މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އެކި ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ
"ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން 45 މީހަކަށް އެ ކުންފުނީގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޓިވެޓް އޮތޯރިޓީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އެމްޕީއެލް އިން ހިންގާ ޕްރޮގްރާމްގެ ތަމްރީނުގެ މުއްދަތުގައި ކޮންމެ މަހަކު އެލަވެންސެއްގެ ގޮތުގައި 5،000ރ. ލިބޭނެ ކަމަށް މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން ބުންޏެވެ.
އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ލިބޭ މި ޕްރޮގްރާމުގައި ބައިވެރިވާން އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ.
އެމްޕީއެލްގައި ތަމްރީނު ހާސިލް ކުރުމަށް ހުޅުވާލާފައިވާ ދާއިރާތައް:
– ފޮޓޯގްރާފަރު، 1 ސްލޮޓް
– ހެވީ ވެހިކަލް އޮޕަރޭޓަރު، 22 ސްލޮޓް
– ވެލްޑަރު، ހަތް ސްލޮޓް
– ކާޕެންޓަރު، ހަތަރު ސްލޮޓް
– މޭސަން، ހަތަރު ސްލޮޓް
– އެޑްމިނިސްޓްރޭޓިވް އޮފިސަރު، ތިން ސްލޮޓް
– އެއާ ކޮންޑިޝަނިން ސާވިސް އެންޑް ރެފްރިޖަރޭޝަން، ހަތަރު ސްލޮޓް
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އެޕްރެޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް އެ ދާއިރާއަކުން ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

