ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް މެސެޖެއް ފޮނުއްވައިފި

ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް މެސެޖެއް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް "ކޮމަންވެލްތް ޑޭ"ގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރާ، މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާއްޞަ މެސެޖެއް ފޮނުއްވާފައެވެ. ކޮމަންވެލްތު ދުވަހަކީ ދުނިޔޭގެ 6 ބައްރަކަށް ނިސްބަތްވާ 54 ކޮމަންވެލްތް ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރާ ދުވަހެއްކަމުގައި މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

2.4 ބިލިއަން މީހުންގެ އާބާދީ ހިމެނޭ "ކޮމަންވެލްތް އޮފް ނޭޝަންސް" ނުވަތަ ކޮމަންވެލްތް ޢާއިލާގެ މެދުގައިވާ މި ގާތް ގުޅުން، މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ތީމް "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" އިން ސިފަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އެގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ޙާލަތުގައި ހޯދިފައިވާ އައު އީޖާދުތަކާއި ހެޔޮ ބަދަލުތަކަކީ މި ގުޅުމުގެ ޙެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާއިވެއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދީ އެހީތެރިވެ އުޅުމުގައި ފުރިހަމަ މިސާލު ދައްކާފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނުތާ އަހަރެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި މި މަދު ދުވަސްކޮޅުގެ ތެރޭގައި ފަޚުރުވެރިވާފަދަ ކާމިޔާބީތަކެއް ކޮމަންވެލްތްއާ ގުޅިގެނ ރާއްޖެއަށް ޙާޞިލުކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޮމަންވެލްތްއަކީ އެ ޢާއިލާގައި ހިމެނޭ ކުދި ޖަޒީރާ ޤައުމުތުތަކަށް ޙާއްޞަ ސަމާލުކަމެއްދޭ ނަމޫނާ ޖަމުޢިއްޔާއެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ވިލުންތެރި މުޖުތަމަޢުތަކެއް ބިނާކުރުމަށް ކޮމަންވެލްތު ޢާއިލާގެ އެއްބާރުލުން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ވެކްސިން ހުރިހާ ޤައުމަކަށްވެސް ބޭނުންވާވަރަށް ހޯދުމަށްޓަކައި ކޮމަންވެލްތްއިން އަދާކުރަމުންދާމުހިންމު ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަހަރު ރުވާންޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި، ކޮމަންވެލްތު ޤައުމުތަކަށް ކުރިމަތިވާ އާންމު މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ލިބިގެންދާނެކަން އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *