ކޮރޯނާވައިރަސް އަކީ ޗައިނާގެ ވޫހާންގެ ލެބޯޓަރީއަކުން ލީކުވެފައިވާ ވައިރަހެއް ކަމަށް ބުނާ ބުނުމަކީ ތެދަތަކަށް ވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މީގެ ކުރިންވެސް ސިއްހީ މާހިރުންވަނީ ވައިރަސް ލީކުވެފައިވަނީ ލެބޯޓަރީއަކުން ކަމަށް ބުނި ބުނުމާ ދެކޮޅު ހަދައިފައެވެ. ނަމަވެސް އެމެރިކާއިންވަނީ ޗައިނާއަށް ތުހުމަތުކޮށް އިންޓެލިޖެންސް އެޖެންސީ މެދުވެރިކޮށް ވައިރަހާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް 90 ދުވަސް ކަނޑައަޅައި މަސައްކަތްކޮށްފައެވެ.
ނަމަވެސް ކޮރޯނާ ވައިރަސް ލީކުވެފައިވަނީ ލެބޯޓަރީއަކުންކަން ކަށަވަރުކޮށްދޭ އެއްވެސް ހެއްކެއް ފެނިފައި ނުވެއެވެ. އެކަމާ ގުޅޭގޮތުން ސީއެންއެން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޓެލިޖެންސް ކޮމިއުނިޓީ އޮތީ ދެބަޔަކަށް ބެހިފައި ކަމަށާޢި، ވާލުގެ ފަރާތުން އިންސާނުންނަށް ޖެހުނު ވައިރަހެއް ކަމަށް އެއްބަޔަކު ބުނާއިރު އަނެއްބަޔަކު ބުނަނީ އެއީ ލެބޯޓަރީއަކުން ލީކްވި ވައިރަހެއް ކަމަށެވެ.
ޖޯ ބައިޑެންގެ ސަރުކާރުން ވައިރަހަކީ ވޫހާންގެ ލެބޯޓަރީއަކުން ލީކްވެފައިވާ އެއްޗެއް ކަމަށް ބުނިކަމުގައި ވިޔަސް ވައިރަސް ދިރާސާކޮށް އެއާ ގުޅިގެން މައުލޫމާތު ހޯދާ ބަލާ މީހުންނަށް އެ ގޮތް ގަބޫލެއް ނުކުރެވެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެއީ ޖަނަވާރެއްގެ ފަރާތުން އިންސާނުންނަށް ޖެހިފައިވާ ވައިރަހެއް ކަމަށް ބޮޑަށް ބުރަވެވެއެވެ.
ސީއެންއެންއިން ރިޕޯޓު ކޮށްފައިވާގޮތުން ދިރާސާތައް އަލުން ބަލަން ފެށުމުން އެމެރިކާއިން ވަނީ ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށައިފައެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލްވިއަން ވަނީ ޗައިނާއަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ފޮކްސް ނޫހަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ގުޅުންތަކުން ޗައިނާ އެކަހެރިވެގެން ދާނެ ކަމަށެެވެ.
ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު 2019 ގައެވެ. އޭގެ ފަހުން މިހާތަނަށް ދުނިޔޭގެ ހުރިހާ ސަރަހައްދަކުން ހެން ބަލި ވަނީ ފެނިފައެވެ. މި ބަލި އެތައް މިލިއަން ބަޔަކަށް ޖެހި، އޭގެ ތެރެއިން ބައެއް ވަނީ ދުނިޔެ ދޫކޮށް ގޮސްފައެވެ. ކޮވިޑް-19 އަކީ ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި ބަލިތަކުގެ ތެރެއިން އެއް ބައްޔެވެ.
ކޮވިޑް-19 ހަލުވިކަމާ އެކު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދިވެސް ދަނީ ފެތުރެމުންނެވެ.

