ތިނަދޫ ގައި ވަޒީފާތައް ދެވެމުންދަނީ ހަމަ ހައްގުވެރިންނަށް ހެއްޔެވެ؟

ތިނަދޫ ގައި ވަޒީފާތައް ދެވެމުންދަނީ ހަމަ ހައްގުވެރިންނަށް ހެއްޔެވެ؟

ގދ. ތިނަދޫ އަކީ ބޮޑުއާބާދީ އެއް އޮތް ތަޢުލީމީ ބަޔަކު ދިރިއުޅޭ ރަށެކެވެ. ސަރުކާރުގެ ގިނަ އަދަދެއްގެ އޮފީސްތަކާއި ކުންފުނިތައް ވެސް ހިނގަމުންދާ ރަށެކެވެ. އާބާދީގައި ގާތްގަނޑަކަށް 8000 މީހުން ދިރިއުޅޭ މިރަށަކީ ވަޒީފާލިބިމުގެ ދަތިކަން ގިނައަދަދެއްގެ ތައުލީމީ ދަރިން އިހުސާސްކުރަންޖެހިފައިވާ ރަށެއްވެސް މެއެވެ. ތަޢުލީމެއްނެތިވެސް  އެވަގުތަކު ސަރުކާރު ހިންގާ ސިޔާސީ ޕާޓީ ގެ އަޅަކަށް ވެވިއްޖެނަމަ ދެންނެވުނު ވަޒީފާ ލިބުމުގެ ދަތިކަން އިހުސާސް ކުރަން ނުޖެހޭ ބަޔަކުވެސް ދިރިއުޅޭ ރަށެކެވެ.

މަތީގައި ދެންނެވުނު ބީދައިން ވަޒިފާގެ މާހައުލު އުފެދިފައިވާ ރަށްތައް މި ހިނގަމުންދާ ސަރުކާރުގެ ދައުރުގައި ގިނަ އަދަދަކަށް ފެނުން އެކަށީގެންވެއެވެ. ނަމަވެސް ތިނަދޫ އަކީ ވަޒީފާގެ ކަންތައްތަކުގައި ހުރިހާ ރަށަކަށްވުރެ ވެސް އަރާއޮތް ރަށެކެވެ. ބައެއްފަހަރު އެ ފަރާތަކީ ޕާޓީއަށް މުހިއްމު މީހަކަށްވެފައި މިހާރު ހުރި ވަޒީފާއިން ދަށްމުސާރަ ލިބޭ ފަރާތެއްނަމަ އެފަރާތެއް އެހެން މުއައްސަސާއަކަށް ބަދަލުކޮށް ބޮޑުމުސާރަ ލިބޭ ގޮތްވެސް ހަދައެވެ. ނޫންނަމަ އޭނާ ހުރި މުއައްސަސާގައި ބެހެއްޓުމަށްފަހު އާނަމެއްކިޔާ މަގާމަކަށް އޭނާގެ ވަޒީފާ ބަދަލުކޮށް މުސާރަ ބޮޑުކުރާގޮތްވެސް އޮވެއެވެ. މިއީ އަޖައިބުވެ އަންތަރީސްވާ ވަރުގެ ކަމެކެވެ. އަޖައިބު ވާން މިޖެހެނީ ހަމައެކަނި ލޯމަތީގައި ރީނދޫކުލައައިގެ ދުއްޔެއް ނުހުންނަ ކޮންމެ މީހެކެވެ. މީގެ ތެރެއިން ގިނަމީހުންނަކީ ކުރިންކުރާނެ އިތުރު މަސައްކަތެއްނެތި މަހަށް ދާންޖެހި އެކަންވެސް ރަގަޅަށް ކުރެވިފައިނެތް ބައެކެވެ. ރަށުގެ އޮފީސްތަކުގައި ވަޒީފާގައި ތިބޭ ތައުލީމީ މީހުން އެވަޒީފާތަކުން ވަކިކުރުމަށް މަސައްކަތް ކުރާ ނުވަތަ އެމީހުންގެ ފިކުރު ބަދަލުކުރުމަށް އަވަދިނެތި އުޅޭ ބަޔަކު އުޅޭއިރު ތިނަދޫގައި ކައުންސިލް އިދާރާ ލާމަރުކަޒީ އުސޫލާއި އެއްގޮތަށް އެބަހިންގައޭ ބުނަންފެށުނު ފަހުން މިފަދަ މީހުންނަކީ ގިނަ އަދަދެއްގެ ހުސްބިންތަކާއި ގޯތިތައް  "ނަޒާހަތްތެރިކަން" އެކުލެވިފައިވާ ކައުންސިލުން ދީ ސިނާއީ މަސައްކަތް ކުރުމުގެ ނަމުގައި ދެވަނަ ފަރާތަށް ނުވަތަ ތިންވަނަ ފަރާތަށް އެމީހުންނަށް ދޫކޮށްފައިވާ ބިންތައް އެމީހުންނަށް މަންފާލިބޭ ގޮތަށް ދީފައިވާ މީހުންނެވެ.  ހަމައެހެންމެ އެމް.ޑީ.ޕީ ގެ ސަރުކާރެއް އައުމާއިއެކު ކަރުގައި ޓައީއެއް އަޅާ އުނަގަނޑަށް ބާރު ފަޓްލޫނު ލުމާއެކު އަތްދިގު ގަމީހަކާއި ބޫޓެއް ލުމުން، ބޮޑުމުސާރަ އޭގެ ބައެއް މީހުންނަށް ލިބެމުން ދެއެވެ.

ވަޒީފާއަކީ ކުޅޭކުޅޭ އެއްޗެއްކަމަށް ދެކިގެންނުވާނެއެވެ. އަދި ސަރުކާރުވަޒީފާ ތަކަކީ ތިމާ ބޭނުންވީމާ ތިމާ ބޭނުން މީހަކަށް ދެވިގެންވާނެ އެއްޗެއް ވެސް ނޫނެވެ. އެއީ ރައްޔިތުންގެ މަސަލަހަތު ތަކެއް އޭގައި އެކުލެވޭ ޙުރުމަތްތެރި ވެގެންވާ އެއްޗެކެވެ. ސަރުކާރެއް ހިންގުމަށް ރައްޔިތުންގެ ޖީބުން ޓެކްސް ދައްކަމުން ގެންދާއިރު އެގޮތަށް ކަންތައް ކުރުމަކީ ރައްޔިތުން ހޮވާފައިވާ ސަރުކާރަކުން ރައްޔިތުންނަށް ހަރާންކޯރު ވުންފަދަ ކަމެކެކެވެ.  ނާގާބިލް ،ކަމަށް އެކަށީގެންނުވާ، އުރަތްޕެއްނެތް ބަޔަކު ބުހުތާން ދޮގުހަދައި ،ހީލަތާއި މަކަރުން މެމްބަރުންކޮޅެއްގެ ބޮލަށް ސަވާރުވެ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްފަހު ވެރިކަން ލިބިހަމަޖެހުމުން އެމީހުންގެ މަތިން ހަނދާންނެތި ހިތުހުރިހާ ގޮތަކަށް އެކިފަރާތްތައް މަގާމްތަކުން ވަކިކުރުމާއި، ހިތުހުރި ބަޔަކަށް ވަޒީފާ ދިނުން މިވަނީ އާއްމުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ކަންތައްތަކެއް ވަރަށް ގޯސްކޮށް ދިއުމުގެ ސަބަބުން އެ ސަރުކާރާއި ޕީޕީއެމް ގެ ވިސްނުން ދޫކޮށް އިދިކޮޅަށް ނުކުތް ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންނަށް ދަޅަ ދައްކާ ވާވެއްދުމަށްފަހު، ވަޢުދު ތަކާއި އަހުދުތަކާ ޚިލާފުވެ ދޯކާ ދިނުމަކީ އެއީ އިބްރާހިމް މުހައްމަދު ސާލިހު އެއްފަހަރަށް ވުރެ ގިނަފަހަރަށް ވިސްނާ ވަޑައިގަންނަވަން ޖެހޭނެ ބޮޑު މައްސަލައެކެވެ. އެމްޑީޕީ ގެ މެމްބަރުންނާއި ތާއީދުކުރުމަށް ތިބި ދޮން ފަރަންޖީން  ކިތަންމެ ވަރަކަށް ޕްލޭން ކުރި ނަމަވެސް މި ދެންނެވުނު މަޖިލިސް މެމްބަރުންކޮޅު ރައީސް ޔާމީން އާއި ފޭއަށްޖެހި އިދިކޮޅު މީހުންނާއި ނުގުޅުނު ނަމަ ޕީޕީއެމް ގެ ސަރުކާރު ބަދަލުކުރެވިދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އެއިރުކަންކަން އޮތް ގޮތެވެ. ރައްޔަތުންގެ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތާއި ސަރުކާރުގެ އެންމެހާ މުއައްސާސާ ތަކާއި ޖުޑިޝަރީ އޮތީ ރައީސް ޔާމީންގެ އަތްޕުޅުގެތެރޭގައެވެ. މިހާވަރުގަދަ ބަދަހިކަމާއި ބާރާއެކު އެކުގައި ހިންގަމުންއައި ވެރިކަން ބަދަލުކޮށް އަނބުރާލުމުގެ އެންމެ ބޮޑު ބާރަކަށްވީ ޔާމީން އަރިހުގައި ތިއްބެވި  ދެންނެވުނު މަޖިލިސް މެމްބަރުންކަން އެއީ ދުވާލުގެ އިރުފެންނަ ފަދައިން ފެންނަން އޮތް ހަގީގަތެކެވެ.

ނަމަވެސް މިއަދު އެމްޑީޕީ ސަރުކާރު ހިންގާގޮތަށް ބަލާއިރު އެ ދުވަސްމަތިން  އެޕާޓީގެ އެއްވެސް މީހަކު ހަނދާން  ކީއްތޯ ޚުދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ހަނދާން މިހާރު ހުރިހެނެއް ހިއެއްނުވެއެވެ. އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތިމަ ތިމާމެންގެ ޕާޓީގެ މީހުންނަކީ ހަމައެކަނި ދިވެހިރައްޔަތުންގެ ގޮތުގައި ތިބި މީހުންގެ ގޮތުގައިދެކި އެފަރާތްތަކަށް ހައްގުން ނުވަތަ ނުހައްގުން ނަމަވެސް ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ހަމަޖެއްސުމަށެވެ. ކޯލިޝަން ސަރުކާރު ގެނައުމަށް މަސައްކަތް ކުރި މީހުންނަކީ މިހާރު ދުނިޔޭގައި ތިބި ބައެއްކަމުގައިވެސް ނުވެއެވެ.  މިއީ ވަރަށް ދެރަ އަދި ހިތާމަކުރަން ޖެހޭ ކަމެކެވެ. ތިނަދޫ އަކީވެސް މިފަދައިން ގާބިލްކަންހުރި ތައުލީމީ ފަރާތްތައް އެހެލުމަށްފަހު ޕާޓީ ކުދިންކޮޅަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ބާރަށް ހިނގަމުންގެންދާ ރަށެކެވެ.

