އެމަޒަންގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކޮށްފި 

އެމަޒަންގެ ސީއީއޯ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކޮށްފި 

އެންމެ ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ އެއްކުންފުނި ކަމަށްވާ އެމެޒަން އިން އެކުންފުނީގެ ބާނީ އަދި ސީއީއޯ ޖެފް ބެޒޮސް އިސްތިއުފާ ދެއްވަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

މުޅި ދުނިޔެއަށް ވެސް ހައިރާންކަން ލިބިގެން ދިޔަ މިޚަބަރު ޖެފް އިއުލާން ކުރެއްވީ އޭނާ އެމެޒަންގައި އާއްމު ކުރެއްވި މެސެޖެއްގައެވެ.

އެމަޒަންގެ މަސައްކަތްތަކުން ޖެފް ދުރަށް ވަޑައިގެންނެވި ނަމަވެސް މިއީ އޭނާ ރިޓަޔާ ކުރެއްވުން ނޫން ކަމަށް އޭނާާ ވިދާޅުވެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ދެން ކުރައްވަވާނެ ކަންކަމުގެ ތަފްސީލެއް ޖެފް އަދި ހާމައެއް ނުކުރައްވައެވެ. ޖެފް ވިދާޅުވީ އޭނާ އެމަޒަންގެ ސީއީއޯގެ މަގާމުން ދުރަށް ވަޑައިގަންނަވާނީ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައެވެ.

ޖެފް އެމަޒަންގެ ސީއީއޯގެ މަގާމު ދޫކޮށްލެއްވުމުން ދެން އެމަގާމަށް ވަޑައިގަންނަވާނީ އެމަޒަންގެ ދަށުން މިހާރު ހިންގަމުން އަންނަ ސަބްސިޑަރީއެއް ކަމަށްވާ އެމަޒަން ވެބް ސާވިސްގެ ސީއީއޯ ޖެސީއެވެ.

ޖެފް އެމަޒަންގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން މިކުރެއްވީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުންފުންޏަށް 100 ބިލިއަން ޑޮލަރުގެ ފައިދާއެއްވިކަން އިއްޔެ އިއުލާން ކޮށްފައި ވަނިކޮށެވެ. ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު އޮންލައިންކޮށް ވިޔަފާރި ކުރުން އިތުރު ވުމުން އެމަޒަންގެ ފައިދާ ވަނީ މީން ދުވަހަކު މައްޗަށް ނުދާވަރަށް މައްޗަށް ގޮސްފައެވެ.

ވޮޝިންޓަން ޕޯސްޓުން ބުނާ ގޮތުގައި އެމެޒަންގެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވި ނަމަވެސް ޖެފް އެމެޒަންގެ މުހިއްމު މަސައްކަތުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އޭނާ ދެން ބޮޑަށް އިސްކަން ދެއްވާނީ ޖައްވަން ފަތުރުވެރިން އުފުލަން ކުރިއަށް ގެންދާ ބްލޫ އޮރިޖިން މަޝްރޫއުއަށް ކަމަށް އެނޫހުން ބުނެއެވެ.

ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެފް އެމެޒަން ކުންފުނި އުފެއްދެވީ 1994 ވަނަ އަހަރު އެވެ. އޮންލައިންކޮށް ފޮތް ވިއްކާ ވެބްސައިޓެއްގެ ގޮތުގައި ވަރަށް އާދައިގެ ގޮތަކަށް ފެށި މަސައްކަތުން މިހާރު އެކުންފުނީގެ އަގު 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ޖެފް އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *