އޭއެފްސީ ކަޕްގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލެއްގައި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ހިމެނިއްޖެ އެވެ.
އަކުރަމް އަކީ މި ޝޯޓްލިސްޓުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ދެކުނު އޭޝިއާ ސަރަހައްދުން ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. ދެން ގިނައިން ހިމެނެނީ އޭޝިއާގެ ވެސްޓް ޒޯނަށް ނިސްބަތްވާ ގައުމުތަކުގެ ކުޅުންތެރިންނެވެ.
އޭއެފްސީ ރަސްމީ ވެބްސައިޓްގައިވާ ގޮތުން އޮންލައިން ވޯޓަކުން ހޮވާ ޑްރީމް ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށެވެ. އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް އަކުރަމް އަށް ވޯޓު ދެވޭނެ އެވެ. އޭއެފްސީން ވަނީ 12 ޑިފެންޑަރުން މި ޕޯލްގައި ޝޯޓްލިސްޓުކޮށްފަ އެވެ.
އުމުރުން 33 އަހަރުގެ އަކުރަމް އެންމެ ފުރަތަމަ އޭއެފްސީ ކަޕްގައި ކުޅެފައިވަނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެއީ 2005 ވަނަ އަހަރު ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ފަހަރު އެވެ. އޭއެފްސީ ކަޕްގެ 10 މުބާރާތެއްގައި މިހާތަނަށް އަކުރަމް ވަނީ ކުޅެފަ އެވެ. ނިއުގެ އިތުރުން އޭއެފްސީ ކަޕްގައި ދެން އަކުރަމް ކުޅެފައިވަނީ ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބަށެވެ.
އޭއެފްސީ ވެބްސައިޓްގައިވާ ގޮތުން އަކުރަމް ވަނީ މިހާތަނަށް އޭއެފްސީ ކަޕްގައި 25 މެޗު ކުޅެފަ އެވެ. ފުޓްބޯޅަ ކެރިއަރުގައި އަކުރަމް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަކުރަމް އަކީ 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ޗެމްޕިއަންކަން ހޯދި ގައުމީ ޓީމުގެ ކެޕްޓަނެވެ. އޭގެ 10 އަހަރު ކުރިން ފުރަތަމަ ފަހަރަށް ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.

