ހޮންގްކޮންގެ ވެރިޔާ ކަނޑައެޅުމަށް ބާއްވާ އިންތިޚާބު ފަސްކޮށްފިއެވެ.
ހޮންގްކޮންގެ ޗީފް އެގްޒެކެޓިވް ކެރީ ލާމް ވިދާޅުވީ އައު ޗީފް އެގްޒެކެޓިވްއެއް ހޮވުމަށް އަންނަ މާޗްމަހުގަ ބާއްވަން ނިންމި އިންތިޚާބު މެއި މަހަށް ފަސްކުރަން ނިންމާފައިވަނީ އެ ސިޓީގެ ކޮވިޑް-19ގެ ޙާލަތު ގޯސްވަމުންދާތީކަމެވެ.
ނަން ހުށަހެޅުމުގެ މުއްދަތު އޭޕްރީލް މަހުގެ 3-16އަށް އިތުރުކޮށް އިންތިހާބު މެއި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ލަސްކޮށްފައިވާ ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވިއެވެ. އަދި ދައުރު ނިމުމަށްފަހު ޖުލައި މަހުގެ އެއްވަނަ ދުވަހު އައު ލީޑަރަކު ޙަވާލުވުމަށް އަދިވެސް އިތުރު ވަގުތު ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ލާމް ވިދާޅުވީ، ކުއްލި ހާލަތްތަކުގައި އަމަލުކުރަން ޖެހޭ ގަވާއިދުތަކުގެ ދަށުން ބާރުތައް ބޭނުން ކުރައްވައިގެން، ފަސްކުރުމަށް ބެއިޖިންގެ "ރުހުން" ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަދި މި ބަލިމަޑުމަޑުކަމުން އަރައިގަނެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި ބަލިމަޑުކަން ގޯސްވާނަމަ އިންތިޚާބު ފަސްކުރަން ޖެހިލުންވެވަޑައިނުގަންނަވާނެކަމަށެވެ.
ހޮންގްކޮންގައި ކޮވިޑްގެ ހާލަތު ގޯސްވެ، މިހާރުވަނީ ކަރަންޓީން ފެސިލިޓީތައް ކެޕޭސިޓީއަށްވުރެ އިތުރުވެ، ހޮސްޕިޓަލުތަކުގެ އެނދުތައް %95އަށްވުރެ މައްޗަށް ފުރިފައެވެ.

