ކޮންމެ ސަރުކާރަކުން ފެއްޓެވި މަޝްރޫއެއް ކަމުގައިވިޔަސް މި ސަރުކާރުން އެ މަޝްރޫއަކަށް އިޙްތިރާމުކުރައްވާނޭ ކަމަށާއި، އަދުގެ ސަރުކާރުން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނޭކަމަށް، ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، އއ. އުކުޅަހުގެ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު އުކުޅަހުގައި ހުޅުވި މި ފުޓުބޯޅަ ދަނޑު، މިކަމުގެ ނަމޫނާއަކަށް ފުދޭކަން ފާހަގަކުރައްވަމުން ނައިބު ވިދާޅުވީ، މިގޮތަށް ނުނިމި ހުރި ހުރިހާ ދަނޑުތަކެއް ސަރުކާރުން ނިންމަވައިދެއްވާނޭކަމަށެވެ. މީގެ އިތުރުން، ޒުވާނުންނަކީ މި ޤައުމުގެ ހަކަތަ ކަމަށާއި، ޒުވާނުން ޒުވާނުންގެ ގޮތުގައި މިސަރުކާރުން ބަލައިގަންނާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހަކަތައިގައި ވަރު ނެތްކަމުގައިވާނަމަ ދިވެހި ޤައުމު ނުހިނގާނޭކަން ފާހަގަކުރައްވަމުން، ޒުވާނުންގެ އަޑު އަހައިގެން، ޒުވާނުންނަށް ހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް މި ސަރުކާރުން އަހަންމިއްޔަތުކަން ދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ގޮތުން ނައިބު ވަނީ، ދަނޑުގެ ސްޓޭޖު ކުރިމަތީގައި ދަމާފައިވާ ރިބަންފަށް ކަނޑުއްވާލައްވާފައެވެ. އަދި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ބޭނުންކުރި ބޯޅައިގައި ނައިބު ސޮއިކުރައްވާފައިވެއެވެ. ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ކުޅުނު މެޗުގައި ވާދަކުރީ، ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ލެޖެންޑުންގެ ޓީމަކާއި، އުކުޅަހު ޒުވާނުންގެ ޓީމެކެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އަދި އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމްވެސް ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގައި ފުޓުބޯޅައިގެ ރޫޙު ދިރުވާ އާލާކޮށް، ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ތަރައްޤީ ގެނައުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ.