ތަޢުލީމީ ދަރިންތަކެއް ތިނަދޫގައި ތިބެ ސަރުކާރު ގެނައުމަށް އިޚްލާސްތެރިކަމާއެކު ބޮޑެތިމަސައްކަތްތަކެއް ކޮށް ހޭދަ ތަކެއްކުރި ފަރާތްތަކަށް ތިނަދޫގެ  ގިނަ ބައެއްގެ ތާއީދާއި ރުހުން ލިބިފައިވިނަމަވެސް  އެފަރާތް ތަކުގެ އަޑު އެހުމެއްނެތި  މަގާމްތައް ބަހަމުންދަނީ ތިނަދޫ ދެ ދާއިރާގެ މެމްބަރުންގެ އާއިލާ ފަރާތްތަކަށާއި އެ މެމްބަރުންގެ އަޢުވާނުންނާއި އެމްޑީޕީ ގެ އެކްޓިވިސްޓުންނަށެވެ. ގާތް ތިމާގެ މީހުންނާއި  ގާތުގައި ކަރަޕްޝަން ގެ ޢަމަލުތައް ހިންގުމުގައި އަވަދިނެތި އުޅޭ ފަރާތްތަކަށާއި އަދި މެމްބަރުންގެ މަސްލަހަތު ހިމެނޭ އެކި މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށާއި ޚާއްސަކޮށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރުގެ އަމިއްލަ ޖަމްއިއްޔާ އިންހިންގާ ކުޅިވަރު މުބާރާތް ހިންގުމުގެ މަސައްކަތުގައި އުޅޭ އަދި އެހީވާ ފަރާތް ތަކަށެވެ. ކުންފުނިތައް ހިންގުމުގައި ތިނަދޫގައި އިސްކޮށްފައިވަނީ ވެސް ހަމަބީދައިން ނެވެ. އެއްވެސް ގޮތަކުން އެ އެކަމުގެ ތައުލީމެއް އަދި ތަޖުރިބާ އެއް ހުރިބައެއްނޫނެވެ.

މިއީ ވަކި ބަޔަކަށް ސަރުކާރެއް ހިންގަންލިބުނު ނަމަވެސް ކަން އޮންނަންވާ ގޮތެއް ނޫނެވެ. ސަރުކާރު ހިންގަނީ ދިވެހި ރައްޔަތުން ދައްކާ ޓެކްސް ފައިސާ އިން ކަމަށް  ވާއިރު ވަޒީފާ ތަކަށް އުސޫލާއި އެއްގޮތަށް އިޢުލާން ނުކުރުމާއި  ޝަރުތު ފުރިހަމަނުވާ މީހުން ނެގުމާއި، ކުށެއްނެތި ހަމައެކަނި ފިކުރުބަދަލު ނުކުރުމުގެ ސަބަބުން ވަޒީފާއިން މުވައްޒަފުން ވަކިކޮށް ހެދުމަކީ އެއްވެސް ގޮތަކުން ގާނޫނީ ގޮތުން އެއްވެސް ސަރުކާރަކަށް ލިބިގެންވާ ހައްގެއްނޫނެވެ. އެއީ ގޮތެއް، ފޮތެއް، އަހުދެއް، ވަހުދެއް، ހަމައެއް، އުސޫލެއް ނެތް ބަޔަކު އެބައިމީހުންގެ އަމިއްލަ އެދުން އިސްކޮށްގެން ބަދަލުހިފުމަށް، ޣައިރު ގާނޫނީ ގޮތުން ހިންގަމުންގެންދބޮޑު ޖަރީމާއަކަށް ނޫނީ ނުވާނެވެ.

ރައްޔިތުންނާ ހަމަޔަށް ދެން އަންނަން ނުޖެހޭނެ ކަމަށް ބަލަނީ ހެއްޔެވެ؟ ހަަމަހިލާ އެހެނެއް ނުވާނެއެވެ. ރައްޔިތުންނާ ހަމަޔަށް ނައިސް ނުވާނެއެވެ. އެދުވަހަކުން މަޒީން ލިބުނު ފިލާވަޅު ނިކަންރީތިކޮށް ދޭނެއެވެ.

ނޯޓް: މިއީ "ޑްރޭ" ގެ ނަމުގައި ޚާއްޞަ ފަރާތަކުން ލިޔެފައިވާ ލިޔުމެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *