އިގިރޭސިވިލާތުގެ ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި އަވަހާރަ ވެއްޖެއެވެ. އިގިރޭސި ޝާހީ ގަޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ފުން ހިތާމައާއި އެކު ހިޒް ރޯޔަލް ހައިނެސް ދަ ޕްރިންސް ފިލިޕް ޑޫކު އޮފް އެޑިންބާރގް އަވާހާރަވެފައިވާކަން ރާނީ އިއުލާން ކުރައްވައިފި" ކަމުގައެވެ.
“ހިސް ރޯޔަލް ހައިނެސް އަވަހާރަ ވެފައިވަނީ އާއިލާގެ ހާޒިރުގައި ވިންޑްސަރ ކާސްލްގައި މިއަދުގެ ހެދުނުގެ ވަގުތެއްގައި.”ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަ ވުމާއި ގުޅިގެން އިގިރޭސި ބޮޑުވަޒީރު ވިދާޅުވެފައިވަނީ،“އޭނާ އަކީ އެތައްހާސް ޒުވާނުންގެ ދިރިއުޅުމަށް އުއްމީދު ގެނުވައިދިން ބޭފުޅެއް” ކަމުގައެވެ.
ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ ޕްރިންސް ފިލިޕް އަވަހާރަވި ޚަބަރު އޭނާ އައްސަވާފައިވަނީ ފުން ހިތާމައާއި އެކު ކަމަށެވެ.
އިގިރޭސި ރާނީއާއި ޕްރިންސް ފިލިޕް ކައިވެނި ބައްލަވައިގެންފައިވަނީ 1947 ވަނަ އަހަރުއެވެ. އެއީ އޭރުގެ ޕްރިންސެސް އެލިޒަބަތު އިގިރޭސިވިލާތުގެ ރާނީއަކަށް ވެވަޑައިގަތުމުގެ 5 އަހަރު ކުރިންނެވެ.
ޕްރިންސް ފިލިޕްސް އަވަހާރަވިއިރު،ރާނީއާއި ޕްރިންސް ފިލިޕްގެ 4 ބޭފުޅުންނާއި، 8 ކާފަ ދަރިންނާއި، 10 މުނި ކާފަ ދަރިން އެބަތިއްބެވެ.
ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި އެންމެ ފުރަތަމަ ދަރިފުޅު ޕްރިންސް އޮފް ވޭލްސް ޕްރިންސް ޗާލްސް ލިބިވަޑައިގަތީ 1948 ވަނަ އަހަރުއެވެ. ދެވަނަ ދަރިފުޅު ޕްރިންސެސް އެން އުފަން ވެވަޑައިގަތީ އޭގެ ދެ އަހަރު ފަހުން 1950 ވަނަ އަހަރުއެވެ. އަދި ޕްރިންސް އެންޑްރޫ 1960ގައި ލިބިވަޑައިގެންނެވި އިރު ޕްރިންސް އެޑްވަޑް ލިބިވަޑައިގެންނެވީ 1964 ވަނަ އަހަރުއެވެ.
ޕްރިންސް ފިލިޕް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ޖޫން 1921 ވަނަ އަހަރު ގްރީކް އައިލޭންޑުގެ ކޯފުގައެވެ.

