ރަޝިޔާގެ ކޮވިޑް-19 ވެކްސިނުން ދިފާއުވުމުގެ ފުރުސަތު 92 އިންސައްތައަށް

ރަޝިޔާގެ ކޮވިޑް-19 ވެކްސިނުން ދިފާއުވުމުގެ ފުރުސަތު 92 އިންސައްތައަށް

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިޔާ އިން އުފެއްދި ވެކްސިން ކަމަށްވާ ސްޕަޓްނިކް-5 ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 92 އިންސައްތަކަމަށް ތިންވަނަ މަރުހަލާގެ ތަހުލީލުތަކުން ދައްކައިފިއެވެ. އެ ނަތީޖާތައް މިހާރުވަނީ ބައިނަލްއަޤްވާމީ މެޑިކަލް ޖަރނަލެއްކަމަށްވާ ދަ ލޭންސެޓުގައި ޝާޢިއުކޮށްފައެވެ.

މޮސްކޯގައި ހުންނަ ގަމާލެޔާ އިންސްޓިޓިއުޓުގައި ތައްޔާރުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ ދިރާސާތަކުގެ ނަތީޖާއާއި ފުރަތަމަ މަރުހަލާތަކުގެ ނަތީޖާތަކާއި ދިމާވެއެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ތަހުލީލު ނަތީޖާތައް ނުލިބެނީސް ރަޝިޔާއިންވަނީ ސްޕަޓްނިކް-5 ވެކްސިނަށް ހުއްދަދީފައެވެ. އެ ޤައުމަކީ އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިނަކަށް ހުއްދަ ދިން ގައުމެވެ.

އޭގެ ދުވަސްކޮޅެއްފަހުން ކުރީ ސަފުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކަށްވަނީ ވެކްސިން ދޭން ފަށައިފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުންގެ ތެރެއިން ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށްވެސްވަނީ އެ ވެކްސިން ދީފައެވެ. ޖަނަވަރީ މަހުން ފެށިގެން އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށްވަނީ އެ ވެކްސިން ދޭން ފަށައިފައެވެ.

ތިންވަނަ މަރުހަލާގެ ނަތީޖާތައް ނުލިބެނީސް ވެކްސިނަށް ހުއްދަދީ އާންމުންނަށް އެ ވެކްސިން ދޭން ފެށުމުގެ ސަބަބުން އެ ޤައުމަށްވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. މާ އަވަސް އަރުވާލައިގެން ވެކްސިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަށާއި އެ މަސައްކަތް ކޮށްފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫންކަމަށް ގިނަ ފަރާތްތަކަކުން ދިޔައީ ބުނަމުންނެވެ.

ވެކްސިން ތަހުލީލުކުރުމުގައި ބައިވެރިވެފައިނުވާ ސައިންސުވެރިން ވެކްސިންގެ ތިންވަނަ މަރުހަލާގެ ނަތީޖާތައް ދިރާސާކުރުމަށްފަހުވަނީ އެ ވެކްސިން ބޭނުންކުރުމުގެ ފެހި ސިގްނަލު ދީފައެވެ. އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް މަތިވުމަކީ ފަހު މަރުހަލާގެ ނަތީޖާތަކަށް މަޑުނުކޮށް އެ ޤައުމުން ވެކްސިން ޖަހަން ފަށައިފައިވާ ފެށުން ކޮންމެވެސް ވަރަކަށް ބަލައިގަނެވޭ ކަމެކެވެ.

ސައިންސުވެރިންބުނީ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް މިހާރު ސާފުކަމަށާއި ކޮވިޑް-19އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި މިހާރު އެ ވެކްސިން ބޭނުންކުރެވޭނެކަމަށެވެ. ރަޝިޔާގެ ވެކްސިންވަނީ 19،866 މީހެއްގެ މެދުގައި ތަހުލީލުކޮށްފައެވެ. އޭގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުންނަށް ދީފައިވަނީ ޕްލެސީބޯއެކެވެ. ދެން ބާކީ ތިބި މީހުންނަށް ދީފައިވަނީ ތަހުލީލުކުރަމުންދިޔަ ވެކްސިނެވެ.

މޮސްކޯގައި ތަހުލީލުތައް ފެށީންސުރެ ވެކްސިން ދިން މީހުންގެ ތެރެއިން އަލާމާތްތަކާއިއެކު ބަލިޖެހިފައިވަނީ 16 މީހުންނަށެވެ. ޕްލެސީބޯ ދިން މީހުންގެ ތެރެއިން 62 މީހަކަށްވަނީ އަލާމާތްތަކާއިއެކު ބަލިޖެހިފައެވެ. އެ ނަތީޖާއިން ދެއްކި ގޮތުގައި ދެ ޑޯޒް ހިމެނޭ ސްޕަޓްނިކް-5 ވެކްސިންގެ ދެ ޑޯޒް 21 ދުވަހުގެ ދުރުކަމަކާއިއެކު ދިނުމުން އެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 91.6 އިންސައްތައެވެ.

ސްޕަޓްނިކް ފަހެއްގެ ތަހުލީލުތަކުގައި އުމުރުން 60 އަހަރުން މަތީގެ 2،144 މީހުންވަނީ ބައިވެރިވެފައެވެ. އެ އުމުރުފުރައިގެ މީހުންނަށް ބަލިޖެހުމުން ރައްކާތެރިކޮށްދިނުމުގައި ވެކްސިންގެ ކާމިޔާބީގެ ނިސްބަތަކީ 91.8 އިންސައްތައެވެ. އެ އުމުރުފުރައިގެ މީހުންގެ ތެރެއިން ވެކްސިން ދިން އެއްވެސް މީހަކަށް ވެކްސިން ދިނުމުގެ ސަބަބުން އެއްވެސް ބޮޑު މައްސަލައެއް ދިމާވެފައެއް ނުވެއެވެ.

ގަމާލެޔާ އިންސްޓިޓިއުޓުން މިހާރުދަނީ ކޮވިޑް-19ގެ އައު ވައްތަރުތަކާއި ދެކޮޅަށް ސްޕަޓްނިކް ފަހެއް ވެކްސިން ތަހުލީލުކުރަމުންނެވެ. އެ ތަހުލީލުތަކުން މިހާތަނަށް ލިބިފައިވާ ނަތީޖާތައް ވަރަށް ރަނގަޅުކަމަށް ގަމާލެޔާ އިންސްޓިޓިއުޓުންވަނީ ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *