ތިނަދޫ: އަބަދުވެސް ވަރުގަދަ މަރުކަޒެއް

ތިނަދޫ: އަބަދުވެސް ވަރުގަދަ މަރުކަޒެއް

ގދ.ތިނަދުއަކީ އަބަދުވެސް ފާހަގަ ކޮށްލެވޭ ރަށެކެވެ. ރާއްޖެ އިސްލާމްވުމުގެ ކުރިން އޮތް ބުޑިސްޓް ދީނުގެ އާސާރުތައް ވެސް ތިނަދޫގައި އެބަހުއްޓެވެ. އެހެންކަމުން އޭރުވެސް އެއީ މުހިއްމު ކަމެއް ދެވިފައިވާ ރަށެއްކަން ތާރީޚް އެކިދެއެވެ. އޭގެ ފަހުން ފެންނަން އޮތް ތާރީޚްގެ ވާހަކަ ދައްކާއިރު ވެސް ތިނަދޫގެ ނަން އެންމެ ކުރިން ފާހަގަ ކުރަން ޖެހެއެވެ.

އިހުގައި މިރަށަށް ކިޔައި އުޅުނީ ހަވަރު ތިނަދޫއެވެ. މިކަމުގެ ފަހަތުގައިވެސް ތާރީޚީ ވާހަކައެއް އޮވޭމެއެވެ. މީލާދީން 1573 އާއި 1585 އާއި ދެމެދު އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއައުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ރަސްކަމުގައި އެ މަނިކުފާނު ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައި ފެނިވަޑައިގަތީ އެ ރަށުމީހުން ބުޑިސްޓުންގެ ގޮތުގައި ތިއްބައެވެ. އަދި އުތީމު ރަދުން ޣައިރުދީނުގައިތިބި މީހުންނަށް ނަސޭހަތްދެއްވައި އިސްލާމްދީނަށް ވެއްދިއެވެ.

އެހެން ނަމަވެސް އުތީމު ރަދުން ތިނަދޫން ފުރާވަޑައިގަތްތާ ދުވަސްކޮޅެއްފަހުން ތިނަދޫގައި ވިހާ ކުދިން މަރުވާން ފެށިއެވެ. މިކަން ބޮޑުވެ ރަށުގެ މީހުން ހަދާނެ ގޮތެއް ނޭނގިގެން މި ފިކުރުތެރޭ އުޅެނިކޮށް އޭރު މީހުން ދިރިއުޅުނު ރަށެއް ކަމުގައިވާ ރަހަދުގައި އިން އަންހެނަކު، ތިނަދޫގެ ކުދީންމަރުވާ ސަބަބަކީ ކުރީން އެމީހުން އުޅުނު ދީން ދޫކޮށްލީމާ ކަމަށް ބުނުމުން އާނެއްކާވެސް ތިނަދޫ މީހުން ޣައިރު ދީނަން ވަނެވެ.

މިޚަބަރު ރަދުންނަށް ލިބިވަޑައިގަތެވެ. އަދި ދެވަނަ ފަހަރަށް އެރަށު މީހުން ޣައިރުދީން ޚިޔާރުކުރުމުން މިކަމާ ވަރަށް ކޯފާއިސްކުރެއްވިއެވެ. ނަތީޖާއަކަށްވީ ދަޢުލަތުން އެރަށަށް ރަސްކަމުގެ ފަހަތުގައި އޮންނަ ލަޝްކަރު ކަމަށްވާ ހަވަރު ވަޑައިގެން ޣައިރުދީނަށް އެބުރުނު މީހުން ޤަތުލުކޮށް އެރަށް ހަވަރުގެ ބާރުގެ ދަށަށް ގެނައީއެވެ. ބުނެވޭ ގޮތުގައި އެ ހަނގުރާމައަކީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެކެވެ. ގިނަބަޔަކު ޤަތުލުކުރުމުން ދެންތިބި މީހުން އިސްލާމްދީން ޤަބޫލުކުރީއެވެ. އަދި ތިނަދޫ ފަތަހަކުރެއްވުމުން ބަދަލެއްގެ ގޮތުގައި ހަވަރުގެ ރަށެއްގެ ގޮތުގައި ތިނަދޫ ހަމަޖެހިގެން ދިޔައެވެ. މި ސަބަބާއި ހުރެ އެރަށުގެ ނަމަކީ، ހަވަރުތިނަދޫ، ކަމުގައި ހަމަޖެއްސެވީ ބޮޑުތަކުރުފާނު ކަމަށް ބުނެވެ. ބެއްލެވުމުގެދަށަށް ގެނައުމެވެ. އަދި ފަހުން ތިނަދޫ ރައްޔިތުންނަށް ޖެހުނީ ހަވަރަށް ވަރުވާ ދައްކަވާށެވެ.

ތިނަދޫގެ ނަމުން ހަވަރު ކަނޑުވާލައްވާ އެރަށުގެ ނަން ބަދަލުކުރެއްވީ ރައީސް މައުމޫންގެ ވެރިކަމުގައި1979 ވަނަ އަހަރު އެވެ.

ދެކުނުގެ ވަކި ސަރުކާރު 

ދުވަސްވަރަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރެވެ. ރާއްޖޭގެ ތަޚުތުގައި އިންނެވީ މުހައްމަދު ފަރީދެވެ. އަދި ބޮޑު ވަޒީރަކީ އިބްރާހިމް ނާސިރެވެ. މީލާދީން 1959 ވަނަ އަހަރު ރާއްޖޭގެ މައި ސަރުކާރުން ދެކުނުގެ އަތޮޅުތައް ކަމަށްވާ އައްޑޫ، ފުވައްމުލައް އަދި ހުވަދުއަތޮޅު އެއްވެގެން ކުރި ބަޣާވާތް ހަމަޔަކަށް އެޅުވުމުގެ ގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ލަޝްކަރުތައް ފޮނުވިއެވެ. ބޮޑުވަޒީރު ނާސިރާއި ކެބިނެޓް "ސިލްވަރ ކްރެސްޓް“ ކިޔާ ކުޑަ ޔޮޓެއްގައި ދެކުނަށް ދަތުރުކުރެއްވިއެވެ. އަދި މޯލްޑިވް ސްޓަރ ނަމަކަށް ކިޔާ ބޯޓެއްގައި އާއްމުންގެ ތެރެއިން ހޮވާލެވުނު 700 އެއްހާ މީހުން ހުވަދު އަތޮޅަށް ފޮނުވިކަމަށް ބުނެވެއެވެ. މި ލަޝްކަރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި މައިސަރުކާރާއި އެއްކޮޅަށް ޚަބަރުދިނުމުގައި އިސްކޮށްއުޅުއްވި ދެބޭކަލުން ކަމަށްވާ އަލި ކަލޭގެފާނާއި ގައްދޫ ޚަތީބު ހުސެއިން މަނިކުފާނު ކަމަށް މުއައްރިޚުން ލިޔުއްވައެވެ.

ބޯޓުގޮސް ހުވަދު އަތޮޅު ގައްދޫއަށް ބަދަރުކުރިތަނުން ހަމަނުޖެހުން ފެއްޓުނެވެ. އޭރު ހަވަރު ތިނަދޫއިން ގައްދޫ ބެލެހެއްޓުމަށް ސްޓޭޝަންކޮށްފައި ތިބި އަސްކަރީ ސިފައިންގެ 200 އެއްހާ މީހުން ގައްދޫގައި ތިއްބެވެ. ކުރިމަތިލުންތަކަކަށް ފަހު މައިސަރުކާރުގެ ލަޝްކަރާ އެބައިމީހުންގެ މައްޗަށް ގަދަހޯދާ ދެކޮޅުވެރިން ހައްޔަރުކުރިއެވެ.

ބުނެވޭ ގޮތުގައި ތިނަދޫގެ ރައްޔިތުންތިބި މައިސަރުކާރާ ނުރުހި ގާ، ދަނޑި އަދި ގޭގައި ހަދާފައިވާ ކަހަލަ ހަތިޔާރު ހިފައިގެންނެވެ. ސުލްހަވެރި ކަމާއިއެކު އަމާންދިނުމަށް ގޮވާލާ، ތިނަދޫގައި ހިނގަމުންދިޔަ އިދިކޮޅު ހަރަކާތުގެ އިސްވެރިންނަށް މައިސަރުކާރުން ސިޓީ ފޮނުވިއެވެ. އެހެން ނަމަވެސް އަމާންދޭ ގޮތެއްނުވިއެވެ. ދިވެހި ދަޢުލަތުން ލަޝްކަރުތައް ބެލެހެއްޓުމަށް އިސްވެރިއެއްގެ ގޮތުގައި އައްޔަނުކޮށްފައި ހުންނެވީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އަދި ނާސިރުގެ ސީދާ އެންގެވުމުގެ ދިވެހި ދަޢުލަތުގެ ލަޝްކަރުގެ ކޮމާންޑަރުން ޢަމަލުކުރިކަމަށް މުއައްރިޚުން ލިޔުއްވައެވެ.

ކަން ހިނގާދިޔަގޮތަށް ބަލާލާއިރު ސަރުކާރުގެ ލަޝްކަރު ތިނަދޫއަށް ލެފުމައި އެކު ތިނަދޫގައި ތިބި އިދިކޮޅުފަރާތްތަކުން ހަމަލާދޭންފެށީއެވެ. މި ކަން ހުއްޓާލުމަށް ސަރުކާރު ސިފައިންގެ އިސްލީޑަރު ގޮވާލެއްވިއެވެ. އަދި ތަނުގެ ކޮންޓްރޯލް ނެގުމަށް ރައްޔިތުންނަށް ބިރު ދެއްކުމުގެ ގޮތުން ބަޑިޖެހި ކަމަށްބުނެވެއެވެ. އަދި ބަޑިޖެހުމަށް ފަހު އެންގީ، ސަރެންޑަރުކުރާ ގޮތްދައްކައިގެން ހުދު ދިދައެއް ނަގާފައި މޫދަށް އެރިގެން އައުމަށެވެ. މިކަންތައްގަނޑު ތެރޭގައި ތިން މީހުން މަރުވިކަމަށް ބުނެވެއެވެ. ތިނަދޫއިން ސަރުކާރުގެ ލަޝްކަރު އެނބުރި މާލެއައީ 50ހަކަށް މީހުން އެ ރަށް ބެލެހެއްޓުމުގެ ގޮތުން ބައިތިއްބާފައެވެ.

1962 ވަނަ އަހަރު ބޮޑުވަޒީރު ނާސިރާއި ކެބިނެޓް "ސިލްވަރ ކްރެސްޓް" ކިޔާ ކުޑަ ޔޮޓެއްގައި ހުވަދު އަތޮޅަށް ދަތުރުކުރެއްވި ކަމަށް ބުނެވެއެވެ. އަދި 4 ފެބްރުއަރީ 1962ގައި މުޅި ތިނަދޫ އެއްކޮށް ސުންނާފަތި ކޮށްލި ކަމަށާއި މިކަން ކުރީ ދެކުނުގެ ބަޢާވާތާއި ގުޅިގެން މައި ސަރުކާރުންނެވެ. ޕަރޭޝަނުގައި ބޮޑު ވަޒީރު އިބްރާހިމް ނާސިރުގެ ސީދާ އަމުރުގެ ދަށުން ރަށުގެ ރައްޔިތުންނަށް ވަރަށް އަނިޔާވެރިވި ކަމަށް ބުނެއެވެ. މި ގޮތުން ރައްދަކައަވީގައި ކަރުތާފެނަށް އެރިގެން އެތައް އިރެއްވަންދެން ގިނަ އަދަދެއްގެ ބަޔަކު ކޮޅަށް ބެހެއްޓި ކަމަށްވެސް ބައެއް މީހުން ބުނެއެވެ. އަދި އާއްމު ރައްޔިތުންގެ ގެތައް ލޫޓުވާ ސުންނާފަތިކުރި ކަމަށްވެއެވެ. އަނިޔާވެރިކަން އިސްކުރީ ރަށުގެ އަންހެނުންނާ ކުޑަކުދިންނަށްވެސް ބެލުމެއް ނެތި ރަހުމް ކުޑަގޮތަކަށް ކަމަށް އެއްބަސްވާ އެތައް ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.

