ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން މެއި 6 ވަނަދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ކޮށްފައިވާ އެންމެ ގޮންޖެހުން ބޮޑު އަދި އެންމެ ކާމިޔާބު ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގުގެ ތަފްސީރު ރޭ ފުލުހުން ހާމަކުރެއްވުމުން ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، މެއި 6 ވަނަދުވަހުގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ ނަމަވެސް އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށާއި، ގިނަ ގޮންޖެހުންތަކަކާއެކުވެސް ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބުކުރުމަށް ކުރެވުނު މަސައްކަތް ބަަލައިގަންނަ ކަމަށެވެ.
އަދި މިހަމަލާއަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމަށާއި ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބުކަމާއެކު މިމައްސަލަ ޕްރޮސެކިއުޓްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަށް އޮތް ކަމަށްވެސް މިނިސްޓަރ އިމްރާންގެ ޓުވީޓުގަިއ ވިދާޅުވެފައިވެއެވެ.
އާދީއްތަ ވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން "ސެލް" އިން ނަޝީދު އަވަހާރަކޮށްލުމުގެ މަޝްވަރާތައް 2019 ވަނަ އަހަރު ފެށި ކަމަށެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެމީހުން ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ޔާގޫތުގެ ކައިރީ ސައިކަލް ބަހައްޓައިގެން ވެސް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ.

