ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރުގެ މަގާމަށް ސަހާ ވަހީދު އައްޔަންކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ވިދާޅުވި ގޮތުގައި މި މަގާމުގެ މަސްއޫލިއްޔަތާއެކު ބޭންކިން އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓް ބަލަހައްޓަވާނީ ސަހާއެވެ.
ބޭންކިން ދާއިރާގައި 18 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަހާ ވަނީ ބޭންކުގައި މުހިންމު މަގާމުތަކެއް ފުރުއްވައިފައެވެ. މީގެ ތެރޭގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިން އެންޑް ޗޭންޖް މެނޭޖްމަންޓްގެ އިތުރުން އެންމެ ފަހުން އަދާކުރެއްވި ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.
ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް ސައިންސް ޑިގްރީ ހާސިލު ކުރައްވައިފައެވެ. އަދި މީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓާ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެއެވެ. ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލު ކުރައްވައިފައެވެ.
ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ބޭންކުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި، ބޭންކުން މިއަދު އައު އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިޢުލާނުކޮށްފައިވެއެވެ. ޗީފް ފައިނޭންޝަލް އޮފިސަރު ނަންދަނަ ސެނެވިރަތުނެ އަދި ޗީފް ރިސްކް އޮފިސަރު ގެރީ ލޯޓަންގެ އިތުރުން، އަންނަނިވި މަގާމުތަކަށް އިތުރު ބޭފުޅުން ވަނީ އައްޔަންކޮށްފައެވެ.
- އަދުލީ އަޙްމަދު ދީދީ، ޗީފް ޓެކްނޮލޮޖީ އޮފިސަރ (ސީޓީއޯ): ބޭންކުގެ ޓެކްނޮލޮޖީ ސްޓްރެޓެޖީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބަލަހައްޓަވާނީ އަދުލީއެވެ.
- މޫސާ ނިމާލް، ޗީފް ބިޒްނަސް އޮފިސަރ (ސީބީއޯ): ކޯޕަރޭޓް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވާނީ ނިމާލްއެވެ.
- ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރ (ސީސީއޯ): ކްރެޑިޓް ރިސްކް މެނޭޖްމަންޓް، ރިކަވަރީސް އަދި ކްރެޑިޓް އެޑްމިނިސްޓްރޭޝަން ބަލަހައްޓަވާނީ ރަޝްފާއެވެ.
- އައިޝަތު ޒަމްރާ ޒާހިރު، ޗީފް މާކެޓިންގ އޮފިސަރ (ސީއެމްއޯ): މާކެޓިންގ، ކަސްޓަމަރ ސަރވިސަސް، އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ބަލަހައްޓަވާނީ ޒަމްރާއެވެ.
- ޙަސަން ކަލާމް، ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރ (ސީއައިބީއޯ): ބީއެމްއެލް އިސްލާމިކްގެ ދަށުން ހިދުމަތްދޭ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވާނީ ކަލާމްއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މުހިންމު ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވިގެން ދިޔަ ކަމީ ތައުލީމީ ގާބިލް ދިވެހިން ބިނާ ކުރުމަށް ބޭންކުން ދޭ އަހަންމިއްޔަތުކަން ކަމަށެވެ.
"މިއިން ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ދާއިރާގައި ނަމޫނާ ތަޖުރިބާކާރުން؛ އަދި އެބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ރާއްޖޭގެ ބޭންކިން ދާއިރާއާ ބެހޭ ގޮތުން ހޯއްދަވާފައިވާ ފުރިހަމަ މައުލޫމާތާއެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ." ޝަރީފް ވިދާޅުވިއެވެ.