ހައްޔަރުކޮށްގެން އެތައް ބަޔަކު މާލެ ގެންގޮސް ބޮޑެތި އަނިޔާ ކުރި ކަމަށާއި މީގެ ތެރެއިން ބައެއް މީހުން މަރުވިކަމަށްވެސް ބުނެވެއެވެ. އަދި މަރުވި މީހުންގެ ތަފާސްހިސާ ބަލަހައްޓާފައި ނުވާ ކަމަށާއި އިބްރާހިމް ނާސިރުގެ ސަރުކާރުން ސިއްރިޔާތުގައި އެކަން އޮއްބާލިކަމަށް ބުނެވެއެވެ. ހަނގުރާމަ ކުރާ ޤައުމުތަކުން ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ފިލައިގެން މީހުންދާ އުސޫލުން 4800 އެއްހާ މީހުން ތިނަދޫއިން ފިލައިގެން ކައިރި ރައްތަކުގައި ގޮސް ވަޒަންވެރިވިއެވެ.

ކޮންމެ އަކަސް ތިނަދޫއިން މީހުން ބޭލުމަށް ފަހު އެ ރަށުގައި މީހުން އަލުން އާބާދުވީ 1966 ގައެވެ. އަލުން އާބާދުކުރުމަށް 440 ގެ ބިނާކުރި ކަމަށްވެއެވެ. އަދި އެންމެ ފުރަތަމަގޮސް އާބާދުވީ 1800 އެއްހާ މީހުންނެވެ.

ނާސިރުގެ ވެރިކަން ނިމި ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް އައުމުގައި ތިނަދޫ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑެވެ. މައުމޫންގެ ވެރިކަމާއި ދެކޮޅަށް އޭރު އޮތް އިދިކޮޅު ޕާޓީ އެމްޑީޕީ އެންމެ ވަރުގަދަ އެއްރަށަށް ތިނަދު ވިއެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ2008 ވަނަ އަހަރު ރައީސް ނަޝީދު ކޮޅަށް އަނބުރާލުމުގައި ތިނަދޫ މުހިއްމު ދައުރެއް އަދާކުރިއެވެ.

2009 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ތިނަދޫ ރައްޔިތުންގެ އެހީތެރިކަމުން ދެގޮނޑި ސަރުކާރަށް ލިބުނެވެ. ނަމަވެސް ތިނަދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައެއް ނުދެވުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އެމްޑީޕީގެ ވަރުގަދަ ކިއްލާއެއްގެ ގޮތުގައި އޮތް ތިނަދޫ އެމްޑީޕީ އާއި ފެއަށް ޖެހެން ފެށުމެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުން ތިނަދޫ ރައްޔިތުން ބުނެދިނީ "ބޭނުން ވަނީ ނަތީޖާއެވެ." ސިޔާސީ ގޮތުން ހައިރާން ކުރުވަނިވި ނަތީޖާތަކެއް ތިނަދޫން ފެނިގެން ދިޔައެވެ.2018 ވަނަ އަހަރުގެ އިންތިޚާބު އައިއިރު ތިނަދޫގެ ބާރުގަދަ ސިޔާސީ ބޭފުޅުން "ހަދާލާއި އޮތް ގޮތުން" ތިނަދޫ ރައްޔިތުން ވަނީ "އަނިޔާވެރިކަމަށް" ނޫނެކޭ ބުނެފައެވެ.

މިހާރު ތިނަދޫގެ ދެދާއިރާ މިއޮތީ އަނެއްކާވެސް އެމްޑީޕީ އަށެވެ. ސަރުކާރަށެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭނެ ހަޤީޤަތަކީ މިއީ ދާއިމީ ހިތްހަމަޖެހުމެއްގެ ގޮތުގައި ސަރުކާރުން ނުބަލާށެވެ. އެފަދަ އުއްމީދެއް ވެސް ނުކުރާށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *