ރޭ ކުޅެވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކޮށް، ފަހުގެ ތާރީޚެއްގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީ ވަނީ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާފައެވެ.
ފްރާންސްއާއި އާޖެންޓީނާއާ ދެމެދު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފު 3-3ގެ ނަތީޖާއަކުން އެއްވަރުވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެނެވެ.
މި މެޗުގައި މެސީ ޖެހި ފުރަތަމަ ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖާއި ދެވަނަ ބުރާއި، ކުއާޓަރ ފައިނަލާއި، ސެމީ ފައިނަލުގެ އިތުރުން ފައިނަލްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެސީ ތަށި އުފުލާލަން ދިޔުމުން ފެނުނީ ތަފާތު މަންޒަރެކެވެ. މެސީއަށް ތަށި ހަވާލުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީއެވެ.
ވޯލްޑް ކަޕް ޓްރޮފީ އުފުލާލުމުގައި ޘަޤާފީ ހެދުން އެޅުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. އެހެންކަމުން މިފަހަރު މެސީ ބީޝްތް ލައިގެން ތަށި އުފުލާލުމުން ވޯލްޑް ކަޕްތަކުގެ ތާރީޚުގެ ތެރެއަށް އޭނާ ވަދެގެންދާނެއެވެ.
ހަމަގައިމުވެސް މުސްލިމް ޤައުމެއްގައި މިފަހަރު ފުރަތަމަ ބޭއްވި ވޯލްޑް ކަޕަކީ ޤަތަރަށްވެސް އަދި މެސީއަށްވެސް ފާހަގަކޮށްލެވޭ އުފާވެރި ފުޓުބޯޅައިގެ ޢީދެކެވެ. އަދި އެންމެ ހާއްސަ އެއް ކަމަކީ މުބާރާތުގެ ފައިނަލް މެޗު، ޤަތަރުގެ ޤައުމީ ދުވަހު، ކުލަގަދަ ރަސްމިއްޔާތާއެކު ބޭއްވުމެވެ.

