އަލްމަރުހޫމް ޙަސަން ޙިލްމީ (ތުއްތުކަތީބު)

ހަވަރުތިނަދޫ ޙަސަން ޙިލްމީ (ތުއްތުކަތީބު) – ތިނަދޫގެ އަގުހުރި ޚިދުމަތްތެރިއެއް

ހަވަރުތިނަދޫ ޙަސަން ޙިލްމީ (ތުއްތުކަތީބު) – ތިނަދޫގެ އަގުހުރި ޚިދުމަތްތެރިއެއް

ހަވަރުތިނަދޫ އަލްމަރުޙޫމު ޙަސަން ޙިލްމީ (ތުއްތުކަތީބު)އަކީ، ހަވަރުތިނަދޫގެ އަގުހުރި ޝަޚުޞިއްޔަތެކެވެ. ބޮޑުޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ވަރަށްޝަރަފުވެރި ބޭފުޅެކެވެ. ތުއްތުކަތީބުގެ ބައްޕައަކީ އައްޑޫ ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ މީދޫ މޫސާ މަނިކުފާނުގެ އަލިމަނިކުފާނެވެ. މަންމައަކީ ދެއްވަދޫ އިސްމާޢީލްދީދީގެ ހަވަރުތިނަދޫ ގޮއިވެރި މުޙައްމަދުދީދީ ގެ ދޮންދީދީ އެވެ.

ޙަސަން ޙިލްމީ އަކީ އެޒަމާނުގައި ލިބެންހުރި އެންމެ އެކަށޭނަމިންވަރަކަށް ތަޢުލީމު ޙާޞިލުކުރައްވާފައިވާ މަޑުމައިތިރި މިޒާޖެއްގެ ބަސްމަދު އަބުރުވެރި ދިރިއުޅުއްވުމެއްގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މާލެއާއި އަދި ދެކުނުގެ އަތޮޅުތަކުގެ ވަރަށްގިނަބައެއްގެ އިޙުތިރާމު ހޯއްދަވާފައިވާ ހަވަރުތިނަދޫގެ ގަދަރުވެރި ވަރަށް މުހިއްމު ޚިދުމަތްތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިގެންދިޔަ ބޭފުޅެއްވެސްމެއެވެ. އަލްމަރުޙޫމު ޙަސަން ޙިލްމީ އަކީ އައްސުލްތާނު މުޙައްމަދު ޝަމްސުއްދީނު(3)ގެ ރަސްކަން އޮތް ޒަމާނުން ފެށިގެން ވަރަށް ދިގުމުއްދަތަކަށް ހަވަރުތިނަދޫގައި ވެރިކަންކުރެއްވި އަދި ހަވަރުތިނަދޫގެ ތަރައްޤީގެ އެކި މަރުޙަލާތަކުގައި ރައްޔިތުންނަށް ނުހަނުމަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

ޙަސަން ޙިލްމީ އަށް ހަވަރުތިނަދޫގެ ކަތީބުކަން ފުރަތަމަ ލިބިވަޑައިގެންފައިވަނީ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ފުރަތަމަ ބުރުގެ ދުވަސްވަރުގައެވެ. އެހިސާބުން އޭނާ ފެށްޓެވި ދިވެހިސަރުކާރަށް ޚިދުމަތްކުރެއްވުމުގެ މަސައްކަތްޕުޅުގައި ވަރަށްކުޑަ މެދުކެނޑުމެއް އައި ކަމުގައިވިޔަސް ޕެންޝަން ދެއްވުމުގައި އެއީ މެދުކެނޑުމެއް ކަމަށް ނުބައްލަވައި އެދެމެދު ގުޅުވައިދެއްވާފައިވުމުން ދުނިޔެދޫކުރެއްވުމާ ހަމައަށްވެސް ސަރުކާރަށް ޚިދުމަތް ކުރެއްވުންމަތީ ދެމިހުންނެވިކަން ފާހަގަކުރެވެއެވެ.

