އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. އައިޝަތު ރަމީލާ ފަދަ ހީވާގި އަމާންތެރި ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައި ވެސް ކަމަނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން އަޅުގަނޑު ޔަގީންކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދުއާއަކީ، ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އެކަމަނާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަގްބަލެއް މިންވަރުކުރެއްވުން ކަމަށެވެ.
ރަމީލާ އެ މަގާމަށް އައްޔަން ކުރީ ނޮވެމްބަރު 17، 2023 ގައެވެ. އޭނާއަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ރަމީލާ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކެންސަރުގެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް އެކަމަނާ ވެވަޑައިގެންނެވިއެވެ. މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން ރަމީލާ ގެންދެވީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.

