ހަވަރުތިނަދޫ މޫސާ ފަތުޙީ އަކީ ހުވަދުއަތޮޅުގައި އުފެދުނު ސިޔާސީ ބޭފުޅުންގެ ތެރެއިން ފާހަގަކުރެވޭ ވަރަށް ވަރުގަދަ ޝަޚުޞިއްޔަތެކެވެ. ތިނަދޫގެ ކަތީބު ކަމުގެ އިތުރަށް ހުވަދުއަތޮޅު ދެކުނުބުރީ ގެ އަތޮޅުވެރިކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ މޫސާފަތުޙީ އަކީ އޭނާގެ ގިނަ ޚިދުމަތްތަކެއް ހުވަދުއަތޮޅު ދެކުނިބުރިއަށް ވަކިން ޚާއްޞަކޮށް ތިނަދޫ އަށް އެކިރޮގުރޮގުން ކުރައްވާފައިވާ ވަރަށްބޮޑު ޚިދުމަތްތެރިއެކެވެ. އެގޮތުން މޫސާ ފަތުޙީ ފާހަގަވެފައިވަނީ އަތޮޅުގެ ތަޢުލީމު ކުރިއެރުއްވުމަށް ވަރަށްބޮޑަށް މަސައްކަތްކުރެއްވި، ތަޢުލީމަށް ވަރަށްބޮޑަށް ލޯބިކުރެއްވި ތަޢުލީމީ ބޭފުޅެއްގެ ގޮތުގައެވެ. އަދި ތަޢުލީމީ ދާއިރާގެ އެކިކަންކަމަށް އަމިއްލަ މުދަލުން ވަރަށްގިނަ ހޭދަ ކުރައްވަމުން ގެންދެވުމާއެކު ތަޢުލީމު ފެތުރުއްވުމަށްވެސް މަސައްކަތް ކުރަށްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ.
މޫސާ ފަތުޙީ އަކީ ހަވަރުތިނަދޫ މުޙައްމަދުތަކުރުފާނު (ހަވޮއްޑޭމުދިމްބެ) އާއި ހަވަރުތިނަދޫ ކޮތަރުގޭ ރައްކައްދައިތާގެ ޢާއިޝާ (އައިސާދައިތަ) އަށް ލިބުނު ކުދިންގެ ތެރެއިން 2 ވަނަ ފިރިހެން ދަރިފުޅެވެ. މުސާ ފަތުޙީ ފުރަތަމަ ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ ރަށުގައި ބައްޕަ މުޙައްމަދުތަކުރުފާނުގެ އަރިއަހުންނެވެ. އޭގެ ފަހުން ރާއްޖެއިން ބޭރަށް ވަޑައިގެން ސާނަވީ ތަޢުލީމް ޙާޞިލް ކުރެއްވީ އިންޑިޔާގެ މެޑްރާސް ގެ މިސްބާހުލް ހުދާއިންނެވެ. މަތީ ތަޢުލީމް ޙާޞިލް ކުރެއްވީ އިންޑިޔާގެ ހައިދަރުއާބާދުގެ ނިޒާމިއްޔާ ޔުނިވަރސިޓީ އިންނެވެ. އުނގެނިވަޑައިގެންނެވި ބޭރުބަސްތަކުގެ ތެރޭގައި އިންޑިއާގެ ގިނަބަޔަކު ބޭނުންކުރާ ހިންދީ ބަހާއި، އުރުދޫބަސް އަދި ތަމަޅަބަސް ހިމެނެއެވެ.
މޫސާ ފަތުޙީ ރާއްޖެއިން ބޭރުން ތަޢުލީމް ޙާޞިލްކޮށްގެން މާލެ ވަޑައިގެން ސަރުކާރުގެ ޚިދުމަތް އެއްމެފުރަތަމަ ފަށްޓަވާފައިވަނީ މަދަރުސަތުލް މަޖީދިއްޔާ ނުވަތަ މިހާރުގެ މަޖީދިއްޔާ ސްކޫލް ގައި އިސްލާމް މުދައްރިސެއްގެ ގޮތުން އެމަދަރުސާގައެވެ. އޭގެފަހުން ހަވަރުތިނަދޫއަށް ވަޑައިގެން ހަވަރުތިނަދޫގައި އޭރު ހިންގެވި މަދަރުސާ ކަމަށްވާ މަދަރުސަތުލް އަމީރުއިބްރާހީމް ގައި ވެސް މުދައްރިސެއްގެގޮތުން ދިގުމުއްދަތަކަށް މޫސާ ފަތުޙީ ޚިދުމަތް ކޮށްދެއްވާފައިވެއެވެ.
ދެވަނަފަހަރަށް ތިނަދޫގައި މީހުން ވަޒަންވެރިވުމުގެ ހުއްދަ ސަރުކާރުން ދެއްވައިގެން މީހުން އާބާދުވުމާއެކު މޫސާ ފަތުޙީ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި އެއްމެ އިސްކަންދެއްވި ކަމަކީ ކުދިންނަށް ތަޢުލީމުދިނުމުގެ މަސައްކަތްޕުޅެވެ. އެގޮތުން ތިނަދޫގެ ކަމުވޮށިވެގެންވާ އެންމެންނާއި ވާހަކަދައްކަވައި ތިނަދޫގައި ކުދިންނަށް ކިޔަވައިދޭނެ މަދަރުސާއެއް އުފެއްދެވުމަށް ގަޞްދުކުރައްވާ ކަމުގައި ވިދާޅުވެ އެ މަސައްކަތް ފެއްޓެވިއެވެ. މަދަރުސާ ރަޖިސްޓްރީ ކުރުމަށް ކުރަންޖެހޭކަންތައްތައް ފުރިހަމަކުރައްވައި "މިސްބާޙުލްހުދާ" ގެ ނަމުގައި މޫސާ ފަތުޙީ ގެ މަސްއޫލުވެރިކަމުގެ ދަށުގައި މޫސާ ފަތުޙީ ގެ އަމިއްލަ މަދަރުސާއެއް އުފައްދަވައި ކުދިންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް ފެއްޓެވިއެވެ.
އެމަދަރުސާ (މިސްބާޙުލްހުދާ) ޢިމާރާތްކުރުމާއި ހިންގުމުގެ ހުރިހާޚަރަދެއް ކުރެއްވީ ވެސް މުސާ ފަތުޙީ އަމިއްލަފުޅަށެވެ. އެމަދަރުސާގެ އިފްތިތާހީ ޖަލްސާ ބާއްވާފައިވަނީ 1970 ވަނައަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަދުވަހުގެ ހެނދުނު 7:30 ގައެވެ. މަދަރުސާގެ ކިޔަވާދިނުން ފަށާފައިވަނީ 01 ފެބްރުއަރީ 1970 ގައެވެ. އެމަދަރުސާގައި އިނގިރޭސިބަސް ކިޔަވައިދެއްވާނެ ޓީޗަރަކާއި ކުޅިވަރާއިބެހޭ ޓީޗަރެއް މާލެއިން ގެންނަވައި އެބޭފުޅުންނަށް މުސާރަ ދެއްވުމަށާއި އަދި އެކަމަށް ކުރައްވަން ޖެހިވަޑައިގަތް ހުރިހާ ޚަރަދެއް ކުރެއްވީ ވެސް މޫސާ ފަތުޙީ އަމިއްލަ ފުޅަށެވެ.
އޭގެއިތުރުން އެމަދަރުސާގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން ޔުނިފޯމާއި، ފޮތްފަންސުރު ފަދަ ތަކެތި ހޯދުމަށް ދަތިވިކުދިންނަށް އެކަން ހަމަޖައްސަވައި ދެއްވީ ވެސް މޫސާ ފަތުޙީ އަމިއްލަފުޅަށެވެ. މި މަދަރުސާގެ ނާޒިރަކަށް ހަމަޖެއްސެވީ އަލްމަރުޙޫމު ޙަކީމު ޙުސައިން އަފީފުއެވެ. މިސްބާޙުލްހުދާ އަކީ ތިނަދޫގެ ދަރިވަރުންގެ އިތުރަށް ހުވަދުއަތޮޅުގެ ގިނަރަށްރަށުގެ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުންދިޔަ ހުވަދުއަތޮޅަށާއި، މުޅިރާއްޖެއަށް ވަރަށްބޮޑަށް މަޝްހޫރުވި މަދަރުސާއެއްކަން ފާހަގަކުރެވެއެވެ.
