ޓެކުހުގެ އާމްދަނީގެ ގޮތުގައި ދައުލަތަށް މިއަހަރުގެ މިހާތަނަށް ލިބިފައިވަނީ 2,1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ދައްކާގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2,427.1 މިލިއަން ރުފިޔާއެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 2,102.4 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 321.3 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި 3,335.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޓެކުހުގެ ގޮތުގައި ލިބުނު 2,717.9 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 604.1 މިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މިމުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި ލިބިފައި ވަނީ 1.1 މިލިއަން ރުފިޔާއެވެ. އަދި މިއަހަރު ގްރާންޓްސްގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިބުނު އިރު، ފާއިތުވި އަހަރު ގްރާންޓްސްގެ ގޮތުގައި 16.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއަހަރުގެ މިހާތަނަށް ސަރުކާރުން 2,361.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 1،669 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 692.6 މިލިއަން ރުފިޔާއެވެ.

