އިންޑިއާގެ ސްޕައިސް ޖެޓާއި ގުޅިގެން މޯލްޑިވިއަން އިން އެ ގައުމުގައި ދެމުން އަންނަ ސީޕްލޭންގެ ހިދުމަތުން ރަނގަޅު ނަފާއެއް ލިބޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މޯލްޑިވިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، އެ ކުންފުނީގެ ސީޕްލޭންތަކުން އިންޑިއާގައި ކުރަމުން އަންނަ ދަތުރުތަކުން ފައިދާވާ ކަމަށާއި މިހާރު ވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓެއް އޮތީ ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) ގައި ކަން ފާހަގަކުރައްވައި މިހާދު ވިދާޅުވީ، މާލީގޮތުން ލިބޭ މަންފާގެ އިތުރުން އިންޑިއާގައި ކުރަމުން އަންނަ ދަތުރުތަކުގެ ސަބަބުން އެ ކުންފުންޏަށް އެހެން ގޮތް ގޮތުން ވެސް ފައިދާ ވަމުން އަންނަކަމަށެވެ.
ޓީއެމްއޭގެ ފްލީޓުގައި 56 ސީޕްލޭން މިހާރު އޮވެ އެވެ. އަދި މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އިތުރު ހަތަރު ބޯޓު ފްލީޓަށް އިތުރުކޮށް ޖުމުލަ 60 ބޯޓަށް އިތުރު ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ޓީއެމްއޭ އިން ރާއްޖޭގައި އޮޕަރޭޓު ކުރާތާ 30 އަހަރު ވެފައިވާއިރު 80 ރިސޯޓަކަށް ދަތުރުތައް ކުރެ އެވެ. އަދި ދުވާލެއްގެ މައްޗަށް 150 ދަތުރު ޓީއެމްއޭ އިން އެވްރެޖުކޮށް ބާއްވަ އެވެ.

