރިންވެސް އޮތް ގޮތަށް ދަރަޖަ ތަފާތު ކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" ދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ކީރިތި ގުރުއާން އުނގެނުމަށާއި ހިތު ދަސްކުރުމަށް ބާރު އެޅުއްވުމަށާއި ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރައްވާ އެކަން ހާއްސަ ގޮތެއްގައި ފާހަގަކުރުމެވެ.

