އިންޑޮނޭޝިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު ބަލި ޖެހޭ ފަރާތްތަކުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ ދަނޑިވަޅުގައި އޮކްސިޖަން ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު މަރުވާން ފަށައިފިއެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އޮކްސިޖަން ހުސްވުމުގެ ސަބަބުން ގިނަ ބަޔަކު އަމިއްލަ ހަރަދުގައި އޮކްސިޖަން ސިލިންޑަރުތައް ގަންނަން މިހާރު ވަނީ ފަށާފައިކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި މިހާރު އިންޑޮނޭޝިއާގައި އަމިއްލައަށް ގަންނަންވެސް އޮކްސިޖަން ނުލިބޭ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
އިންޑޮނޭޝިއާގެ ހޮސްޕިޓަލްތައް ފުރިފައިވާއިރު ބައެއް ހޮސްޕިޓަލްތަކުގެ ކުރިމަތީގައި ޓެންޓު ޖަހައިގެންވެސް ބަލިމީހުންނަށް ފަރުވާދެމުންގެންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

