ކުޅުދުއްފުށި ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރު ސެލްފް ސާވިސް އޭޓީއެމްއެއް ގާއިމުކޮށް ބޭނުންކުރެވޭގޮތް ހަދައިފިއެވެ.
ކުޅުދުއްފުށީގައި މީގެކުރީންވެސް ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް އިނދެއެވެ. ނަމަވެސް އެތަނުގައި މިހާރު ވަނީ އަނެއްކާ އިތުރު އޭޓީއެމްއެއް ބައިންދާފައެވެ.
އެއާ ގުޅިގެން ބީއެމްއެލް އިން ބުނެފައިވަނީ ކުޅުދުއްފުށީގައި ދެ އޭޓީއެމް ސެންޓަރު ހުރުމާ ގުޅިގެން މިހާރު ބޭންކުން ފައިސާގެ މުއާމަލާތްތައް ހިންގުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.
އަލަށް ތައާރަފުކުރި ހިދުމަތާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްގެ ހިދުމަތް ދިނުމަށް ހދ. އަތޮޅުގައި ހަތަރު އޭޓީއެމް ސެންޓަރު ގާއިމުކޮށްފައިވާއިރު އެތަނުން ދެތަން ހުންނާނީ ކުޅުދުއްފުށީގައެވެ. އޭގެއިތުރުން ދެން އޭޓީއެމް ސާވިސް ލިބޭނީ މަކުނުދޫއިންނާއި ހަނިމާދޫއިންނެވެ.
މަކުނުދޫއަށް އޭޓީއެމްގެ ސާވިސް ތައާރަފުކޮށްފައިވަނީ މި މަހުގައެވެ.

