އިއްޔެ ރާއްޖެ އައި 5300 ފަތުރުވެރިންނާއިއެކު އާރެކޯޑެއް

އިއްޔެ ރާއްޖެ އައި 5300 ފަތުރުވެރިންނާއިއެކު އާރެކޯޑެއް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލިފަހުން އެއްދުވަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހަކަށް އިއްޔެ ވެއްޖެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކުރައްވައިފިއެވެ. އިއްޔެ ރާއްޖެއަށް 5375 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެކުރިން އެންމެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5100 ފަތުރުވެރިންނެވެ.

ރާއްޖެއަށް ރެކޯޑް އަދަދެއްގެ ފަތުރުވެރިން އައުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި މަރުޙަބާ އާއި ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖެއަންނަ ފަތުރުވެރިން މި ދަނޑިވަޅުގައިވެސް ރާއްޖެއަށް އިތުބާރުކޮށް ރާއްޖެ އަންނަމުންދާތީ އެ ފަތުރުވެރިންނަށްވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 272000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. ރާއްޖެއައި ފަތުރުވެރިންގެ %23.5 އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޔޫކްރެއިނުންނެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް މިހާތަނަށް ރާއްޖޭގައި 692 ތަނެއް ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ 150 ރިސޯޓް، 394 ގެސްޓްހައުސް، 137 ސަފާރީ އަދި 11 ހޮޓެލްއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *