ޗިލީގައި ކޮވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ދޭން ފަށައިފިއެވެ.
މިއީ ކޮވިޑް-19ގެ ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ދޭން ފެށި ދެވަނަ ޤައުމެވެ. ޗިލީއަށްވުރެ ކުރިން އިސްރާއީލުގައިވަނީ ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ދޭން ފަށައިފައެވެ.
ޗިލީގައި ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ދޭން ފަށާފައިވަނީ ކޮވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ޗިލީގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 4،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ.
ޗިލީގެ ރައީސް ސެބާސްތިޔަން ޕިންޔޭރާ ވިދާޅުވީ ވެކްސިންގެ ހަތަރުވަނަ ޑޯޒް އެންމެންނަށްވެސް ޖެހޭނެކަމަށެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށާއި ޢުމުރުން 55 އަހަރުން މަތީގެ މީހުންނަށް ހަތަރުވަނަ ޑޯޒް ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
19 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗިލީގައި 14 މިލިޔަން މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 11.3 މިލިޔަން މީހުންވަނީ ތިންވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

