މިޔަންމާގެ ސިފައިންގެނައި ބަޣާވާތާއި ގުޅިގެން ދެކޮޅަށް އެގައުމުގެ އާންމުން ކުރަމުންދާ މުޒާހަރާ ތެރެއަށް ބަޑިޖަހައި ދެމީހަކު މަރާލައިފިއެވެ. މިޔަންމާގެ މަގުތަކުގައި ކުރަމުން ގެންދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހުގެ އިތުރުން ފެން ޖަހައި މުޒާހަރާ ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ.
އިއްޔެ އެ ގައުމުގެ މަންޑޭލޭ ސިޓީގައި ކުރިޔަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން އަސްލު ވަޒަން ބޭނުން ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މުޒާހަރާތެރެއަށް ބަޑިން ދިން ހަމަލާތަކުގައި 30 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު ދެމީހަކު ވަނީ ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ބަޣާވާތާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އަނިޔާވި ޒުވާން އަންހެންކުއްޖަކުވެސް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވެއެވެ.