މޫސާ ފަތުޙީ އަކީ ތަޢުލީމީ ކަންކަމުގެ އިތުރަށްވެސް ރަށުގެ އިޖުތިމާޢީ އެތައްކަމަކަށް އަމިއްލަ ފައިސާއިން ގިނަގުނަ ހޭދަތަކެއް ކުރެއްވި ނުހަނު ޚިދުމަތްތެރި، ހުވަދުއަތޮޅުގެ ފަޚުރުވެރިވާ ބޭފުޅެކެވެ. މޫސާ ފަތުޙީ އަކީ ރައްޔިތުންގެ ޚާއްޞަމަޖިލިހުގެ މެމްބަރުކަން ކުރެއްވުމުގެ އިތުރަށް އޭރު ރާއްޖޭގައިއޮތް އިސްލާމީ ކަންތައްތަކާއިބެހޭ މަތީ މަޖިލީހުން އުފައްދަވާފައިވާ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލީހުގެ ވެސް މެމްބަރެކެވެ. އަދި ތިނަދޫ ދެވަނަފަހަރަށް އާބާދުވެ ހިނގަމުން އައި އިރު ތިނަދޫގައި އުފެއްދި ހަވަރުތިނަދޫ ސްޕޯޓްސްކުލަބުގެ އެއް މަސްއޫލު މެމްބަރ ވެސްމެއެވެ.
މޫސާ ފަތުޙީ އަކީ ދުރަށް ވިސްނާވަޑައިގަންނަވާ އެހެންމީހުން ޖެހިލުންވުމާއެކު ގަދަރުކުރާފަދަ ސިފަތަކެއްހުރި ބޭފުޅެއްގެ އިތުރުން މަސްއޫލިއްޔަތު އަދާކުރެއްވުމުގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްކަމުގައިވެސް ގިނަބަޔަކު ގަބޫލުކުރަށްވާބޭފުޅެކެވެ. ކަންކަމަށް ފަރުވާބަހައްޓަވައި ވީހާ ފުރިހަމަކޮށް ކަންތައްތައް ގެންދިއުމަށް ސާބިތުކަމާއެކު މަސައްކަތް
ކުރައްވަމުން ގެންދެވި މާލެއާއި އަދި ދެކުނުގެ އަތޮޅުތަކުގައި ވަރަށްބޮޑަށް މަޝްހޫރުވި ވަރަށް ގިނަ ބައެއްގެ އިޙުތިރާމް ހޯއްދަވާފައިވާ ޢިއްޒަތްތެރި ބޭފުޅެއްކަމުގައި ފާހަގަކުރެވިގެންދިޔަ ބޭފުޅެއްވެސްމެއެވެ.
މޫސާ ފަތުޙީ ތިނަދޫގެ ވެރިކަމުގައި ހުންނެވިދުވަސްވަރު ކުރެއްވި މުހިއްމު މަސައްކަތްތަކުގެ ތެރެއިން ވެސް ދެތިންކަމެއް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ފުރަތަމަ ކަމަކީ ހުރިހާ އޮޑިދޯނިފަހަރުގެ ވެރިންނާއި ތިނަދޫގެ ރައްޔިތުން ވަރަށްފޯރިއާއި ޖޯޝުގައިނުކުމެ ފުންމިނުގައި އެވްރެޖްކޮށް 6 ފޫޓް ހުރި ތިނަދޫ 18 ނަމްބަރު މަގާއި އެމަގާގުޅޭ ހުރިހާ ހުރަސްމަގުތަކަކާއެކު 63 ނަމްބަރު މަގުންފެށިގެން 69 ނަމްބަރު މަގާދެމެދު 15 ފޫޓް ފުޅާ މިނުގައި އަދި ދިގުމިނުގައި 2400 ފޫޓް ގެ މަގ،ު ފަރުން ގައު ނަގައިގެން ގައުއަޅައިގެން އަދި އޭގެ މައްޗަށް ވެލިއަޅައިގެން ބައިސްކަލްވެސް ދުއްވޭވަރަށް 2 ދުވަހުގެތެރޭ މަގު ހެދުމެވެ.
