އެންޓިކޮރަޕްޝަން ކޮމިޝަން އިން ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ބައެއް ކަންކަން ހިންގަމުންގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފިއެވެ.
މިސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ގެ ސިޔާސަތު ޢިއުލާން ކޮށްފައިވާއިރު މިސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަން މައްސަލައެއް ރައީސް ގެ ސަމާލުކަމަށް ގެނެސްފައިވާއިރު އޭސީސީއިން އަންނަނީ އެކުންފުނީގެ ކޮރަޕްޝަނާ ގުޅޭ22 މައްސަލައެއް ބަލަމުންނެވެ.
އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ. ކޮރަޕްޝަން ހިގަމުންދާކަން އޭސީސީއަށް ރިޕޯޓުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުން ތަކެއްކަން "ސުވަދީބް" އަށް ވަނީ އެގިފައެވެ.
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް އެބަ ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށްވެސް ސިޓީގައިވެ އެވެ.
ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ ރިޕޯޓެއް ވެސް އެކުލަވާލައިފަ އެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
ފެނަކައިގެ މުވައްޒަފުން އޭސީސީއަށް ހުށަހަޅާފައި ވަނީ 2019 އާއި މިދިއަ އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މައްސަލަތަކެވެ. ވަކިވަކިން އެ މައްސަލަތަކާއި އޭގައި ކޮރަޕްޝަން ކަމަށް ތުހުމަތުކުރާ ސަބަބުތަކުގެ ހެކީގެ ގޮތުގައި ބިލްތަކާއި މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފުސީލް އެނގޭނެހެން އޭސީސީ އަށް ހުށަހެޅި 192 ސޮފްހާގެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.
އޭސީސީއަށް ފޮނުވާފައިވާ ރިޕޯޓުގައި މުވައްޒަފުން ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިންގާ ބޮޑެތި ކޮރަޕްޝަންތައް ތަފާތު އެކި ފަހަރުމަތިން ކުރިން ވެސް އެ ކޮމިޝަނަށް ހުށަހެޅި ކަަމަށެވެ. ދެން ވެސް އެ މައްސަލަތަކުގައި ފިޔަވަޅު ނާޅައިފި ނަމަ ދައުލަތުގެ އެތައް ފައިސާއެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

