ގދ.ތިނަދޫ

އިޖުތިމާޢީ ޞިއްޙަތާއި އަދި ކޮވިޑް-19

އިޖުތިމާޢީ ޞިއްޙަތާއި އަދި ކޮވިޑް-19

އިސްލާމްދީނުގެ އެންމެހައި އަސާސްތައް ބިނާވެގެންވަނީ މައިގަނޑުގޮތެއްގައި ސާފުތާހިރު ކަމާއި ފުރިހަމަ ސިއްޙަތެއްގައި އިންސާނާގެ ހަޔާތް ވޭތުކުރުމުގެ މައްޗަށެވެ. އެގޮތުން ބަލާއިރު ދީނުގެ އެންމެމައިތަނބަކީ ނަމާދުކުރުން ކަމަށްވާއިރު ނަމާދުކުރުމަށް ބޭނުންވާ މީހާއަށްވެސް އޮތީ ސާފުތާހިރުވެގަތުމެވެ. އެގޮތުން ނަމާދުކުރުމަށް ފަށައިގަތުމުގެ ކުރިން ވުޟޫކުރުން އެއީ ނަމާދު ސައްހަވުމުގެ އެންމެ މުހިއްމު ޝަރުތެވެ. ވުޟޫކުރުމަކާއި ނުލައި ކުރެވޭ ނަމާދު ޤަބޫލުވެގެނެއް ނުވެއެވެ.

މިހެންމިކަން އޮތްއިރު މިއަދު ދުނިޔޭގެ އެންމެހާ ގައުމުތަކުގައި ދިރިއުޅޭ މީސްތަކުންނަށްވެސް މިވަނީ ދިރިތިބުމަށްޓަކައި ކުރިންއުޅުނު ބައެއް އާދަކާދަ ދޫކޮށް ކުރިއަށްވުރެ ސާފުތާހިރު ވެގަތުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އިތުރުކުރަން ޖެހިފައެވެ. ކުރިން ހިޖާބުއެޅުން މަނާކޮށްފައިވާ ގައުމުތަކުންވެސް މިދަނީ އެގައުމުތަކުގެ އަންހެނުންނަށް ނިވާވެގަތުން އެއީ އެންމެރަގަޅުގޮތްކަމަށް ބުނެ އެކަންކަމަށް ގޮވާލައި ދީނުގެ އެހެނިހެން ޝިޢާރުތައްވެސް ފާޅުކޮށް އުޅުމަށް ހިއްވަރު ދެމުންނެވެ.

ކަންމިހެން އޮތްއިރު ދުނިޔޭގެ ގިނަގައުމުތަކާއި އެއްގޮތަށް  ރާއްޖޭގައިވެސް ކޮވިޑުން ސަލާމަތްވުމަށް އެކުލަވާފައިވަނީ އެއް އުސޫލްތަކެއްކަމުގައި ފެނުނަސް ބާރުއަޅަނީ ދީނުގެ މުހިއްމު ކަންތައްތަކަށް ހީނަރުކަން ގެނެވޭތޯކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެވެ. ނަބީބޭކަލުންގެ ވަލީވެރިންގެ ގޮތުގައި ތިބި އިލްމުވެރިންނަށް ދުއްތުރާކޮށް ފުރައްސާރަކުރުމަށް ސަރުކާރުންވަނީ ފޫގަޅާފައެވެ. އަދި ބަލީގެ އަލާމާތެއްވެސް ނެތް ރާއްޖެތެރޭގެ ބައެއް ރަށްރަށުގެ މިސްކިތްތަކުގައިވެސް މާސްކް އެޅުމަށާއި ގައިދުރުކަންބެހެއްޓުމަށް ސަރުކާރުންދަނީ ބާރުއަޅަމުންނެވެ. އެކަމަކު ސަރުކާރުން މިސްކިތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެހާރަގަޅަކަށް ފޯރުކޮށްނުދޭހާލުގައެވެ. މިސްކިތުގައި ބަހައްޓަންޖެހޭ ސެނެޓައިޒަރ އާއި ޓިޝޫ އަދި ސައިބޯނި ބެހެއްޓުމުގެ ކަންތައްތައް ހަނދާނުންފޮހެލުމަށްފަހުއެވެ. މިސްކިތުގެ އެތެރޭގައި ނަމާދުކުރާމީހާ ސަޖިދައިގައި އޮންނަ ތަންހުރީ ރަގަޅަށް ސާފު ކުރެވިފައިތޯ ބަލާލާނެ ޒިންމާދާރުބަޔަކުވެސް ނެތިއެވެ. ހަމައެކަނި މިސްކިތުގެ މަގުމަތި ކުނިކެހުމަށް ޕާޓީކުދިންކޮޅަކަށް ވަޒީފާދީ އެކަންނުކުރެއެކޭ ދެންނެވޭކަންނެތެވެ. ސުވާލަކީ މިވަގުތައް މުހިއްމީ މިސްކިތުގެ އެތެރެ ސާފުކުރުންތޯ ނުވަތަ މަގުމަތި ކުނިކެހުންތޯކުރެވޭ ސުވާލެވެ. އާއްމުގޮތެއްގައި ކޮންމެ މިސްކިތަކަށް ހުންނަނީ މިސްކިތް ބެލެހެއްޓުމަށް އެންމެ މީހެކެވެ. 2 މީހުންތިބި ކަމުގައިވިޔަސް މަސައްކަތް ކުރުމަށް އުޅޭނީ އެންމެ މީހެކެވެ. 24 ގަޑިއިރުން އެއްފަހަރު މިސްކިތުތެރޭގައި  މޮޕްޖަހާލުމަކުން މިސްކިތް އެހެރީ ކޮވިޑުން ސަލާމަތްވެފައޭ ބުނެވޭކަހަލައެވެ. މިސްކިތްތަކަށް ޚާއްޞަކޮށް ދީނީކަންކަމަށް ދޭ އަހުމިއްޔަތު މިއޮތް ސައްތައިން ސައްތަ ދިވެހިރާއްޖޭގައި އޮތީވަރަށް ނިކަމެތިކޮންނޭ ދަންނަވަން ޖެހެއެވެ. ނަމަވެސް ސަރުކާރުގެ މުއައްސާސާ ތަކުގައި ކޮވިޑުން ސަލާމަތްވުމަށް ބޮޑެތިޚަރަދު ކުރެވިފައިވާ މަންޒަރުފެންނަމުން ދެއެވެ.

ދެންއޮތީ މިފަދަނާޒުކު ހާލަތެއް ރާއްޖެއަށް އައިސްގެންއުޅޭއިރު އެކިރަށްރަށުގައި އެއްވެސް ބެލުމެއްނެތި ކުޅިވަރުމުބާރާތްތައް ބާއްވަމުން ދާކަމީ ކޮވިޑުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތާއި މެދު ބައެއްމީހުންގެ ހިތުގައި ގިނަސުވާލުތަކެއް އުފެދޭކަމެކެވެ. ކައުންސިލް އިންތިޚާބު ކާރިވެފައި އޮތް މިދަނޑިވަޅުގައި ޕާޓީއެއްގެ ސަޕޯޓަރުންތަކެއް ނުކުމެ ބާއްވާ މިފަދަމުބާރާތްތަކުން މީސްތަކުންގެ ގައިގޯޅިވުން ހައްތާހާވާނީ އިތުރުކަންވެސް ކައުންސިލްތަކުގައި ތިބޭ ވެރިންނަށް ފަހުމްވާން އެބަޖެހެއެވެ. ނުރަސްމީ ކޮށް ކެމްޕެއިން ކުރުމަށް ބޭއްވޭ މިފަދަ މުބާރާތްތަކުން ރަށްރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަން ދާނީ ވީދެމުންކަންވެސް ކައުންސިލްގައި ތިއްބެވި ކައުންސިލަރުންނަށް އެގިވަޑައިގަންނަވަން އެބަޖެހެއެވެ.  ކުޅިވަރުކުޅޭ ތަނަށް ޖަމާވާމީހުން އަޅާ ކުނިނަގާ އެނައްތާލެވެންވެސް ޖެހޭކަން އެބޭފުޅުން ދެނެވަޑައިގަންނަވަން ޖެހެއެވެ. ތިމާގެ ނަފުސު ދިފާޢުކުރުމަށްޓަކައި މަސައްކަތް ކުރުން އިސްލާމްދީނުގައި ބޮޑުއަހައްމިއްޔަތެއް ދީފައިވާއިރު ކޮވިޑް 19 އަކީ މުޅިރާއްޖޭގައި ފެތުރެމުންދާ ބައްޔެއް ކަމަށް ވުމުން ދީނީކަންތައް ނުކުރުމަށް ހަރުކަށި ކޮށް ގަވާއިދާއި އުސޫލްތައް ހަދާ ބީދައިން ބައްޔާމެދު ސިއްހީ މާހިރުން ދޭ އިރުޝާދުތަކަށް ތަބާވެވޭނެ މިންވަރަށް އެކަންކަމުގެ މަގުފަހިކޮށް ބޭއްވުމަކީވެސް ސަރުކާރުގެ މުއްސަސާތަކުން ކުރުން ލާޒިމްކަމެކެވެ. ސިއްހީ ފަރާތްތަކުން ދޭ އިރުޝާދަށް ތަބާވާންއެންމެ ނިކަމެތި މީހާއަށްވެސް ޖެހޭފަދައިން ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުންވެސް މި އުސޫލްތަކަށް ތަބާނުވާނަމަ ދެރަކަންތައްތައް އެ ރަށްރަށުގެ ރައްޔަތުންނަށް ކުރިމަތިނުވެދާނެކަމާމެދު ޝައްކެވެ. ސިޔާސީ ގޮތުން ކިތަންމެ ވަރުގަދަ ބަޔެއް ނަމަވެސް މުޖުތަމަޢުގެ ހައްގުތަކަށާއި ފަރުދުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި  އިރުޝާދުތަކަށް ތަބާވާންޖެހޭނެއެވެ. ތިމާމެންގެ އަމިއްލަނަފުސަށް އަދާކުރަންޖެހޭ ހައްގުތަކެއް ވާފަދައިން މުޖުތަމަޢުގެ އަފްރާދުންނަށްވެސް އަދާކުރަންޖެހޭ ހައްގުތަކެއް ވާނޭކަން ކަށަވަރެވެ. ތިމާގެ އަމިއްލަ ނަފުސަށް އަދާކުރަންޖެހޭ ހައްގުތަކަކީ ސަލާމަތާއި ރައްކާތެރިކަން ހޯދުން ކަމަށްވާއިރު މުޖުތަމަޢުގައި ދިރިއުޅޭ ނިކަމެތި މީހާއަށްވެސް އެއްވެސް ކަހަލަ ދެރަކަމެއް ހިތާމައެއް، ނުވަތަ މުސީބާތަކަށް ވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ބަލިން ސަލާމަތްވުމަށްޓަކައި ހެދިފައި އޮންނަ އުސޫލްތަކުގެ ތެރެއިން އުޅުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެކެވެ.  އިޖުތިމާއީ ގޮތުން ދެންނެވުނު ކަންތައްތަކަށް ސަމާލުކަން ދީ، ދީނުގައި އަންގަވާފައިވާ ކަންތައް ކުރުމަށް ބާރު އަޅައިގެން މެނުވީ ކޮވިޑް ގެ ވަބާއިން ސަލާމަތް ވުމަކީ ދަތި އުދަގޫކަމެއްކަމުގައި ވެދާނެއެވެ.

ނޯޓް: މިލޔުމަކީ "ޑްރޭ'" ގެ ނަމުގައި ޚާއްޞަ މެހުމާނަކު ލިޔެފައިވާ ލިޔުމެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *