ކެންޔާގައި ކައިވެނި ހަފުލާއަކަށް ދަތުރުކުރަމުންދިޔަ ބަހެއް ބްރިޖެއްގެ މަތިން ފުރޮޅާލައިގެން ގޮސް ކޯރެއްގެ ތެރެއަށް ވެއްޓި 23 މީހަކު މަރުވެއްޖެއެވެ.
ކިޓޫއީގެ ގަވަރުނަރު ޗެރިޓީ އެންޖިލޫ ވިދާޅުވީ، މިހާރު ބަހުގެ ތެރެއިން ނެގިފައިވާ ހަށިގަނޑު ތަކުގެ އަދަދު 23 އަށް އަރާނެ ކަަމަށާއި އަދިވެސް ބަހުގެ ތެރޭގައި އިތުރު މީހުން ތާށިވެފައި ތިބި ކަމަށް ބެލެވޭ ކަމަށެވެ.
އެންޖިލޫ ކޮށްފައިވާ ޓްވީޓެއްގައި އިތުރަށް ބުނެފައިވާގޮތުގައި ކެންޔާ ރެޑް ކްރޮސް އާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ގުޅިގެން އިތުރު މީހުން ފެނޭތޯ ބަލަމުން ދާ ކަމަށާއި އަދި ވީހާވެސް ގިނަ ބަޔަކު ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މި ހާދިސާގައި މިހާތަނަށް 17 މީހަކު ސަލާމަތްވެފައިވާއިރު، 21 މީހަކު ވަނީ މަރުވެފައި" އިއްޔެ އެންޖިލޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ބަސް ދަތުރުކުރަމުންދިޔައީ ކިތައް ފަސިންޖަރުންނާއި އެކު ކަމެއް އަދި ސާފެއް ނުވެއެވެ. އޭނާ ވިދާޅުވީ، އިތުރު 12 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނީ ޑްރައިވަރު މަސައްކަތް ކުރީ ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކޯރު ހުރަސް ކުރަން ކަމަށެވެ. ނަމަވެސް، ބަސް ފުރޮޅާލައިގެން އެކަން ކާމިޔާބުނުވީ ކަމަށެވެ.
އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނީ މި ހާދިސާ ހިނގިގޮތް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

