ކޮވިޑް-19 ވެކްސިނާ ބެހޭ ސައްޙަ ނޫން މައުލޫމާތު ފެތުރުމުގެ ސަބަބުން އިސްރާއީލުގައި ވެކްސިން ޖަހާ މިންވަރު 50 ޕަސެންޓު ދަށްވެއްޖެ ކަމަށް އެގައުމުގެ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމްގައި އިސްކޮށް ހުންނަވާ ކަލަނިތު ކަޔޭ ވިދާޅުވެއްޖެ އެވެ.
ކަޔޭ ވިދާޅުވި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 19ގައި އިސްރާއީލްގައި ފައިޒާގެ ކޮވިޑް ވެކްސިން ދޭން ފެށި އިރު ކޮންމެ ދުވަހަކު 100،000 އާއި 120،000އާ ދެމެދުގެ އަދަދަކަށް މީހުން ވެކްސިން ޖަހަން ދެ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ވެސް މީހުން ވެކްސިން ޖަހަން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ އާބާދިގެ ނުވަ މިލިއަން މީހުންގެ ތެރެއިން 3.4 މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން ދެ މިލިއަން މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒްވެސް ވަނީ ދީފަ އެވެ.
އިސްރާއީލުން މިދިޔަ ހަފްތާގައި އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގައި ކޮވިޑް ވެކްސިން ޖަހަން ފެށި ފަހުން އެގައުމުގެ 60 އަހަރުން މަތީގެ އާބާދީގައި ބަލި ޖެހޭ މިންވަރު ވަނީ 41 ޕަސެންޓު ދަށްވެފަ އެވެ. އަދި ކޮވިޑް ޖެހިގެން އެ އުމުރުފުރާގެ މީހުން ހޮސްޕިޓަލްގައި އެޑްމިޓު ކުރާ މިންވަރު ވަނީ 31 ޕަސެންޓު ދަށްވެފަ އެވެ.

