ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާއްމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ޤައުމުގެ އިސްވެރިންގެ ގެދޮރާއި ވިޔަފާރިތަކުގައި ހުޅުޖަހަން ފަށައިފިއެވެ. އެއާއެކު ސުރީ ލަންކާގެ ސަރުކާރުންވަނީ ކާފިޔުވެސް އިޢުލާނުކޮށްފައެވެ.
ލަންކާގެ އިޤްތިޞާދީ ޙާލަތު ގޯސްވެ ހަމަނުޖެހުން ބޮޑުވެ އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާދެއްވައިފައެވެ.
އެ ގައުމުގައި މިހާރު ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތައް ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުންވެސް އެ ޤައުމުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ނުހުއްޓުވި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާމެދުވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފައެވެ. އެ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް ނުރައްކާތެރި ޙަމަލާތައް ދޭން ފެށުމުން ފުލުހުންނާއި ސިފައިންނަށް އެ ޙާލަތު ހުއްޓުވަންވަނީ އުނދަގޫވެފައެވެ. އެ ހަމަނުޖެހުންތަކުގައި 100އަށްވުރެ މީހުންވަނީ ޒަޚަމުވެފައެވެ.
ލަންކާގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގައި އެ ޤައުމުގެ ވެރިކަންކުރާ ޕާޓީއަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްވެސްވަނީ މަރުވެފައެވެ. އޭގެ އިތުރުން ޢާއްމުންގެ ދެ މީހަކުވެސްވަނީ އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވެފައެވެ. ސުރީ ލަންކާގެ އިދިކޮޅު ޕާޓީތަކުން ތުޙުމަތުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ ޙާލަތު ގޯސްވެފައިވަނީ ޞުލްޙަވެރިކަމާއެކު މުޒާހަރާކުރަމުންދިޔަ މީހުންނާ ދެކޮޅަށް އަނިޔާވެރިކަމާއެކު ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ޙަމަލާދިނުމުންނެވެ. އަދި އެ ޤައުމުގެ ފަހަތުގައި ހުންނެވީ މަހިންދަކަމަށާއި އޭނާ ހައްޔަރުކޮށް އެ މައްސަލަ ތަޙުޤީޤުކުރަން ޖެހޭކަމަށް އިދިކޮޅު ޕާޓީތަކުންވަނީ ގޮވާލައިފައެވެ.