އަލްމަރުޙޫމު ޙަސަންޙިލްމީ އަކީ ހަވަރުތިނަދޫގެ މާޒީގައި ތަރައްޤީގެ ތަފާތު މަސައްކަތްތައް ކުރެވިގެންދިޔަ އެކި މަރުޙަލާތަކުގައި ޚިދުމަތްކުރެއްވި ބޭފުޅުންގެތެރެއިން ވަރަށްމުހިއްމު ގިނަ ޚިދުމަތްތަކެއް ހަވަރުތިނަދޫއަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާގެ ޚިދުމަތުގެ ސިލްސިލާ ގެތެރެއިން ފާހަގަކުރެވޭ މުހިއްމު ޚިދުމަތެއްކަމުގައިވާ ހަވަރުތިނަދޫގައި ކުރިޔަށްދިޔަ ރަށްވެހިކަމުގެ މަސައްކަތަކީ ތުއްތުކަތީބު ފެށްޓެވި ސަރުކާރުޚިދުމަތުގެ ވަރަށް ކުރީކޮޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ގޮންޖެހުންބޮޑު ނަމަވެސް ވަރަށް ޒިންމާދާރުކަމާއެކު ކުރައްވަން ޖެހިވަޑައިގެންނެވި ބުރަބޮޑު މަސައްކަތެކެވެ. މިދެންނެވި ރަށްވެހިކަމުގެ މަސައްކަތް ކުރެއްވުމަށް ސަރުކާރުން ހަވަރުތިނަދޫއަށް ފޮނުއްވެވި އަލްމަރުޙޫމު އަލްއުސްތާޛު މުޙައްމަދު އިބުރާހީމް ލުތުފީ އާއި، އަލްމަރުޙޫމު ބޮނޑިބަތް ދޮންކަލޭގެފާނާއި ދެބޭފުޅުން ހަވަރުތިނަދޫއަށް ވަޑައިގެން ހަވަރުތިނަދޫގެ ރައްޔިތުންނާއެކު ފެއްޓެވި "ރަށުގެ ޗާޓު ބަދަލުކޮށްލެއްވި" ރަށުގެ މަގުހެއްދެވުމުގެ ވަރުގަދަ މަސައްކަތް ހަވަރުތިނަދޫގައި ކުރިޔަށްދިޔައިރު ތުއްތުކަތީބަކީ އޭރު ހަވަރުތިނަދޫގައި ތިއްބެވި ވެރިންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޒުވާންބޭފުޅެކެވެ. އެހެންކަމުން އެމަސައްކަތުގައި ވަރަށް ޒިންމާދާރު ޙަރަކާތްތެރި ދައުރެއް ތުއްތުކަތީބު އަދާކުރެއްވިއެވެ.

މިހެންވުމުން މަތިކުރެވިގެންދިޔަ ޒިންމާ ތުއްތުކަތީބު އަދާކުރައްވަމުންގެންދެވީ އަމިއްލަނަފުސުގެ އިތުބާރު ދެމެހެއްޓުމާއެކު ވަރަށް ޒިންމާދާރުކަމާއި، ކެރުމާއިއެކު ސާބިތުވެ ހުންނަވައިގެންނެވެ. ރަށްވެހިކަމުގެ މަސައްކަތްތަކުގެ ތެރޭގައި ކުރިޔަށްގެންދިޔަ ރަށުގެ މަގުހެދުމުގެ މަސައްކަތަކީ ވަރަށްގިނަބައެއްގެ ގޯތިގެދޮރު މަގަށް ނަގަންޖެހި، ގެދޮރުހަލާކުވެދިއުމުގެ ސަބަބުން މީހުންގެ ނުރުހުން ވަރަށްބޮޑަށް އަމާޒުވި ކަމެއްގެގޮތުގައި ބެލެވުނު ކަމަކަށްވެފައި އަދި އެއީ އެކަމުގެސަބަބުން ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިލާންޖެހުނު ނުހަނު ގެއްލުންބޮޑު ކަމަކަށްވި މަސައްކަތެކެވެ. ވުމާއެކު އެކަމުގައި ކުރިމަތިވަމުންދިޔަ މައްސަލަތައް ޙައްލު ކޮށްދެއްވުމަށްޓަކައި ރަށުގެވެރިންގެފަރާތުން އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތުއްތުކަތީބު މަސައްކަތް ކުރެއްވި އެވެ.

ހަވަރުތިނަދޫގެ ވެރިކަމުގެދާއިރާގައި އަލްމަރުޙޫމު ތުއްތުކަތީބު އުޅުއްވި ދިގު ތާރީޚުގައި އޭނާއަކީ ސަރުކާރަށް ވަފާތެރި، އެއިރެއްގައި އޮންނަ ސަރުކާރަކާއި ގާތް ގުޅުމެއް ބާއްވަވަމުންގެންދެވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ. ހަވަރުތިނަދޫގައި ދިވެހިސަރުކާރާއި ދެކޮޅަށް ހިންގި ބަޣާވާތުގެ ނުވަތަ ހަމަނުޖެހުމުގެތެރޭގައިވެސް ތުއްތުކަތީބު ހުންނެވީ ސަރުކާރަށް އެއްބާރުލުންދެއްވާ ސަރުކާރުގެ މުހިއްމު ބައިވެރިއެއްގެގޮތުން ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައެވެ. ހަވަރުތިނަދޫގައި ކުރި ފުރަތަމަ ބަޣާވާތާއެކު ސަރުކާރާއި ހަވަރުތިނަދޫއާއި ގުޅުންކެނޑިފައި ދުވަސްކޮޅަކު އޮތުމަށްފަހު އަލުން ސަރުކާރުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެންނަވައި ސަރުކާރުގެ ސިފައިން ހަވަރުތިނަދޫގައި ތިބި ދުވަސްވަރު ދެވަނަފަހަރަށް ހުވަދުއަތޮޅުގައި ދިވެހިސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމާއި ގުޅިގެން މަގާމުން ވަކިނުކުރައްވައި އަތޮޅުގައި ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ކަމުގައިވެސް ތުއްތުކަތީބު ހިމެނިވަޑައިގެންފައިވެއެވެ.

ހަވަރުތިނަދޫގައި ދެވަނަފަހަރަށް ބަޣާވާތްކުރީ ނުވަތަ ހަމަނުޖެހުން އުފެދުނީ ހުވަދުއަތޮޅު ދެބައިކޮށް އިރުމަތީބިތުގެ (ގއ.ގެ) އަތޮޅުއޮފީސް ހުޅުއްވުމަށް އެއަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމު ކުޑަ އަޙުމަދު ކަލޭގެފާނާ އެކީގައި ތުއްތުކަތީބު ވިލިނގިލީގައި ހުންނަވަނިކޮށެވެ. މިހެންވުމާއެކު ދިވެހިސަރުކާރަށް އެޚަބަރުދެއްވުމަށް އަތޮޅުވެރިޔާދެއްވި ސިޓީއަކާއެކު ތުއްތުކަތީބު މާލެ ފުރުއްވިއެވެ.

އެދުވަސްވަރުގެ ބޮޑުވަޒީރު އަލްފާޟިލު އިބުރާހީމް ނާޞިރު ހަވަރުތިނަދޫއަށް ވަޑައިގެން އެރަށުން މީހުންބާލުއްވައި ސަރުކާރުގެ ބާރުގެދަށަށް ހަވަރުތިނަދޫ ގެންނަވައި ހަވަރުތިނަދޫ ފަޅުރަށެއްގެގޮތުގައި ހަމަޖެއްސެވުމުން އަލްމަރުޙޫމު ތުއްތުކަތީބު ހަވަރުތިނަދޫ ގެ ކަތީބުކަމުގެ މަގާމުން ވިލިނގިލީގެ ކަތީބުކަމުގެ މަގާމަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. އޭގެފަހުން ހަވަރުތިނަދޫ އާބާދު ކުރެއްވުމަށް ސަރުކާރުން ނިންމަވައި ޢަމަލީގޮތުން އެމަސައްކަތް ކުރެއްވުމަށް ހަވަރުތިނަދޫއަށް ސަރުކާރުން ފޮނުއްވި އަލް މަރުޙޫމު އަލްފާޟިލް ތުއްތުދީދި ދޮންމަނިކު ތިނަދޫއަށް ވަޑައިގެން މަސައްކަތާއި ޙަވާލުވެވަޑައިގެންނެވުމާއެކު އަލްމަރުޙޫމު ތުއްތުކަތީބު ވެސް ހަވަރުތިނަދޫއަށް ވަޑައިގެންނެވިއެވެ. އަދި އެރަށުގައި ދެވަނަފަހަރަށް މީހުން ވަޒަންވެރިވާން ފެށުމާއެކު ސަރުކާރުން ހަވަރުތިނަދުއަށް ވެރިން ހަމަޖެއްސެވިއިރު، ވިލިގިލީގެ ކަތިބުކަމުގެ މަގާމުން ހަވަރުތިނަދޫގެ ކަތީބުކަމަށް ތުއްތުކަތީބު ބަދަލުކުރައްވައި އެފަހަރު ހަވަރުތިނަދޫއަށް ސަރުކާރުން ލެއްވި 3 ވެރިންގެތެރެއިން އިސް މަސްއޫލިއްޔަތު އަދާކުރައްވާނޭ ބޭފުޅަކީ ތުއްތުކަތީބު ކަމުގައިވަނީ ހަމަޖައްސަވާފައެވެ. އެއާއެކު ހަވަރުތިނަދޫ އާބާދުކުރެއްވުގައި އޭނާ ވަރަށްބޮޑެތި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ ފައިވާކަން އެއީ ތިނަދޫގެ ތަރައްޤީގެ ޞަފްޙާތަކުން މިހާރުވެސް ފެންނަންހުރި ކަމެކެވެ.

އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމުގެ ރައީސްކަމުގެ ދުވަސްވަރު ތިނަދޫގައި ސަރުކާރުން ހިންގެވި ބޮޑެތި މަޝްރޫޢުތަކަށްބަލާއިރު ފާގަކުރެވޭ މުހިއްމު މަސައްކަތަކީ ތިނަދޫގެ ބިންހިއްކެވުމަށް ސަރުކާރުން ކުރި މަސައްކަތެވެ. ތިނަދޫގާ ކުރިން އޮތް ކުޅިއާއި، ޗަސްބިން ހިއްކުމާއި، ތިނަދޫމާފުއްޓާއި ތިނަދޫއާއި ދެމެދު ހިއްކުން، ތިނަދޫގެ ފުއްޓަރުފަރާތުގެ ގޮނިގަނޑު (ރާޅުއަރާ ސަރަޙައްދު) ހިއްކުމުގެ މަސައްކަތާއި އަދި ތިނަދޫ ގެ މޫނުމަތިން (ރަށުގެ އިރުމަތީފަރާތުން) ބޮޑުބައެއް ހިއްކުމުގެ މުހިއްމު މަސައްކަތެވެ. ވުމާއެކު ރަށުގައި ހިނގާ މިފަދަ ކޮންމެ މަސައްކަތެއްގައިމެ ރަށުއޮފީސް މެދުވެރިވެގެން ނުވަތަ ރަށުގެ ވެރިންނާއިގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެކަމެއްގައިމެ ތުއްތުކަތީބުގެ އިރުޝާދާއި ތަޖުރިބާ ޙިއްޞާކުރެވި އެކަމަކަށް އެންމެ އެކަށޭނަގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.

އަލްމަރުޙޫމު ތުއްތުކަތީބު އަކީ ދިވެހިތާރީޚުގެ އެކިކަންކަން ހޯއްދަވައި ދިރާސާކުރައްވައި އަދި ފަހުގެ ޖީލުތަކަށް އެކަންކަން ފޯރުކޮށް ދެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދެވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ހަވަރުތިނަދޫއާއި އަދި އެހެން ބައެއް ހިސާބުތަކުގެ ޢާއިލީ ގިނަ ވަނަވަރުތަކާއި މަޢުލޫމާތުތައް ލިއުއްވައި ރައްކާތެރިކަމާއެކު ބަލަހައްޓަވަމުން ގެންދެވިއެވެ.

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޙައްވާ މުޙައްމަދު (ޙައްވާފާނު)ގެ ޢާއިޝަތު ގާސިމް (ކުދެއައިސާފާނު) އާއި ތުއްތުކަތީބު ކައިވެނި ބައްލަވައިގެން 7 ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެތެރެއިން އެންމެހަގީ، މިހާރު ދުނިޔޭގައި ހުންނެވީ ތިނަދޫ މަދަރުސާދޮށުގޭ ޢަބުދުالله ޙިލްމީ އެވެ. ތުއްތުކަތީބުގެ ފުރަތަމަ ކައިވެނިރޫޅި ދެވަނައަށް ކައިވެނިކުރެއްވީވެސް ހަވަރުތިނަދޫގެ ޝަރަފުވެރި ބޭފުޅެއް ކަމުގައިވާ އައްޝައިޚް މުދިމް ޙުސައިން ތަކުރުފާނުގެ ފާޠިމަތު ޙުސައިން (ފާތުމާމަނިކެ) އާއިއެވެ. މިދެކަނބަލުންނަށް 13 ބޭފުޅުން  ލިބިވަޑައިގަތެވެ. އޭގެތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ އާމިނަތު ޙިލްމީ، މަރިޔަމް ޙިލްމީ، ޚަދީޖާ ޙިލްމީ، ޢައިޝަތު ޙިލްމީ، އިބްރާހީމް ޙިލްމީ އެވެ.

އަލްމަރުޙޫމު ތުއްތުކަތީބު އަކީ ވަރަށް ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައިވުމުން ސަރުކާރުން ދެފަހަރަށް ޕެންޝަންދެއްވާފައިވާ ދައުލަތުގެ ޑަބަލްޕެންޝަނަރެކެވެ. ޙަޔާތުގެ އެންމެފަހު މަރުޙަލާގެ ދުވަސްތައް ކަޑައްތުކުރައްވަމުން ގެންދެވިއިރު އަދާކުރައްވަމުން ގެންދެވި ސަރުކާރުގެ ވަޒީފާއަކީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީހުގެ އެހީތެރިޔާގެ ވަޒީފާއެވެ. ދުނިޔެ ދޫކުރައްވާފައިވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި އޮންނަވަނިކޮށް 1999 ވަނައަހަރުގެ ޖޫންމަހުގެ 15 ވަނަދުވަހު ޢުމުރުން 78 އަހަރުގައެވެ. ފަސްދާނުލެވިފައިވަނީވެސް އިންޑިއާގައެވެ.

މަތިވެރި ﷲ، މަރުޙޫމް ތުއްތުކަތީބުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން.

މަޢުލޫމާތުހޯއްދަވައި ލިއުއްވާފައިވަނީ:  މުޙައްމަދު ޒުހައިރު، މާގަލާ / ގދ. ތިނަދޫ

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *