އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ ޔުނިޓީ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގދ އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި އެވެ.
ޔުނިޓީ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތަކީ އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ ޔުނިޓީ ޖަމިއްޔާއިން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ޖުމުލަ 8 ޓީމަކުން ބައިވެރިިވި އިރު މުބާރާތް ކުރިޔަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގދ އަތޮޅު ތައުލީމީ މަރުކަޒު ފައިނަލަށް ދަތުރުކުރީ ގްރޫޕު ސްޓޭޖުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ ސެމީ ފައިނަލްގައި ހިރާ ސްކޫލާއި ދެކޮޅަށް ކުޅެ 11-0 ގެ ނަތީޖާއަކުންނެވެ.
ގދ އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ބޮޑު ނަތީޖާއަކުން ސީނު އަތޮޅު ސްކޫލު ބަލިކޮށްގެންނެވެ. މި މެޗު ގދ އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.
މެެޗުގެ ފުރަތަމަ ހާފުގައި ގދ އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 6 ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ގދ އަތޮޅު ތައުލީމީ މަރުކަޒު ކުރީގައި އޮވެއެވެ. ދެވަނަ ހާފުގައި ސީނު އަތޮޅު ސްކޫލުން ކުޅުން ރަނގަޅުކޮށް އެއް ގޯލް ކާމިޔާބުކުރި އިރު ގދ އަތޮޅު ތައުލީމީ މަރުކަޒުންވެސް މި ހާފުގައި އެއް ގޯލް ކާމިޔާބުކުރުމާއި އެކު ދެވަނަ ހާފު ނިމި މުބާރާތުގެ ޗެމްޕިއަންކަން ގދ އަތޮޅު ތައުލީމީ މަރުކަޒުން ހޯދީ 7-1 ގެ ނަތީޖާއަކުންނެވެ.
މިއީ ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ފުޓްބޯޅަ ޓީމަކުން މިފަހުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

