ލ. މާމެންދޫ ކައިރީގައި އޮންނަ ހުޅިމެންދޫގައި ފަސް ތަރީގެ ޓްރެއިނިންގ ރިސޯޓެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެރަށުގައި ރިސޯޓެއް ތަރައްގީކޮށް، ހޮޓެލް ސްކޫލެއް ގާއިމްކޮށްދެއްވާނެ ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ރިޔާސީ ކެމްޕެއިން ތެރޭގައި ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިޔާސިޓީ (އެމްއެންޔޫ)ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެމްއޯޔޫގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ފައިސަލް އިބްރާހީމެވެ. އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
މި އެއްބަސްބުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމަން ވަޒީރު ފައިސަލް ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 53 އަހަރުގެ ސިނާއަތް މިހާރަށްވުރެ ހަރުދަނާކޮށް ރާއްޖޭއަކީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ ގޮތުގައި ދެމި އޮންނަން ބޭނުންވާތީ މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތައުލީމު އުގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ހުޅުވާލެވުނު ފުރުސަތުގެ ސަބަބުން މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ޓޫރިޒަމް ސިނާއަތުގެ ތެރެއިން ދިވެހިންނަށް މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަކަށް މިސިނާއަތް ބައްޓަންކުރުމަކީ މިއަދު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެގޮތުން ރައީސްގެ ވިސްނުންފުޅު ހުރީ ޓޫރިޒަމް ނެތް ތަނުގައި އެ ސިނާއަތް ފުޅާކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވައިސް ޗާންސެލަރ ޝެހެނާޒް ވިދާޅުވީ، މިއަދަކީ ތައުލީމީ ދާއިރާއަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ގައުމީ ޔުނިވާސިޓީން ހުޅިމެންދޫގައި ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯސްއަކާއެކު ޓްރެއިނިންގ ސްކޫލެއް ގާއިމްކުރުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ. މިމަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް މަގުފަހިވެ، އެކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

