ޕާކިސްތާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާ ކަމަށް އެގައުމުގެ ނެޝަނަލް ކޮމާންޑް އެންޑް އޮޕަރޭޝަން ސެންޓަރު (އެނސީއޯސީ) އިން ބުނެފިއެވެ.
ޕާކިސްތާނަށް ކޮވިޑުގެ ތިންވަނަ ރާޅެއް އަރާފައިވާއިރު ފާއިތުވި 24 ގަޑިއިރުތެރޭގައި އެކަނިވެސް އެގައުމުން 1،425 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.
އެންސީއޯއިން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ހިސާބަކީ ސިންދު ޕްރޮވިންސް ކަމާއި، އެޕްރޮވިންސުން 362،182 މީހުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ޕަންޖާބް ޕްރޮވިންސުން ބަލި ޖެހިފައިވާ މީހުންގެ އަދަދު 351،707 އަށް އަރާކަމަށެވެ.
ކޮވިޑް ބަލީގައި އެގައުމުން މިހާތަނަށް 22،939 މީހުން މަރުވެފައިވާއިރު 2،525 މީހުން މިހާރުވެސް ތިބީ ނާޒުކު ހާލަތުގައި ކަމަށްވެސް އެންސީއޯސީއިން ފާހަގަ ކުރެއެވެ. އެގައުމުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 923،472 ފަރާތެއް ބަލިން ފަސޭހަވެފައިވާއިރު އެކްޓިވް ކޭސްގެ އަދަދަކީ 53،623 އެވެ.
އެންސީއޯސީ އިން ބުނީ ޕާކިސްތާނަށް ކޮވިޑުގެ ހަތަރު ވަނަ ރާޅެއް އަރަން ތައްޔާރުވެފައިވާ އިރު ކޮވިޑުގެ އާ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއެންޓުގެ އަސަރު ވަނީ ފޯރަން ފަށައިފައެވެ.
ދާދިފަހުން ޕާކިސްތާނުގެ ކަރާޗީގައި ހެދި ސާވޭއެއް ދައްކާ ގޮތުގައި އެ ސަރަހައްދުގައި ކޮވިޑް ޖެހިފައިތިބި 100 އިންސައްތަ މީހުން ފައްސިވެފައި ވަނީ ޑެލްޓާ ވޭރިއެންޓަށެވެ.
ޕާކިސްތާނަކީ އެއް ސަރަހައްދެއްގައި އެތައް ބަޔަކު ދިރިއުޅެމުންދާ ޕްރޮވިންސްތަކެއް ހުރި ގައުމެކެވެ.

