ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލޮކޭޝް ލަހިރީ ނުވަތަ ބައްޕީ ލަހިރީ މަރުވެއްޖެއެވެ. އޭނާ މަރުވީ އިންޑިއާގެ މުމްބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
ޢުމުރުން 69 އަހަރުގެ ބައްޕީ ބައްޕީ ލަހިރީ މަރުވީ ބަލިޙާލަތު ބޮޑުވެގެން ހޮސްޕިޓަލުގައި ފަރުވާދެވޭތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އޭނާ މަރުވީ ނޭވާލުމުގެ ނިޒާމަށް ދިމާވާ ސިއްޙީ މައްސަލައެއްކަމަށްވާ "އޮބްސްޓްރަކްޓިވް ސްލީޕް އެޕްނޭ"ގެ ސަބަބުންކަމަށް ޚަބަރުތައް ބުނެއެވެ.
ބައްޕީ ލަހިރީ ފިލްމުތަކަށް މިއުޒިކް ހަދައި ލަވަކިޔަން ފެށީ 1970 ގެ ތެރޭގަ އެވެ. އޭގެ ފަހުން މިހާތަނަށް އެތައް ފިލްމަކަށް މިއުޒިކް ހަދައި ލަވަކިޔާފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑް ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ނެރޭ ފިލްމުތައް ވެސް ހިމެނެ އެވެ.
ބައްޕީގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ޓްވިޓާގައި ހިތާމަފާޅުކޮށް، އޭނަގެ ހަނދާންތައް އާކުރަމުންނެވެ.

