އެއާ އިންޑިއާއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެއާއިންޑިއާއިން ބުނީ މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން މުމްބާއީއާއި މާލެއާ ދެމެދު ކަމަށެވެ.
ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުދަ އަދި ހޮނިހިރު ދުވަހަކު ކަމަށް އެ އެއާލައިނުން ބުންޏެވެ.
ކޮވިޑް-19 ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާ ގުޅިގެން އިންޑިއާ ހިމެނޭ ގޮތުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ ބޯޑަރު މެއި މަހުގެ ތެރޭގައި ބަންދުކުރިއެވެ.
ނަމަވެސް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ވަނީ ހުޅުވާލާފައެވެ. އަދި މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ޗެކިން ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

