ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެރިކަމަށް ވަޑައިގަތީ ކުރިން ހީވެސްނުކުރާކަހަލަ މަގަކުން ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން އެމްޑީޕީ ގެ ފަރާތުން އެމަނިކުފާނު އެޕާޓީގެ ރިޔާސީކެނޑިޑޭޓްގެ ގޮތުގައި ކަނޑައެޅިގޮތާއި އަދި ތަފާތު ޚިޔާލުތަކުގެ ޕާޓީ ތަކަކުން ގުޅިފައިވާ ރިޔާސީކެނޑިޑޭޓް ކަމުގައި އެމަނިކުފާނު ހަމަޖެއްސިގޮތް ފާހަގަ ކޮށްލެވެއެވެ. އަޑު އިވޭގޮތުން ރައީސް ނަޝީދަށް ލިބިފައިވާ އެމްޑީޕީ ގެ 2018 ގެ ރިޔާސީޓިކެޓް، އުކުޅަހުގައި ބޭއްވުނު އެމްޑީޕީ ގެ ކޮންގްރެސްގައި ރައީސް ޞޯލިޙަށް ލިބުނުގޮތް އެމްޑީޕީ ގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީ އެއީ ޕާޓީގެ ތެރޭގައި ގެނެވުނު ބަޣާވާތެއް ގޮތުގައެވެ. އެހެންކަމުން އެމްޑީޕީ ގެ ބައެއް މެމްބަރުންގެ މެދުގައި ރައީސް ޞޯލިހްގެ "ރައީސް" ކަމާއިމެދުވެސް ނުތަނަވަސް ކަމެއް ރިޔާސީޓިކެޓް ލިބުނު ދުވަހުންފެށިގެން އުފެދިފައިވެއެވެ.
ރައީސް ޞޯލިހް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގެން ރިޔާސީއިންތިޚާބު ކާމިޔާބުކޮށް ރައީސްކަމާއި ޙާވާލުވެގެން އެންމެފުރަތަމަ ބޭއްވުނު އިންތިޚާބު ކަމުގައިވާ ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި، ރައީސް ޞޯލިހް އެޕާޓީގެ އެންމެއިސްވެރިޔާ ކަމުގައިވާ އެމްޑީޕީ އިން ކޯލިޝަން އެއްބަސްވުމާއި ޚިލާފަށް ކަންތައްތައް ކުރުމުން ރައީސް ސޯލިހް ވެސް ކަންތައް ކުރެއްވިތަން ފެނުނީ ކޯލިޝަންގެ އެއްބަސްވުމާއި ޚިލާފަށް އެމަނިކުފާނުގެ ޕާޓީއަށް ފައިދާވާނެ ގޮތަށެވެ. އެގޮތުން ކޯލިޝަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޕަސެންޓާއި އެއްގޮތަށް އެހެން ޕާޓީތަކަށް މަޖްލިސް އިންތިޚާބުގައި ދާއިރާތައް ނުދީ ހުރިހާ ދާއިރާތަކަކަށް އެމްޑީޕީ އިން ކެނޑިޑޭޓުން ނެރެ ކޯލިޝަން ގެ އެހެން ޕާޓީތަކަށް "ލަނޑު" ދިނުމާއި ގުޅިފައިވާ ޕާޓީ ތަކުގެ އިސްލީޑަރުގެ ގޮތުގައި ހުންނަވައިގެން ހަމައެކަނި އެމްޑީޕީ ކެނޑިޑޭޓުންނަށް ކެމްޕެއިންކޮށްދެއްވައި ކޯލިޝަނުގެ އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ވޯޓް ދޭން ނުޖެހޭ މޭރުމަކުން ވާހަކަ ދެއްކެވުން ހިމެނެއެވެ. މިކަމަކީ ރައީސް ޞޯލިހް ގެ ސަރުކާރުގައި ހިމެނޭ ޕާޓީ ތަކުން ރައީސް ޞާލިޙް އާއިމެދު ހިތްހަމަނުޖެހި އަދި ރައީސްގެ އިތުބާރު ގެއްލުނު ފުރަތަމަ ކަންތަކެވެ. އެމްޑީޕީ އާއި ރައީސް ޞޯލިހް ކަންކަން ކުރެއްވިގޮތުން މަޖްލިސް އިންތިޚާބުގައި ކޯލިޝަނުގެ ބައެއް ޕާޓީތަކަށް އެންމެ ގޮނޑިޔެއްވެސް ކާމިޔާބު ނުވިއިރު ގޮނޑި ކާމިޔާބުކުރި ޕާޓީއަށްވެސް ކާމިޔާބު ކުރެވުނީ މަދު ގޮނޑިތަކެއް ކަމުގައި ވުމަކީ ކޯލިޝަނުގެ ޕާޓީތަކުގެ ވެރިންނާއި ޢާއްމުމެމްބަރުން ރައީސް ޞޯލިހް އާއިމެދު ނަފްރަތު ކުރުން އިތުރުވި ކަމެކެވެ. ކޯލިޝަން އެގްރީމެންޓާއި އެއްގޮތަށް ފުރަތަމައިނުން ކެބިނެޓް އެކުލަވާލި ކަމުގައިވިޔަސް އެމްޑީޕީ ނޫން ޕާޓީތަކުގެ ސްލޮޓްތަކުގައި ތިއްބެވި ބައެއް ވަޒީރުންގެ މަޤާމްތައް ގެއްލި އަދި އެ ސްލޮޓްތައްވެސް ގެއްލެމުން ދިޔުމާއި އެކަމުގައިވެސް ކޯލިޝަންޕާޓީ ތަކުގެ ވެރިންނަށް ހައްދަވަނީ އިތުރުފުޅާއި މަކަރު ކަމަށް އަޑުފެތުރިފައި ވުމުގެސަބަބުންވެސް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ވެރިންނާއި އާއްމުމެމްބަރުންގެ މެދުގައި ރައީސް ޞޯލިހް ގެ އިތުބާރު ގެއްލި ނަފްރަތު އިތުރުވެގެން ގޮސްފައިވެއެވެ.
ރައީސް ޔާމީން ގެ "ވަރުގަދަ" ސަރުކާރު ބަލިކަށިވެ އިންތިޚާބުންވެސް ބަލިވިކަމުގެ އެންމެބޮޑު ސަބަބަކީ މަޝްހޫރު 12 މެމްބަރުން ކަމަށް ވަރަށްބޮޑަށް ބެލެވިފައި ވެއެވެ. އެހެންކަމުން ރައީސް ޞޯލިޙް ގެ ސަރުކާރު ވުޖޫދުވުމުގައި މި ދެންނެވި 12 މެމްބަރުން މުހިއްމު ދައުރެއް އަދާކޮށްފައިވާނެކަމީ ޤަބޫލުކުރެވޭ ކަމެކެވެ. އެގޮތުން އާއްމުންނަށް ނުފެންނަ ގޮތަށް އެތެރެއިން ކުރެވުނު މަސައްކަތްތަކުގެ އިތުރަށް ރިޔާސީއިންތިޚާބުގެ ދުވަސްވަރު ކެމްޕެއިނަށް އެކިއެކި ރަށްތަކަށް އެ މެމްބަރުން ދަތުރުކޮށް އެކިއެކި ރެލީތަކުގައި ވާހަކަތައް ދާއްކާފައިވާތަންވެސް ފެނިފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެ 12 މެމްބަރުން 19 ވަނަ ރައްޔިތުންގެ މަޖްލިސްއަށް އިންތިޚާބުކޮށްދިނުމުގައި އެންމެފުރިހަމަޔަށް ބައިވެރިވެ އެންމެފުޅާގޮތެއްގައި ކެމްޕެއިން ކޮށްދެއްވާނެކަމަށް ރައީސް ޞޯލިހް އޮތީ އެމެމްބަރުންނަށް ވަޢުދުވެ އަޙުދުވެފައެވެ. ނަމަވެސް އެ އިންތިޚާބުގައި އޭގެ އެއްވެސް މެމްބަރަކަށް ތާއީދުކޮށް އެއިން މެމްބަރެއްގެ ކެމްޕެއިނުގައި ބައިވެރި ނުވިތާގައި ބައެއް މެމްބަރުންނާއި ދެކޮޅަށް ކެމްޕެއިން ކުރައްވަން އެ ދާއިރާތަކަށް ރައީސް ޞޯލިހް ވަޑައިގެންނެވިއެވެ. އެހެންކަމުން ރައީސް ޞޯލިހްގެ ވެރިކަން ވުޖޫދުވުމުގައި އެންމެބޮޑު ހިއްސާއެއް އަދާކުރި އެއް ބައެއް ކަމުގައިވާ 12 މެމްބަރުންނާއި މެދު ރައީސް ޞޯލިހް ކަނަތައް ކުރެއްވިގޮތުން އެ މެމްބަރުންނާއި އެނޫންވެސް އެތައް ބައެއްގެ ކުރިމަތީ ރައީސް ޞޯލިހްގެ އިތުބާރު ބޮޑުތަނުން ގެއްލި ނަފްރަތު އިންތިހާއަށް އިތުރުވެފައިވެއެވެ.
ސަރުކާރުގެ ތެރޭގައި ހިގަމުންދާ ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުންނާއި އެކަމާއިގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭތީއާއި އަދި އެފަދަ ފަރާތަތްތައް ހިމާޔަތްކޮށް އެފަރާތްތަކާމެދު އެއްވެސްކަމެއް ނުކުރާތީ އެމްޑީޕީ ގެ ބައެއް މެމްބަރުން ސަރުކާރަށް ފާޑު ކިޔުމާއެކު ރައީސް ޞޯލިހް ގެ އިތުބާރެއް ނެތްކަމަށް ހަރުއަޑުން ގޮވާހަދައެވެ. އަދި އެމްޑީޕީ ގެ ބައެއް ނުފޫޒުގަދަ ފަރާތްތަކުންނާއި ބައެއް މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ބަރުލަމާނީ ނިޒާމް ގެނައުމަށް އިންތިހާއަށް ބޭނުންވިނަމަވެސް ރައީސް ޞޯލިހް އެކަމަށް ތާއީދު ނުކުރައްވައި ވާހަކަފުޅުދައްކަވާތީ އެފަރާތްތަކުންވެސް ރައީސް ޞޯލިޙް އާއި މެދު ނުރުހެވެ. މިނޫނަސް ސަރުކާރުތެރޭ ހިގާ ގިނަކަންތަކާމެދު ނުރުހޭ އެމްޑީޕީ ގެ ގިނަ މެމްބަރުންތަކެއް އުޅޭތީ އެމްޑީޕީ ގެ އާއްމު މެމްބަރުންގެ ތެރޭގައިވެސް މަޤްބޫލުކަން ކުޑަވެ އަލުން ވެރިކަމަށް ރައީސް ޞޯލިހް ގެންނަން ބޭނުން ނުވާކަން ހާމަކުރެއެވެ.
އެމްޑީޕީ ގެ ރައީސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ދެވުނު އަނިޔާވެރި ޓެރަރިސްޓް ޙަމަލާގެ ސަބަބުންނާއި އަދި ޙަމަލާގެ ތަޙުޤީގު ހިގަމުންދާގޮތުން އެމްޑީޕީ ގެ ވަރަށް އިސް މެމްބަރުންނާއި އާއްމު އެތައް މެމްބަރުންނެއް ވެސް ރައީސް ޞޯލިހް އާއިމެދު ހިތްހަމްނުޖެހި ރުޅިވެރިކަން ފާޅުކުރަމުން ގެންދެއެވެ. ބައެއް ފަރާތްތަކުން ޝައްކު ކުރަނީ އެ ޙަމަލައަކީ ސަރުކާރުގެ ތެރެއިން ރޭވިގެން ދެވުނު ޙަމަލާއެއްގެ ގޮތުގައެވެ. އެފަދަ ޙަމަލައެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ޑިފެންސް މިނިސްޓަރ އަށް ލިބުނުނަމަވެސް އެކަށީގެންވާ ފިޔަވަޅު ނޭޅިވަނީ ސަރުކާރުގެ އިހުމާލުން ކަމަށާއި އެކަން އެގޮތަށްވީ އެކަންއެހެން ކުރުމަށް ސަރުކާރުން ބޭނުންވާތީ ކަމަށްވެސް އެމްޑީޕީ ގެ ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ. ޚުދު ރައީސް ނަޝީދުގެ ޢާއިލާއިންވެސް އެފަދަގޮތަކަށް ވާހަކަ ދައްކަވާތީ ބޮޑަށް ބުރަވެވެނީ އެއީ ރައީސް ނަޝީދުވެސް ޤަބޫލު ކުރައްވާގޮތް ކަމުގައެވެ. އެހެންކަމުން މިކަމުގެ ސަބަބުންވެސް ރައީސް ޞޯލިހް އަށް ތާއީދުނުކޮށް ނަފްރަތު ކުރާނެ އަދި އަލުން އިންތިޚާބުވުމަށް ނޭދޭނެ ކިތަންމެ މެމްބަރުންނެއް އެމްޑީޕީ ގެ ތެރޭގައި ތިބޭނެކަމީ ޔަޤީންކަމެކެވެ.
ހަމައެހެންމެ އިދިކޮޅު ޕީޕީއެމްޕީއެންސީ ގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ރައީސް ޞޯލިހް އާއިމެދު ދެކެނީ އަނިޔާވެރިއެއްގެ ގޮތުގައެވެ. ސަބަބަކީ ރައީސް ޔާމީން އަށް ކުރެވުނު ހުކުމަކީ ރަނގަޅު އަދި އިންޞާފުވެރި ހުކުމެއް ނޫންކަމާއި އެއީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ބޭއިންޞާފުވެރި ހުކުމެއް ކަމުގައި ދެކޭތީއެވެ. އެ ހުކުމުގެ ސަބަބުން އެމީހުން ނުހަނު ލޯބިވާ ރައީސް ޔާމީން ނުހައްގުން ޖަލަށްލައި އަނިޔާދެމުންދާތީއެވެ. އެހެންކަމުން އެމީހުންތިބީ އާދައުރަކަށް ރައީސް ޞޯލިހް ނުހޮވުމަށް ކުރެވުނު ކޮންމެ މަސައްކަތެއް ކުރުމުގެ އިތުރުން މިހާރުން މިހާރަށްވެސް ރައީސް ޞޯލިހް ވެރިކަމުން ދުރުކުރުމަށް ބޭނުންވެފައެވެ.
މަތީގައި ދެންނެވިފައިވާ ސަބަބުތައް އެހެން ހުރުމާއެކު ރައީސް ޞޯލިހްއަށް އިތުބާރުކޮށް އާ ދައުރަކަށް އެމަނިކުފާނު ހޮވަން ގިނަބަޔަކު ބޭނުން ނުވާނެކަމީ ކަށަވަރު ކަމެކެވެ. ރައީސް ޞޯލިހް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނުގެ އިތުބާރުވަނީ ވަރަށްބޮޑަށް ގެއްލިގެން ގޮސް އަލުން އިއާދަނުވެވޭވަރު ވެފައެވެ. ނަމަވެސް 2018 ގައި ރައީސް ޞޯލިހް އަށް ރިޔާސީޓިކެޓް ލިބުނުފަދަ އާދަޔާޚިލާފު ގޮތަކަށް 2023 ގައި ކަންކަން ވެއްޖެނަމަ އަލުން ރައީސްކަމަށް ވަޑައިގެންނެވިދާނެއެވެ. އެކަމަކު އެއީ ވުމަށްވުރެ ނުވުންގާތް އަދި އެހާމެ ނާދިރުކަމެކެވެ. ކޮންމެ ގޮތަކުން ބެލިކަމުގައިވިޔަސް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހް ގެ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށެވެ.
ނޯޓް: މި ލިޔުމަކީ މި ނޫހުގައި ޝާއިޢު ކުރުމަށް ޚާއްޞަ ފަރާތަކުން ލިޔެފައިވާ ލިޔުމެކެވެ.