ދެވަނަ މަސައްކަތަކީ ތިނަދޫގައިއޮތް ޗަސްބިމުގެސަބަބުން ދަނޑުކޮޑޭ އަވަށުގައި ދިރިއުޅޭމީހުންނަށް ބަނދަރުމައްޗަށް އައިސްގޮސްއުޅުމަށް ވަރަށްބޮޑަށްއުދަގޫވެ ދަތިތަކާ ކުރިމަތިލާންޖެހިފައި އޮތުމުން އެކަމަށްލުޔެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޗަސްބިން އެކުލެވޭސަރަޙައްދުގައިދެފަރާތުން ރަށުގެހިކިފަސްތަނާގުޅޭގޮތަށް ދިގަށް އޮތް ދެމަގާއި ހުރަސް ތިންމަގު ދިގަށްހެދި ދެމަގާއި ގުޅުވުމަށް ގަލާއި ވެލި އަޅައިގެން ހިއްކައި މިމަގުތަށް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވުމެވެ.
މިފަދަ އަނެއްމަސައްކަތަކީ ތިނަދޫއަށް އަރާފައިބަންހެދި ގާފާލަމުގެ މަސައްކަތެވެ. ދިގުމިނުގައި 250 ފޫޓު ފުޅާމިނުގައި 25 ފޫޓުހުރި މިފާލަމަކީ ދޯނިފަހަރުގައި ފަރުން ގާނަގައިގެން ގެނެސް މުދާބާލައި އުޅެވޭފެންވަރަށް އެއްދުވަހުގެ މަސައްކަތުން މޫސާ ފަތުޙ އާއި އެނޫނަސް ކެރިފޯރުންތެރިކަންހުރި ފަރާތްތަކުގެ ދީލަތި އެހީތެރި ކަމާވެސްއެކު ފޯރި އާއި ޖޯޝާއެކު ތިނަދޫރައްޔިތުން ކޮށްފައިވާ ވަރަށް ތާރީޚީ ޚާއްޞަ މަސައްކަތެކެވެ.
ހަމައެހެންމެ ތިނަދޫގައި ދެވަނަފަހަރަށް މީހުން އާބާދުވުމަށްފަހު، ރައްޔިތުންނަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން މޫސާ ފަތުޙީ ވަރުވާއަށް ލިޔެފައިވާ ގދ.ކާޑެއްދޫ އިނ،ް ތިނަދޫގެ ކޮންމެ ގެޔަކަށް 100 ފޫޓް ދިގު50 ފޫޓް ފުޅާ މިނުގައި އޮޅެއް ހަމަޖައްސައިދީ އަދި ހަފްތާއަކު ދެ ދުވަހު ކާޑެެއްދޫއަށް ދެވޭނެގޮތް މޫސާ ފަތުޙީ ހަމަޖައްސަވައި ދެއްވާފައިވެއެވެ.
މޫސާ ފަތުޙީ ދުނިޔެ ދޫކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރި އަތޮޅުއޮފީހުން ޙަވާލުކުރެއްވި ސަރުކާރުގެ މަސައްކަތެއްގައި އަތޮޅުތެރޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައެވެ. ދަތުރުގެ ފަހު މަންޒިލެއްގެގޮތުން ގައްދޫއަށް ވަޑައިގެންނެވި ދުވަސް ކަމަށްވާ 17 މާރޗް 1995 ދުވަހަކީީ ހުކުރުދުވަސް ކަމުން ގައްދޫގައި އެދުވަހު އިމާމުވެ ހުކުރުނަމާދު ކުރެއްވުމަށްފަހު މިސްކިތުން ފައިބާވަޑައިގެން އެރަށުގައި މޫސާ ފަތުޙީ ހުންނެވި ގެއާހަމައަށް ވަޑައިގަތް ތަނާއިހެންނެވެ. ދުނިޔެ ދޫކުރެއްވިއިރުވެސް ހުންނެވީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްލާމް މުދައްރިސެއްގެގޮތުގައެވެ.
މޫސާ ފަތުޙީ 5 ކައިވެނިބައްލަވައިގެން 13 ކުދިން ލިބިލެއްވިނަމަވެސް ދުނިޔޭގައި ތިއްބެވީ 4 ފިރިހެން ބޭފުޅުންނާއި 5 އަންހެން ބޭފުޅުންނެވެ. 4 ބޭފުޅުން ކުޑައިރު ނިޔާވީއެވެ.
ނޯޓް: މަޢުލޫމާތުހޯދާފައިވަނީ، މުޙައްމަދު ޒުހައިރު މާގަލާ/ތިނަދޫ ލިޔުއްވާފައިވާ ލިޔުމަކުންނެވެ.

