އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގެ ބަދަލުގައި ކަލިމަންޓާން އަށް ބަދަލުކުރަން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމަށް ޕާލަމެންޓުން ރުހުން ދީފިއެވެ.
އިންޑޮނީޝިއާގެ ޖަޒީރާތަކުގެ ބިމަށް ބަލާއިރު ބިމުގެ ސަރަހައްދުގެ 73 އިންސައްތަ ހިއްސާކުރަނީ ހަމައެކަނި ބޯނިއޯ ޖަޒީރާއެވެ. ބޯނިއޯ ޖަޒީރާގެ ބޮޑުބައަކީ ކަލިމަންޓާން ސަރަހައްދެވެ. އެސަރަހައްދުގެ ބައިތަކުގެ ތެރޭގައި ހުޅަނގު ކަލިމަންޓާން، އިރުމަތީ ކަލިމަންޓާން، ދެކުނު ކަލިމަންޓާން އަދި އުތުރު ކަލިމަންޓާން ހިމެނެއެވެ.
މިއީ އިންޑޮނީޝިއާގެ މިހާރުގެ ވެރިރަށް ޖަކާޓާއަށްވުރެ އެތަށް ގުނައެއް ބޮޑު ސިޓީއަކަށް ވެގެންދާނެއެވެ. ޖަކާޓާގެ އާބާދީއަށް ވުރެ ތިން ގުނަ ބޮޑު އާބާދީއެއް ކަލިމަންޓާންގައި ވަޒަންވެރި ވިޔަސް އެސިޓީ ތޮއް ނުޖެހޭނެއެވެ. ވެރިރަށުގެ ގޮތުގައި ކަލިމަންޓާން ހަމަޖެއްސުމަށް ފަންނީ ގޮތުން ނިންމި ސަބަބުތަކުގެ ތެރޭގައި އެސިޓީއަށް ކިތަންމެ ބަޔަކު ހިޖްރަކުރިޔަށް ތޮއްނުޖެހޭވަރަށް އެސިޓީ ހަތަރު ފަރާތުން ބޮޑުކުރެވެން އޮތުން ހިމެނެއެވެ.
އިންޑޮނީޝިއާގެ މިހާރުގެ ވެރިރަށް ޖަކާޓާއަކީ އެގައުމުގެ ޖާވާ ޖަޒީރާގެ ރަށެކެވެ. ޖަކާޓާވަނީ ބިމުގެ ސަރަހައްދާ އަޅާބަލާއިރު އާބާދީ ބޮޑުކަމުން ތޮއްޖެހި ފުރިބާރުވެ ތޮއްޖެހިފައެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީކަމަށްވާ ޖަކާޓާގައި 35 މިލިޔަން މީހުން ދިރިއުޅޭއިރު ޖަކާޓާގެ ވަށައިގެންވާ ސަރައްދުތަކުގެ މީހުން ދުވާލު ގަޑީގައި އެކި ބޭނުންތަކުގައި އެސިޓީއަށް އައުމުން އެސިޓީގެ އާބާދީ ދުވާލު ގަޑީގައި 37 މިލިޔަނަށް އަރާކަމަށްވެއެވެ.
ކަލިމަންޓާން އަކީ އިންޑޮނީޝިއާގައި ބިމުގެ ގޮތުން އެންމެ ބޮޑު ސަރަހައްދެވެ. އެސަރަހައްދުގެ އާބާދީ އަކީ މިހާރު ގާތްގަނޑަލަށް 16 މިލިޔަނެވެ. އާބާދީއަށް ބަލާއިރު އެސަރަހައްދަކީ ވަރަށް ބިންބޮޑު އަދި ބޮޑުކޮށް ފުޅާކުރެވެން އޮތް ސަރަހައްދެކެވެ. މީގެއިތުރުން ކަލިމަންޓާން އޮންނަނީ އިންޑޮނީޝިއަށް ބަލާއިރު ގާތްގަނޑަކަށް މެދުގައި ކަމަށްވާތީ އެސަރަހައްދަށް ދިޔުމަށް އެގައުމުގެ ކަންކޮޅުތަކުގެ މީހުންނަށް ޖަކާޓާއަށްވުރެ ޚަރަދުގެ ގޮތުންނާއި ވަގުތުގެ ގޮތުން މާބޮޑަށް ފަސޭހަވާނެއެވެ.
އިންޑޮނޭޝިޔާގެ ސަރުކާރު ބުނާގޮތުން އެގައުމުގެ އައު ވެރިރަށް ކަލިމަންޓާން ވެގެންދާނީ އެ ގައުމުގެ ޒަމާނީ ތަރައްގީއާއި އާބަން ޑިވެލޮޕްމެންޓްގެ ރަމްޒެއްގެ އިތުރުން ސަރަހައްދީ އިގްތިސާދީ ހަރަކާތްތަކުގެ މައި މަރުކަޒަށެވެ.
ކަލިމަންޓާން އަކީ ހުރިހާ ޚިދުމަތްތަކެއް ޒަމާނާ އެއްގޮތަށް ދެވޭވަރުގެ ބޮޑު އާބާދީއެއް އޮންނަ ސިޓީއަކަށް ހެދުމަށްޓަކައި އެސިޓީއަށް މީހުން ހިޖްރަކުރުމަށް ބޭނުންވާ އިގްތިސާދީ ވަސީލަތްތަކާ އަދި ރިއަލް އެސްޓޭޓްއާއި ޚިދުމަތްތަކާއި އިދާރީ އަދި ތައުލީމާއި ސިއްހަތާ ވަޒީފާއާބެހޭ ހުރިހާ ފެސިލިޓީތަކެއް ލަސްތަކެއްނުވެ އެސިޓީގައި ގާއިމް ކުރާނެކަމަށް އިންޑޮނީއާގެ ސަރުކާރުން ބުނެއެވެ.
އާބާދީ ބޮޑުވެ މީހުން ތޮށްޖެހި ސިއްހީ ދިރިއުޅުން އުޅެން ދަތިވެފައިވާ ވެރިރަށްތައް ދުނިޔޭގެ ގައުމުތަކުގައި ވަރަށް ގިނައެވެ. އެފަދަ ސިޓީތަކުގެ ތެރޭގައި ފިލިޕީންސްގެ ވެރިރަށް މެނީލާ، މިސްރުގެ ވެރިރަށް ގާހިރާ، އިންޑިއާގެ ވެރިރަށް ނިއުދިއްލީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯ، މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީ، ބަންގްލަދޭޝްގެ ވެރިރަށް ދާކާ، އަދި ތައިލެންޑްގެ ވެރިރަށް ބެންކޮކް އަދި މިޔަންމާގެ ވެރިރަށް ރަންގޫން އަދި ބްރަޒިލްގެ ވެރިރަށް ރިއިޑިޖިނޭރޯ ހިމެނެއެވެ.

