މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ "އޮޅު ހިޔާ" ސަރުކަރާއި ހަވާލު ކުރަން މާލެ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފިއެެވެ.
މި ސަރުކާރުގެ "ހަފްތާ 14″ ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ފެސިލިޓީ ހުޅުވާފައި ވަނީ ހުޅުމާލޭގެ ފޭސް-2 ގައެވެ.
ނޮވެމްބަރު ދެ ވަނަ ދުވަހު މިތަން ހުޅުވަން ބޭއްވި ހާއްސަ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު މުހައްމަދު ވިދާޅުވީ މި މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިއްޔެ ބޭއްވި މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގެ އިއްތިފާގުން މިތަން ސަރުކާރާއި ހަވާލު ކުރަން ވަނީ ނިންމައިފައެވެ.
"އޮޅު ހިޔާ" އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫއުގެ މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.

