ދައުލަތުގެ ޓެކްސް އިދާރާ މިރާއަށް މިދިޔަ މަހު 1.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ.
މީރާއިން ބުނިގޮތުގައި މިދިޔަ އަހަރުގެ މާޗު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ މާޗު މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.
މާރިޗު 2020 ގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުންކޮށްފައިވާތީ ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ. އެހެންކަމުން، މާރިޗު 2020 ގައި މި ފައިސާ ލިބިފައެއް ނުވެއެވެ.
އޭގެ އިތުރުން، މިދިޔަ މަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ މި ދާއިރާއިން ލިބިފައިވާ ޓީޖީއެސްޓީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.
މިދިޔަ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 51.0 ޕަސަންޓު ނުވަތަ 676.90 މިލިއަން ރުފިޔާއެވެ.

