ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާތެރި ކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވި ފަހުން މިހާތަނަށް ރާއްޖޭގެ 374 ގެސްޓްހައުސް އާއި 148 ރިސޯޓު ހުޅުވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އަށް އަތޮޅެއްގެ 55 ރަށުގެ 374 ގެސްޓްހައުސްއެއް ވަނީ ހުޅުވާފަ އެވެ.
ގެސްޓްހައުސް އަލުން ހުޅުވި ރަށްތަކުގެ ތެރެއިން އެންމެ ގިނަ އެނދު މިހާތަނަށް ހުޅުވާފައިވަނީ މާލެ އަތޮޅުންނެވެ. ގްރޭޓާ މާލެ ސަރަހައްދުގެ 49 ގެސްޓްހައުސްއެއްގެ 1420 އެނދު ވަނީ އަލުން އޮޕަރޭޓް ކުރަން ފަށާފަ އެވެ. މީގެ އިތުރުން މާފުށީގެ 28 ގެސްޓްހައުސްއެއްގެ 1،078 އެނދު އަލުން އޮޕަރޭޝަަނަށް ގެނެސްފައިވެއެވެ.
މިހާތަނަށް 18 އަތޮޅެއްގެ 148 ރިސޯޓު އަލުން އޮޮޕަރޭޝަނަށް ގެނެސް މި ތަންތަނުގައި ހުރި 34،226 އެނދު ވަނީ ހުޅުވައި ހިދުމަތް ދޭން ފަށާފަ އެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިސްޓުންނަށް ހިދުމަތްދޭ 673 ތަނެއްގެ ޖުމްލަ 45،233 އެނދު މިހާރު ވަނީ އަލުން އޮޕަރޭޓް ކުރަން ފަށާފަ އެވެ.

