ކޮލަމްބޯގައި ކާފިޔު އިޢުލާނުކޮށް މުޒާހަރާތައް ރޫޅާލައިފި

ކޮލަމްބޯގައި ކާފިޔު އިޢުލާނުކޮށް މުޒާހަރާތައް ރޫޅާލައިފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާއި ގުޅިގެން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ވެރިރަށް ކޮލަމްބޯގައި އިތުރު މުޒާހަރާތަކެއް ބޭއްވުމުން އެ ރަށުގައި ކާފިޔު އިޢުލާނުކޮށްފިއެވެ.

އެންމެ ފަހުގެ މުޒާހަރާތަކުގައި ބައިވެރިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނެވެ. މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި، މުޒާހަރާތައް ރޫޅާލާފައިވަނީ ކަރުނަ ގޭސް ބޭނުން ކޮށްގެންނެވެ.

އެ ޤައުމުގައި ޢާންމު ރައްޔިތުންނަށް ތެޔޮ ވިއްކުން ހުއްޓައިލާފައިވާ އިރު، ކާބޯތަކެތި ހޯދުމަށް ވެސް އެ މީހުންނަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. އަދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައި ވާއިރު، ކަރަންޓުގެ ޚިދުމަތް މެދުކެނޑުން މި ވަނީ ޢާންމު ކަމަކަށް ވެފައެވެ. މިއީ، ސްރީލަންކާގެ ބޮޑުވަޒީރު ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުގެ ނާގާބިލު ކަމުން އެ ޤައުމަށް ކުރިމަތިވި ކާރިސާއެއްގެ ގޮތުގައި އެ ޤައުމުގެ ގިނަ ރައްޔިތުން ދެކެއެވެ.

ރާޖަޕަކްސަ ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންނަށް އޮޅުވައިލައި ނުރަނގަޅު މަޢުލޫމާތު ދިނުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ޤައުމަށް ބޭނުންވާ މުދަލާއި އެހެނިގެން ސާމާނު ލިބޭނެ ކަމަށް ރާޖަޕަކްސަގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މުޒާހަރާތަކާ ގުޅިގެން ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މި ގޮތުން، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ 3,000 އަށްވުރެ ބޮޑު ފައުޖެއް އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ބުނެއެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރާތީ އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *